ހިތްދަތިކަމުންނާ އަތްމަތިދަތިކަމުން އަރައިގަތުން އެދިގެން މިމަގުން މަސައްކަތްކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ހިތްދަތިކަމުންނާ އަތްމަތިދަތިކަމުން އަރައިގަތުން އެދިގެން މިމަގުން މަސައްކަތްކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ފުރަތަމަވެސް ހަނދާންކޮށްލައިދޭން ބޭނުންވަނީ ހިތްދަތިކަމާއި އަތްމަތިދަތިކަމަކީވެސް ހަަމ ދުނިޔޭގެ ސުންނަތުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ވީމާ ކޮންމެ މީހަކަށްވެސް އެކަންކަން ކުރިމަތިވާނެއެވެ. އެދެކަންތަކުން ސަލާމަތްވެ ހުރެވޭ މީހަކު ހަމަ ނުހުންނާނެކަމަށް ބުނެވޭވަރަށް މަދުވާނެއެވެ.  

މުސްލިމުންނަށް އުފާވެރި ދިރިއުޅުމެއް ލިބެން އޮތީ ޢަމަލުތައް ﷲ ތަޢާލާގެ މަގުގައި ސީދާކުރެވުނުވަރަކުންނެވެ. އެކަމަށް ކުރަން އޮތްކަމަކީ ތިމާގެ ޙާލަތު އެދުވަހު ހުރި ގޮތަށް ނުވިސްނައި ކޮންމެ ޙާލަތެއްގައި ތިމާ ހުރިނަމަވެސް ﷲ ތަޢާލާއަށް ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ.  

ދެވަނައަށް މަސައްކަތްކުރަންވީ މީސްތަކުންނާއި އޮންނަންޖެހޭ ގުޅުން ފުރިހަކުރުމަށެވެ. އެކަމަށް ފަށަންވީ ދުރަކުންނޫނެވެ. އަމިއްލަ ޢާއިލާއިންނެވެ. ޒަވާޖީ ޙަޔާތެއްގައި ހުރިނަމަ އަނބިދަރިންނާއި އަދި ފިރިމީހާ ޢާއި ހަމައިންނެވެ. މައިންބަފައިންނާއި ރަޙިމުގެ ގުޅުން ދަމަހައްތަންޖެހޭ މީހުންނާއި ހަމައިންނެވެ. އެއަށްފަހު އެމީހަކަށް ކެރިކުޅަދާނަކަން ލިބިގެންވާ ވަރަކަށް ދުރަށް (ދުރުމީހުންނަށް) ދާނީއެވެ. 

ހަމައެއާއިއެކު އަމިއްލަ ނަފްސަށް ފަރުވާތެރިވުން އިސްކުރަންވާނެއެވެ. އެކަމުގައި ހިމެނެނީ 2 ބައެކެވެ. އެއީ އަމިއްލަ ނަފްސްގެ ބޭރުފުށުގެ ސާފުތާހިރުކަމާއި ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާއަށް ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމެވެ. އެއީ ރޫޙާނީ ބައެވެ. އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެބައަށެވެ.  

ދަތިއުނދަގޫ ނުވަތަ ހިތްދަތި ޙާލަތެއްގައި އުޅެންޖެހިފައިވާނަމަ ދުރަތަމަ ކަމަކަށް އަޅުކަމުގައި ހީވާގިވާށެވެ. 2 ވަނަ ކަމަކަށް އެހެން މީހުންނަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ. އެކަން ކުރަންވާނީ ތިމާހުރި ޙާލަތަށް އެހެން މީހަކު ހަމްދަރުދީވާނެ ކަމަށް ބަލައިގެނެއް ނޫނެވެ. ﷲ ތަޢާލާ ތިމާއަށް ރަހްމަތް ލައްވަވާނެ ކަމަށް ބަލައިގެންނެވެ.  

ތިމާ ހިތްދަތިކަމުގައި ހުރިނަމަވެސް އެހެން މީހުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާށެވެ. ދޭނެ އެއްޗެއް އަތުގައި ނެތްނަމަ ހެޔޮ ބަސަތަކުންނާއި އަދި ހިނިތުންވުމުން ޞަދަޤާތްކުރާށެވެ. އަނެކާއަށް ލިބިފައިވާ ހިތްދަތިކަމުން އޭނާ ސަލާމަތްކުރަން ކުރެވެން އޮތް ކަމެއް ކޮށްދޭށެވެ. އޭނާއަށްޓަކައި ހެޔޮދުޢާކުރުން ގިނަކުރާށެވެ!  

އިސްލާމް ދީނަށް ބަލާއިރު ކޮންމެ ކަމެއްގައިވެސް އޮތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޞަޙާބީން ޢަމަލުކުރެއްވެވި ގޮތަށް މަސައްކަތްކުރުމެވެ. އެބޭކަލުން ޢަމަލުފުޅު ކުރައްވަވާފައިވަނީ މިމަގުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން