މުސްލިމަކަށް ހިތްދަތިކަމެއް ނުވަތަ އަތްމަތި ދަތިކަމެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަންތައް ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ. އެންމެ ރަނގަޅު މީހުންނަށްވެސް ގިނަ ފަހަރު އަވަސްވެ ގަނެވެނީ ދުޢާކުރުމަށެވެ.
ދުޢާކުރުމަށް އަވަސްވެގަތުމަށް އޮތް ނަމަވެސް އެއިގެ ކުރިއަށް ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ ތިމާގެ ކިބައިގައި ހުރި އުނިސިފަތައް އިޞްލާޙްކުރުމެވެ. އަޅުކަންކުރުން ގިނަކޮށް އެކަމަށް މަސައްކަތް ފަށައި އެކަމަށް ތައުފީޤް ދެއްވެވުން ފުރަތަމަ ކުރާ ދުޢާގައިވެސް ހިމަނަންވާނެއެވެ. އަދި ޢާންމު ޙާލަތެއްގައި ކުރާ ދުޢާގައިވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ.
ދެވަނަ ކަމެއްގެ ގޮތުން އެންމެ މީހަކަށް ނަމަވެސް ހެޔޮކޮށް ހިތަން މަސައްކަތްކުރާށެވެ. ވަކިލާރިކޅަކުން ނަމަވެސް ޞަދަޤާތް ކުރެވެން އޮތްނަމަ އެކަންކުރަންވާނެއެވެ. އެވަރުވެސް ކުރެވެން ނެތްނަމަ ހިތްވަރުދިނުމާއި ޢަމަލުން ކަމެއްކޮށްދިނުން ފަދަ ކަމެއް ކުރާށެވެ!
ތިމާ ފަދައިން ހިތްދަތި، ނިކަމެތިޙާލުގައިވާ މީހުންނަށާއި ބަލިމީހުންނަށް ޒިޔާރަތްކޮށް އެމީހުންގެ ހިތް އުފާކޮށްދޭން މަސައްކަތްކުރާށެވެ! އެމީހުންނަށް ހިތްވަރުދޭށެވެ. އެމީހުންނަށްޓަކައި ހެޔޮދުޢާކުރާށެވެ!
މިކަންކަމަކީ ސުންނަތުން ޘާބިތުވާންހުރި ކަންކަމެވެ. މިމަގުން ދުޢާކުރާ މީހެއްގެ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން