ޤިޔާމަތް ކައިރިވަމުން އަންނަ ކަމުގެ ޢަލާމާތްތައް ކެނޑިނޭޅި ފެންނަމުން އަންނައިރު އެކަމަށް ވިސްނައިލެވެނީ މަދުމީހަކަށެވެ! އެއްބައަކަށް ހީވެގެން އުޅެނީ ޤިޔާމަތް ކައިރިވުމަކީ ހުޅަނގުން އިރުއެރުން ކަމަށެވެ. ހުޅަނގުން އިރުއަރައިފިނަމަ އެއީ ޤިޔާމަތް ކައިރިވީއެއް ނޫނެވެ. އެއީ ޤިޔާމަތްވުމެވެ. އެހިސާބުން ތައުބާވުމުގެ ފުރުޞަތު ގެއްލުނީއެވެ.
އަނެއް ބައަކަށް ހީވެގެން އުޅެނީ ދުނިޔޭގައި އުފަލާއި މަޖަލުގައި އުޅެލާފައި ޢުމުރުން ދުވަސްވުމުން ތައުބާވާނީ ކަމަށެވެ. ޢުމުރުގައި އަދިވެސް ވަރަށް ގިނަ ދުވަސްތަކެއް ބާކީ އެބައޮތް ކަމަށެވެ. މިއީ މީހަކަށް ވިސްނޭނެ އެންމެ ނުބައި ވިސްނުމެވެ.
ބަލަން ތިއްބައި ފުރާތުކޯރުގެ ފެންގަނޑު އެހެރަދަނީ ހިނދެމުންނެވެ. ކުދި ދައްޖާލުތައް ފައުޅުވުން އިތުރުވަމުން ދަނީއެވެ. ބިރެއްނެތި ހާމައަސް ތިބެ ފާޙިޝް ޢަމަލުތައް ކުރުން ގިނަވެއްޖެއެވެ. ކުއްލިމަރުތައް ދުވަހެއް ދުވަހަކަސް ގިނަވަނީއެވެ. ކޮންމެ ދުވަހަކު ކުއްލި ގޮތަކަށް މަރުވަމުން އެދަނީ ކިތައް ޒުވާނުން ހެއްޔެވެ؟ މިހުރި ކަންކަމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތަކަށް ނުފުދޭނަމަ ކިހައިދެރަ ހެއްޔެވެ؟ ފަހުޒަމާނުގައި މިކަންކަން ގިނަވާނެކަން ޙަދީޘްފުޅުތަކުން އެނގެން އެބަ އޮތެވެ.
ކޮންމެއަކަސް އާޚިރަތް ކާމިޔާބުކުރެވޭނީ މިކަންކަމަށް ހޭލުންތެރިވެގެންނެވެ. އަބަދުވެސް ބުނާފަދައިން ވިސްނައި ބިރުވެތިވާންވީ ދުނިޔެ ޤިޔާމަތްވާނެ ދުވަހަކަށް ނޫނެވެ. ތިމާއަށް ޤިޔާމަތްވާނެ ދުވަހަކަށެވެ. އެއީ މިއަދުނޫންކަމެއްވެސް ނުއެނގޭނެއެވެ. އެމީހަކު މިއަދު މަރުވިނަމަވެސް އެމީހަކަށް އެއޮތީ ޤިޔާމަތްވެފައެވެ. އެނބުރި މިދުނިޔެއަކަށް ނާދެވޭނެއެވެ. އިތުރު ހެޔޮޢަމަލެއްވެސް ނުކުރެވޭނެއެވެ. ތައުބާ ނުވެ ހުރިނަމަ އެފުރުޞަތުވެސް ގެއްލުނީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ބިރުނުގަންނަނީ ތާޅަފިލީގެ އަޑު ނީވޭތީތަ؟ ދުނިޔޭގެ ނިމުން ގާތްވެއްޖެކަމަށާ އެމީހަކު ކުރިކަމަކަށް ޖަވާބުދާރީވާން އެމީހަކަށް ޖެހޭނެ ކަމަށްބުނި މަހުގެ ވާހަކަ ބީބީސީގަ އަދިވެސް އެއޮތީ ފެންނަން!
މީސްތަކުންނޭވެ! މަރުވުމުގެ ކުރިން ލޮލަށް ފެންނަ ކަންކަމުގެ ވާހަކަ ﷲ ތަޢާލާގެ އިޛްނަފުޅާއިއެކު ބުނެވިފައިވަނީ މާކުރީ ޒަމާނުގައެއް ނޫނެވެ. މިހާރުވެސް އިރާދަކުރެއްވެވި އަޅަކަށް އެވާހަކަ ބުނެވެއެވެ.
ދާދިފަހުން ރަމަޟާން މަހެއްގައި މަރުވި މީހަކު މަރުވި ވަޤުތު އޭނާގެ ދަރިންގެ ގާތުން އެދުނީ އިހަށް ދުރަށް ޖެހިލުމަށާއި މެހްމާނުންނަށް ޖާގަދިނުމަށެވެ. އެތަނުގައި މެހްމާނަކު ނެތްކަމަށް ދަރިންބުނި ވަޤުތަކީ ޝަހާދަތްކިޔުންމަތީގައި އޭނާ މަރުވި ވަޤުތެވެ.
މީސްތަކުންނޭވެ! މަރަކީ ވާނެއެއްޗެއްކަން ޔަޤީނެވެ. ހަމައެކަނި ނުއެނގެނީ މަރުވާނެ ވަޤުތެކެވެ. ދުނިޔެ ނިމި ޤިޔާމަތްވާނެކަން އެއީވެސް ޔަޤީންވާ ކަމެކެވެ. ނުއެނގިގެން މިއުޅެނީ ޤިޔާމަތްވާނެ ވަޤުތެވެ. އެކަމަކުވެސް މީގެ 1400 އަަހރު ކުރިން ބާވައިލެއްވެވި ޤުރްއާނުން ޔަޤީންވާ ކަމެއް އެބައޮތެވެ. އެއީ ދުނިޔެ ނިމި ޤިޔާމަތްވުމުގެ ވަޤުތު ދާދިގާތްވެއްޖެ ކަމެވެ.
2003 ވަނަ އަހަރުގެ މާރިޗްމަހުގެ 16 ވަނަ ދުވަހުގެ ބީބީސީގެ ޚަބަރުތައް ނިކަންބަލައިލަބަލާށެވެ! އެމެރިކާގެ މާރުކޭޓެއްގައި ދުނިޔޭގެ ނިމުން ގާތްވެއްޖެކަމަށާ އެމީހަކު ކުރިކަމަކަށް ޖަވާބުދާރީވާން އެމީހަކަށް ޖެހޭނެ ކަމަށްބުނި މަހުގެ ވާހަކަ އަދިވެސް އެއޮތީ ފެންނާށެވެ!
ޤުރްއާން ޤަބޫލުނުކުރާ އެތައް މިލިއަން ބައަކުވެސް ބީބީސީ ޤަބޫލުކުރެއެވެ. ބަލައިގެން ކިޔަންވީ ނޫންނެއްޔެވެ؟ ބިރުވެތިވާން މަސައްކަތްކުރަންވީ ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! މަރަށް ބިރުވެތިވާށެވެ. ޤިޔާމަތްދުވަހަށް ބިރުވެތިވާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރާށެވެ! ދުނިޔޭގައި ކުރިވާންހުރި ދަތިތަކާއި ކައްވަޅާއި ނަރަކައިގެ ޢަޛާބަށް ބިރުވެތިވާށެވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ!
ބިރުގަންނަވީ މަސް އެހެން ބުނެގެނެއް ނޫނެވެ. މަސް އެހެން ބުނުމަށް އިޛުނަ ދެއްވެވީ ދުނިޔެއާއި ޤިޔާމަތް ދުވަހުގެ ވެރި ﷲ ތަޢާލާއެވެ. ބިރުގަންނަންވީ ﷲ ތަޢާލާ ބާވައިލެއްވެވި ޤުރްއާނުގައި އެހެން އޮތުމުންނެވެ. "ޤިޔާމަތް ދުވަސް ދާދި ގާތްވެއްޖެއެވެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ."
--އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން
ގުޅުންހުރި ބީބީސީގެ ލިޔުން ބައްލަވާލައްވަން:
http://news.bbc.co.uk/2/hi/americas/2854189.stm