ޢުމުރުން ދުވަސްވާވަރަކަށް މިސްކިތުގެ ޖަމާޢަތަށް އަވަހަށްދާށެވެ! ބަހަނާ ނުދެއްކޭނެ ދުވަހަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޢުމުރުން ދުވަސްވާވަރަކަށް މިސްކިތުގެ ޖަމާޢަތަށް އަވަހަށްދާށެވެ! ބަހަނާ ނުދެއްކޭނެ ދުވަހަށް ބިރުވެތިވާށެވެ!

ނަމާދަކީ ކޮންމެ މީހަކަށްވެސް ބާލިޣްވީންސުރެ ކުރަން އޮތް އެންމެ މުހިންމު އަޅުކަމެވެ. ވީމާ ބުނަން މިއުޅެނީ ކޮންމެހެން ޢުމުރުން ގިނަދުވަސްވުމުން ނަމާދުކުރާ ވާހަކައެއް ނޫނެވެ. ޢުމުރުން ދުވަސްވާވަރަކަށް ނަމާދުކުރަންދޭ ސަމާލުކަން އިތުރުކުރަންޖެހޭނެ ވާހަކައެވެ. ޖަމާއަތުގެ ނަމާދަށް ދިއުމަށް އަވަސްވެގަންނަން ޖެހޭނެ ވާހަކައެވެ. ބަންގިގޮވުމުގެ ކުރިން ނަމާދަށް ގޮސް ނަމާދަށް އިންތިޒާރުކުރަންޖެހޭނެ ވާހަކައެވެ.

ނަމާދުކުރުމަކީ ވަކި ބައަކަށް ކުރަން އޮތް ކަމެއް ނޫނެވެ. ނަމާދުގެ ޖަމާޢަތަށް ދިއުމުގައި އެއްވެސް ފިރިހެނަކު އޭނާ އަދާކުރި ނުވަތަ އަދާކުރާ މަޤާމުގެ ގޮތުން އިސްތިސްނާވެގެނެއް ނުވެއެވެ. ނަމާދަށް ނުދެވޭނެ ޞިއްޙީ ޢުޒުރެއް ނެތި ތިބި ހުރިހާ އެންމެން ކުރަންޖެހޭ ކަމެކެވެ. "ކޮންމެ ފިރިހެނަކުވެސް "މިސްކިތަށް ގޮސް ޖަމާއަތުގަ ބައިވެރިވާންވީ! ފަލާޙް ލިބިގަންނަން އައުމަށް ގޮވާލާ ގޮވާލުމަށް ޢިޖާބަދޭންވީ! އެއިރުން ހުރިހާ ކަންކަންވެސް ރަނގަޅު ގޮތުގަ ހިންމަވައި ދެއްވަވާނީ!"

ޖަމާޢަތުގައި ނަމާދުކުރުމަކީ ނަމާދު ވާޖިބުވާ ހުރިހާ ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ކުރާ މަސައްކަތަކުން އަދާކުރާ ވަޒިފާޢަކުން އަދި ލިބިފައިވާ މަތީ މަޤާމަކުންވެސް މިކަމުގައި އެއްވެސް އިސްތިސްނާއެއް ނެތެވެ.

ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި އިންސާނަކީ ރަސޫލާ (ﷺ) އެވެ. އެއަށްފަހު 4 ޚަލީފާއިންނެވެ. އެބޭކަލުން ނަމާދުކުރެއްވީ މިސްކިތުގެ ޖަމާޢަތުގައެވެ. ޞަޙާބީންވެސްމެއެވެ. ވީމާ މިކަމުން އެނގިގެންދަނީ ޖަމާޢަތުގައި ނަމާދުކުރުމުން އިސްތިސްނާވާނެ މީހަކު ނުހުންނާނެ ކަމެވެ.

މިވެނި އެވެނި ޢިލްމްވެރިއަކު މިސްކިތުގެ ޖަމާޢަތަށް ވަޑައިނުގަތުމަކީ ތިމާ ޖަމާޢަތަށް ދެއްކޭނެ ޢުޛުރެއް ނޫނެވެ. އޭނާއަށް ހެޔޮވިސްނުން ދެއްވެވުން އެދި ދުޢާކުރާށެވެ! ޤިޔާމަތް ދުވަހު ޖަމާޢަތުގެ ނަމާދަށް ތިބާ ނިދުއުމުގެ ކުށުން ތިބާ ސަލާމަތްކުރަން އެއްވެސް ކަމެއް ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ޢުޛުރެއް ނެތި ޖަމާޢަތުގެ ނަމާދަށް ނުދިއަ ހަމައެކަކަށްވެސް އެކުށަކުން ސަލާމަތެއް ނުވެވޭނެއެވެ.

ތިމާގެ ޙައިޞިއްޔަތު މަތިކަމަށް ދެކެ ޖަމާޢަތުގެ ނަމާދަށް ދިއުމަށް ދެކޮޅުހަދާ މީހާ އެކުރާކަމަކީ ތިމާއަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި 4 ޚަލީފާއިންނާއި ޞަހާބީންނާއި ތާބިޢީންނަށްވުރެވެސް މަތީ މީހެއް ކަމަށް އަމިއްލައަށް ދަޢުވާކުރުމެވެ. މިއީ ބިރުހުރި ކަމެކެވެ.

ލޮބެވެތި ޒުވާނުންނޭވެ! ފަށަމުން ޢުމުރުން ދުވަސްވާ މީހުންގެ ފާހަގަކުރީ އެމީހުން ޖަމާޢަތުގެ ނަމާދަށް ވަކިން ބޮޑަށް ސަމާލުކަންދޭންޖެހޭނެތީއެވެ. ތިއަ ލޮބުވެތި ޒުވާނުންނަށްވެސް އޮތީ ހަމަ ޖަމާޢަތުގެ ނަމާދަށް ސަމާލުކަން ދިނުމެވެ. ޒުވާން ޢުމުރުން ފެށިގެން ޖަމާޢަތަށް ސަމާލުކަންދިނުމަކީ އެންމެ ފައިދާހުރިގޮތެވެ! އާޚިރަތް ކާމިޔާބުކުރަން އޮތް މަގެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން