ދެމަފިރިންގެ ޙައްޤުތައް:
އަޅުގަނޑުމެންގެ މި މުޖުތަމަޢުގަ ސައްތައިން ސައްތަ މުސްލިމް މުޖުތަމަޢުގަ ބައެއް ފިރިންނަކީ އެބައިމީހުންގެ އަނބީންނާދޭތެރޭގައި އެހާ ޣީލަތްތެރި ބަޔަކަށް ނުވާކަން އެއީ ވަރަށް ހިތާމަހުރި ދެރަކަމެއް! ތިމާގެ އަނބިމީހާ އުޅޭނެހާ ތަނެއްގަ އުޅުމަކީ އޭނާއާ ބެހޭ ކަމެއް ނޫންކަމުގައި ޤަބޫލުކުރާ މީހުން އެބަތިބި. އަނބިމީހާ، އޭނާ ދުފާ މަޖާކޮށް ހީ ސަމާސާކުރާ ފިރިހެނުން ގެއަށްވަދެ ނުކުމެހަދާ އޮށޯވެ އިށިއިނދެ ހަދާ މަންޒަރު ލޮލުން ފެންނައިރުވެސް އެކަންކަމަކީ މާ ބޮޑުކަމެއްހެން ހީނުވާ ފިރިހެނުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަތިބި. މީ ހިތާމަ ކުރަންޖެހޭ ކަމެއް. ތިމާގެ އަނބިމީހާއާ މެދުގަ މިފަދަ ކަންކަން ރުހިގެން ހުންނަ މީހުންނަކީ ހަޤީގަތުގައި ވަރަށް ނުރައްކާތެރި ބައެއް.
އިސްލާމްދީނުގައި އެފަދަ މީހުންގެ ނަމެއްގެ ގޮތުގައި 'ދައްޔޫސް' ގެ ނަމުން ނަން ދެއްވާފައިވަނީ. އެއީ ވަރަށް ނުބައި ނުރައްކާތެރި ބައެއްގެ ގޮތުގައި. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ " ތިން މީހަކު ވެއެވެ. ދުވަހަކުވެސް އެބައިމީހުން ސުވަރުގެއެއް ނުވަންނާނެއެވެ." (އަރަބި) "އެ ތިންމީހުންނަކީ އެއީ އެކަކީ ދައްޔޫސް، އަނެކަކަކީ އެއީ އަންހެނުންގެ ތެރޭގައި ފިރިހެނުންނާ ވައްތަރުވެގެން އުޅޭ މީހުންނެވެ. ތިންވަނަ މީހަކީ އެއީ ރާ ބުއިމުގައި މަސްތުވެ އުޅޭ މީހާއެވެ."
އެހިނދު މާތް އަޞްޙާބު ބޭކަލުން ދަންނަވަނީ --- " އޭ ﷲ ގެ ނަބިއްޔާއޭ، ﷲ ގެ ރަސޫލާއޭ،" --- "ރާބޯމީހުން ތިމަންނަމެން ދަންނަމުއެވެ." (އަރަބި) "ތި ވިދާޅުވާ ދައްޔޫސްއަކީ ކޮބައިތޯއެވެ." އެހިނދުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ. --- " އެއީ އޭނާގެ އަނބިމީހާގެ ގާތަށް ވަދެ ނުކުމެ ހަދަނީ ކޮންބައެއްތޯ ނުބަލާ އެކަންކަމާ އަޅާނުލާ ފިރިހެނާއެވެ." --- "ދެން ސަޙާބީން ވިދާޅުވަނީ ތި ވިދާޅުވާ އަންހެނުންނަކީ ކޮބައިތޯއެވެ." އެހިނދު ޙަދީޘްފުޅު ކުރައްވަނީ --- "އެއީ ފިރިހެނުންނާ އެއްވައްތަރަށްއުޅޭ އަންހެނުންނޭ"
ކޮންމެއަކަސް މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދިޔައީ ދައްޔޫސުންނަކީ ވަރަށް ނުރައްކާތެރި ބައެއްކަން. އެބައިމީހުންނަށް ސުވަރުގެ ނުވަދެވޭނެކަން. ކީރިތ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ޙަދީޘްފުޅުގައި ބަޔާން ކުރައްވާ. އަނެއްކާ އެބައިމީހުންނަކީ ކޮން ބައެއްކަންވެސް ޞަޙާބީންގެ ސުވާލަށް ޖަވާބު ދެއްވަމުން އެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވަނީ ބަޔާން ކުރައްވާފަ.
ހިތާމަޔަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި މަރުހަލާ މިހާރު ކަޑަތްކޮށް ހިނގައްޖެ. ބައެއް މީހުން އެބައިމީހުންގެ އަނބީން މިފަދަ ގޮތްގޮތަށް އުޅުމުން އަޅާނުލުމުގެ ސްޓޭޖް ހުރަސްކޮށް އެއަށްވުރެ މަތީ ސްޓޭޖަކަށް ފޯރައިފި. ކޮބައިތޯ އެ މަތީ ހަރުފަތަކީ ނުވަތަ ކޮބައިތޯ އެ މަތީ ސްޓޭޖަކީ. އެއީ ޚުދު ތިމާ މީހާ ތިމާގެ އަނބިމީހާ ފާޚިޝް ޢަމަލުތަކުގެ ތެރެއަށް ގެންދިޔުން. ހިލޭ އެހެން ފިރިހެނުންގެ ގާތަށް ތިމަންނާ އޭނަ އެ ފިރިހެންމީހާ އޭނާގެ އަނބިމީހާ އޭނާގެ ވެހިކަލްގައި އެހެންމީހުންގެ ގާތަށް ގެންގޮސްދިނުން. މީ ހަމަ މި ދިވެހި ފަސްގަނޑުގައި ހިނގަމުން ދާ ކަންތައްތައް. ހިތާމަ ކުރަންޖެހޭ ކަމެއް. އަސަރު ކުރަންޖެހޭ ކަމެއް.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް