ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބުލިބިގެންވާ މީހަކަށް ވެވޭނެ މަގުތައް ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ތިމާއަށް ނަފްރަތުކުރާ މީހުންނާއި ޙަސަދަވެރިން ނެތް މީހަކު ވަރަށް މަދުވާނެއެވެ. ޖުމުލަކޮށްބުނާނަމަ އެމެންގެވެސް ތިބޭނެއެވެ. އެފަދަ މީހުންގެ ކިބައިން ސަލާމަތްވެ ތިބުމަށްޓަކައި އަހުރެމެންނަށް އޮތީ ވިސްނައި ޢަމަލުކުރުމެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަހްމަތް ތެރިއަކު ފަދައިން ވެދާނެތެވެ." (ފުއްޞިލަތު: 34)
މިޢާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިއެވަނީ ތިބާ އާއިމެދު ނުބައިކޮށް އަމަލުކުރާ މީހުންނާއިމެދު ހެޔޮކޮށް ހިތުމަށެވެ. ރަނގަޅު ގޮތުގައި މުޢާމަލާތު ކުރުމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން "ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަހްމަތް ތެރިއަކު ފަދައިން ވެދާނެތެވެ."
މިއާޔަތުން އެނގިގެން މިދަނީ ރުޅި އައިސް ހަސަދަލައިގެން ތިބޭ މީހުންނާއިމެދުވެސް ނުބައިކޮށް އަމަލުކޮށްގެން ނުވާނެ ކަމާއި އެއިގެ ބަދަލުގައި އޭނާއަށް ހެޔޮކޮށް ހިތުމަކީ އޭނާގެ ހިތް ބަދަލުވެ މިތުރަކަށް ބަދަލުވެގެން ހިގައިދާނެ ކަމެއް ކަމެވެ.
ވީމާ ކިތަންމެ ރުޅި އައި ނަމަވެސް އެއްވެސް މީހަކާއިމެދު ނުބައިކޮށް ކަންކަން ނުކުރާށެވެ! ހެޔޮކޮށްހިތާށެވެ! އެއިރުން އެކަމުގެ ހައްޤު ޖަޒާ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ
- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް