ކުރަން ބޭނުންވާ ކަންކަން ގިނަބައަކަށް ނުކުރެވޭ ސަބަބު-! ސަމާލުކަން ދީފިނަމަ ކާމިޔާބީ ޙާޞިލްކުރެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކުރަން ބޭނުންވާ ކަންކަން ގިނަބައަކަށް ނުކުރެވޭ ސަބަބު-! ސަމާލުކަން ދީފިނަމަ ކާމިޔާބީ ޙާޞިލްކުރެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

ކަމެއް ޙާޞިލުކުރަން ކުރަން ޖެހޭ މަސައްކަތް ބުރަވެ، އަދި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރަން ޖެހޭތީ މާޔޫސްވަމުހެއްޔެވެ؟ މާޔޫސްވެވޭނަމަ އެކަން މެދުވެރިއެވަނީ ތިބާ ކުރަންޖެހޭ ކަންކަން ކުރަންޖެހޭނީ ތިބާއެކަނި ކަމަށް ޤަބޫލުކުރެވޭތީއެވެ!

އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ! ތިމާ އާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން އަބަދުވެސް ޔަޤީންކުރަންޖެހޭނެއެވެ! އެއިރުން ކުރަންޖެހޭ އެއްވެސް ކަމަކީ ބުރަކކަމަކަށްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ! ތިބާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާއިރު ތިބާއަށް ޙާޞިލު ނުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ؟

ވީމާ ކޮންމެ ކަމެއް ޙާޞިލުކުރަން ބޭނުންވި ނަމަވެސް އެންމެ މުހިންމުކަމަކީ ތިމާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާފަދަ މީހަކު ކަމުގައި ވުމެވެ! ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ މީހަކުކަމުގައިވުމެވެ. ތިމާއަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިފައިވާ މީހަކުކަމުގައިވުމެވެ. އެހެންކަމުން ކޮންމެ ކަމެއް ކުރަން ކުރިމަތިލާއިރުވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިފައިވާ މީހެއްގެ ގޮތުގައި ހުރެ ކުރިމަތިލާށެވެ! އެކަން ޙާޞިލުކުރެވޭނެ މަގު މިއާޔަތުގައިވެސް ﷲ ތަޢާލާ އެވަނީ ވަޙީކުރައްވަވައިފައެވެ!

"-- އަދި އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އަލްބަޤަރާ: 195)

އިޙްސާންތެރިވުމަކީ އަޅުކަންކުރާއިރުވެސް އަދި ކޮންމެ އަމަލެއްކުރާއިރުވެސް ތިމާ ކުރާ ޢަމަލު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކޮށް ބިރުވެތިވެގެން ހުރެ ކަންކަން ކުރުމެވެ. ފުރިހަމައަށް އިޙްސާންތެރިވެވޭ މީހާ ﷲތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. ހެޔޮ ޢަމަލެއް ނޫނީ ނުކުރާނެއެވެ!

މިއާޔަތުގައި އެވަނީ އެފަދަ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެ ކަމެވެ. ވީމާ ކޮންމެ ކަމަކަށް ކުރިމަތިލައިގެން މަސައްކަތްކުރި ނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭ އިޙްޞާންތެރިއަކަށްވާށެވެ!

އަހަރެމެން ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އެދިވެސް ދުޢާކުރުމުގެ ކުރިން ޞަދަޤާތެއް ކުރަމުއެވެ. ހަމަ އެފަދައިން ކަމެއް ޙާޞިލުކުރަން މަސައްކަތްފެށުމުގެ ކުރިންވެސް ޞދަޤާތެއް ކޮށްލާށެވެ! އަތުގައި ހޭދަކުރާނެ އެއްޗެއް ނެތްނަމަ ހެޔޮ ބަހަކުން، މީހަކަށް ކަމެއްކޮށްލައިދިނުން ފަދަ ކަމަކުން ނަމަވެސް ޞަދަޤާތްކުރާށެވެ!

މީސްތަކުންނަށް މިއަދު ވިސްނިގެން އުޅެނީ ކަންކަންކުރާނެ ފައިސާ އާއި ވަސީލަތް އަތުގައި ހުރިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ނުބައި ވިސްނުމެކެވެ. ދުނިޔޭގައި ތިބި އެންމެ ބޮޑެތި ބިލިއަނަރުންނަށް އެމީހުން ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ނިސުވާލުގެ ޖަވާބު ދެވިއްޖެ ކަމަށް ހީކުރަމެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން