ޢާއިޝަތު ރަފާޙް ޢަލީ
وَحَدَّثَنِي عَن مَالِكٍ، عَن يَحيَى بْنِ سَعِيدٍ، عَنِ النُّعْمَانِ بْنِ مُرَّةَ، أَنَّ رَسُولَ اللهِ ﷺ قَالَ: مَا تَرَوْنَ فِي الشَّارِبِ، وَالسَّارِقِ، وَالزَّانِي؟ وَذَلِكَ قَبْلَ أَنْ يُنْزَلَ فِيهِمْ، قَالُوا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: هُنَّ فَوَاحِشُ، وَفِيهِنَّ عُقُوبَةٌ، وَأَسْوَأُ السَّرِقَةِ الَّذِي يَسْرِقُ صَلاَتَهُ، قَالُوا: وَكَيْفَ يَسْرِقُ صَلاَتَهُ يَا رَسُولَ اللهِ؟ قَالَ: لاَ يُتِمُّ رُكُوعَهَا وَلاَ سُجُودَهَا.
އައްނުޢުމާން ބިން މުއްރާ ރިވާ ކުރެއްވިއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ. ރާބުއިމާއި ވައްކަންކުރުމާއި ޒިނޭކުރުމާމެދު ތިޔަބައިމީހުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟ އެއީ އެކަންކަމާ ގުޅޭ ޙުދޫދުތައް ބާވާލެއްވުމުގެ ކުރީންނެވެ. އެބޭކަލުން ވިދާޅުވިއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ހަދީޘްކުރެއްވިއެވެ. އެއީ ފާޙިޝްކަންތައްތަކެވެ. އަދި އެކަންކަމަށް ޢުގޫބާތް ކަނޑައެޅިފައިވާ ކަންކަމެވެ. އަދި އެންމެ ނުބައިވެގެންވާ ވައްކަމަކީ އެމީހެއްގެ ނަމާދުން ވައްކަން ކުރާމީހާއެވެ. އެބޭކަލުން ވިދާޅުވިއެވެ. ﷲ ގެ ރަސޫލާއެވެ. ނަމާދުގައި އޭނާ ވައްކަންކުރާނީ ކިހިނަކުން ތޯއެވެ؟ ހަދީޘްކުރެއްވިއެވެ. އެއީ އޭނާގެ ރުކޫޢުއާއި ސަޖިދަ ފުރިހަމަ ނުކުރުމެވެ."
ނަމާދަކީ ﷲ ތަޢާލާ އަޅުގަނޑުމެން މުސްލިމުންނަށް ފަރްޟު ކުރައްވާފައިވާ ޚާއްޞަ ޢަމަލުތަކަކާއި ކިއުންތަކެއްގެ މައްޗަށް އެކުލެވިގެންވާ އަޅުކަމެކެވެ. ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުންނެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي)) މާނައީ: "ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ".
ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކުރަންޖެހެއެވެ. ދެވަނަ ކަމަކަށް މި ޙަދީޘްފުޅުން އެނގިގެންދަނީ ވައްކަން ކުރުމުގެ ނުބައިކަމެވެ. އަދި ވައްކަމުގެ ތެރެއިންވެސް އެންމެ ނުބައި ވައްކަމަކީ ނަމާދުން ވައްކަން ކުރާމީހާކަމެވެ. އެހެންކަމުން މިކަމުން އެނގިގެންދަނީ އިންސާނާ ކޮންމެ ޙާލަތެއްގައިވެސް ނަމާދު އެންމެ ފުރިހަަމ ގޮތުގަ އަދާކުރަންޖެހޭނެކަމެވެ.
ﷲ ތަޢާލާ ޢަންކަބޫތް ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ
މާނައީ: ” ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. “