އިންސާނަކަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ރަނގަޅުގޮތުގައި ކުއްޖަކު ބަލައި ބޮޑުކުރުމެވެ. އެމަސައްކަތްކުރާ ބައަކީ ހެޔޮލަފާ މައިންނެވެ.
މައިންނާއި ކުދިންނާއި ހުންނަ ގުޅުން އެނގޭހެއްޔެވެ؟ ތުއްތު ކުދިން ރޯއަޑަށް މައިމިހާގެ ގާތަށް ކިރުއެރެއެވެ. (މީގެ މާނައަކީ ކިރު މަދުވެގެން ގާތުން ދިނުން އުނދަގޫވެއްޖެނަމަ ކުދިން ރޮއްވާށެކޭއެއް ނޫނެވެ. ޤަބްދުގައި ކުދިން ރޮއްވައިގެން ނުވާނެއެވެ. އެހެނީ ރޮއްވިނަމަވެސް ކިރުއެރޭނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. ވީމާ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރުމެއް ނެތެވެ. އެކަމަކުން ފައިދާއެއް ނުކުރާނެއެވެ.)
މީގެ އިތުރުން ކުޑައިރު ކިތަންމެ ކުޑަކަމެއް ކުރިމަތިވިޔަސް މަންމައަށް ގޮވައި މަންމައާއި ދިމާއަށް ދުއްވައިގަނެވެއެވެ. ވަރަށް މަދު ކުއްޖަކު ނޫނީ ކުއްޖާގެ ހުރިހާ މީހަކީ މަންމަ ކަމަށް ޤަބޫލުކޮށް މަންމަގެ ޙިމާޔަތާއި ރައްކައުތެރިކަމަށް އެދެއެވެ. އަދި 8 އަހަރުވަންދެން ޤުދްރަތީ ބާރަކުން ދަރިފުޅު ބަނދެވެއެވެ.
ކޮންމެ އަހަރަކު އަހުރެމެންގެ ސްކޫލްގެ 15، 16 އަހަރުގެ ކުދިން ޢުމްރާއަށް ގެންދަމެވެ. އެކުދިންގެ ގާތުގައި މަންމަ އާއި ބައްޕަކުރެން ބޮޑަށް "މިސްވަނީ" ކާކުތޯ ސުވާލުކުރުމުން ހުރިހާ ކުދިންވެސް ބުނަނީ މަންމަގެ ވާހަކައެވެ. ވަރަށް މަދުކުއްޖަކު ނޫނީ ބައްޕަގެ ވާހަކައެއް ނުބުނެއެވެ. ބައެއް ކުދިން އެވާހަކަ ބުނަމުން ރޮއި ކަރުނަ އަޅައެވެ. އެކަމުންވެސް އެނގެނީ އެކުދިންނާއި މަންމައާއި ގޮންނަ ގުޅުމުގެ ބަދަހިކަމެވެ. މަންމަ ދެކެ ލޯބިވާ މިންވަރެވެ.
އަހުރެން ފާހަގަކޮށްލާނަމެވެ. ފުރަތަމަ 4 އަހަރު ކުދިންނަށް ލޯބިދިނުމުގައާއި އަޅައިލުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭށެވެ. ކުރެވޭ ކަމަކާއި ގުޅިގެން ރުޅިއައިސް ނުބައި ބަސްބުނުމާއި ބާރަށް ބަސްބުނުން ފަދަ ކަންކަން ނުކުޜާށެވެ!
- ބިލާލް އައްސަދުގެ ދަރުސަކުން