އެކަމަކީ ކޮންމެ ޞަޙާބީއަކަށް ކުރެއްވެވި ވަޞިއްއްޔަތްފުޅެއް ނަމަވެސް އެއްވެސް ކަމަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޞީއްޔަތްކުރައްވަވައިފިނަމަ އެކަމެއް ވާނީ މުޅި އުންމަތަށް ކުރެއްވެވި ވަޞިއްޔަތްފުޅަކަށެވެ. އެހެނީ އެއްވެސް ހެޔޮކަމަކީ ވަކިމީހަކަށް އެކަނި ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ދީނުގައި ބަޔާންވެގެންވާ ކޮންމެ ހެޔޮކަމަކީވެސް ހުރިހާ އެންމެންނަށް ހަމަ ހެޔޮ ޢަމަލުތަކެވެ. ހުރިހާ އެންމެންވެސް ކުރަން އޮތް ޢަމަލަކަށެވެ.
އަބޫހުރައިރަތުގެފާނު ވިދާޅުވެފައިވަނީ ތިމަންކަލޭގެފާނަށް "އަހަރުންގެ ރަޙްމަތްތެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ)" 3 ކަމަކަށް ވަޞިއްޔަތް ކުރެއްވެވި ކަމަށާއި އަދި ތިމަން ކަލޭގެފާނު އަވަހާރަވެއްޖައުމަށްދާންދެން އެ 3 ކަންތައް ކުރެއްވެވުން ހުއްޓަވައި ނުލައްވަވާނެ ކަމަށެވެ.
ޙަދިޘް:
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އަހަރުންގެ ރަޙްމަތްތެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަހުރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވެއްޖައުމަށް ދަންދެން އެކަންކަން ދޫނުކުރާ ހުށީމެވެ. އެއީ ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދު ކުރުމާއި ވިތުރިކޮށްގެން ނިދުމެވެ."
- رواه البخاري (1124) ومسلم 721
މިވަޞިއްޔަތްފުޅުގައިވާ 3 ކަންތަކަކީ ކޮންމެ މަހަކު 3 ދުވަހު ރޯދަހިފުމާއި ޟުޙާ ނަމާދުކުރުމާއި ވިތުރިކޮށްގެން ނޫނީ ނުނިދުމެވެ. މި 3 ކަންތައް މިއަދު ކުރަނީ މަދު މީހެކެވެ. ކުރާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ.
އެއްކަމެއް ފާހަގަކޮސްލާނަމެވެ. ސުންނަތަށް ޢަމަލުކުރުމަށް ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހު ރޯދަހިފާ މީހާ މަހަކު 8 ދުވަހު ރޯދަހިފައެވެ. އެހެވެ ބައެއް ޢިލްމްވެރިން ވިދާޅުވަނީ އެގޮތަށް ޤަވާޢިދުކޮށް ރޯދަހިފާ މީހަކަށް މަހުގެ 13،14،15 މި 3 ދުވަހު ރޯދަ ނުހިފުނަސް ފުދޭނެ ކަމަށެވެ. ހިފައިފިނަމަ އިތުރު ޘަވާބު ދެއްވަވާނެ ކަމަށެވެ. ކެރިކުޅަދާނަވެގެންވާނަމަ އޮތީ ވީހާ ގިނައިން ރޯދަހިފުމެވެ. އަދި ޟުޙާނަމާދުކުރުމާއި ވިތުރި ކުރުމަކީ ކުރަން ަމސައްކަތްކޮސްފި މީހަކަށް އެއްވެސް ބުރަކަމެއްވެސް ނޫނެވެ.
ތަކުރާރުކޮށްލާނަމެވެ! ރަސޫލް (ﷺ) އެއްވެސް ބޭކަލަކަށް ނުވަތަ ބައަކަށް ކަމެއް ކުރައްވން ވަޞިއްޔަތްކުރައްވަވައިފިނަމަ އެކަމެއް ހިމެނިގެންދާނީ މުޅި އުންމަތުގެ އެންމެން ކުރަން އޮތް ކަމަކަށެވެ. އެކމަކުން މީސްތަކުންނަށް ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގެންދާނެ ކަމަކަށް މެނުވީ ރަސޫލް (ﷺ) ވަޞިއްޔަތް ނުކުރައްވަވާނެއެވެ! ވީމާ މި 3 ކަންތަކަކީވެސް ހަމަ ކޮންމެ މީހަކުވެސް ދޫނުކޮށް ކުރަންހުރި ކަންކަމެވެ!
އަހުރެމެން އުންމީދުކުރަނީ ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބަދަލުވެ އިތުރުއެކަލޭގެފާނުގެ އަތްޕުޅުން އިތުރު އެކަލޭގެފާނުގެ އާރުން ފެންބޯން ލިބުމަށެވެ. ވީމާ މިފަދަ ސުންނަތްތަކާއި ދުރުހެލިވެގެން އުންމީދު ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން