ބުއްދި ދެއްވެވުމުން ބުއްދީގެ ބޭނުން ނުކުރާނަމަ އެމީހަކީ ބުއްދިވެރިއަކަށް ނުވާފަދައިން ލޮލަށް ފެނުން ދެއްވެވީމާވެސް ނުފެންނަ ކަމަށް ހެދިގެން އުޅޭނަމަ އޭނާއަކީ ކަނުމީހަކަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟ މިފަދަ މީހުންގެ ވާހަކަތައް ޤުރްއާނުން އެހުރީ ފެންނާށެވެ!
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ މިފަދައިންނެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަން، ތިބާ ޢަޖާއިބް ކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އޭ ބުއްދީގެ އހްލުވެރިންނޭވެ! ފަހެ، ތިޔަބައިމީހުން، ﷲ އަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބް ލިބުމަށްޓަކައެވެ." (އަލްމާއިދާ: 100)
މިއަދު އަހަރެމެންނަށް މިބެލެނީ މީހާ ކުރާ ނުބައި ޢަމަލުތަކަކަށް ނޫނެވެ. އޭނާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށެވެ. އޭނާއަށް ލިބިފައިވާ ކަންކަން ހޯދައިގަތީ ކޮންގޮތަކުން ކަމާއިމެދު ވިސްނައިވެސް ނުލައެވެ.
މީސްތަކުންނޭވެ! ޙައްޤު ނޫން ގޮތުގައި ކންކަން ލިބިގަނެގެން ހުރި މީހާގެ ތަނަވަސްކަމާއި ދަރަޖަ ކިތަންމެ ބޮޑުނަމަވެސް ޙައްޤު ގޮތުގައި ހުރި އެންމެ ނިކަމެތި މީހާއަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނާގެ ދަރަޖަ ވަނީ ނިކަމެތިވެގެންނެވެ.
"ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވީ، ޙައްޤުތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ." (އައް ރަޢްދް: 19)
"ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ތަކެތީގެ އަމިއްލަ ނަފްސް ތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ލޯކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި، އަލިކަމާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އެއުރެން اللَّه އަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެކަލާނގެ ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، އެ (ދެފަރާތުގެ) މަޚްލޫޤުން އެއުރެންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެއެވެ." (އައް ރަޢްދް: 16)
އެނިގިގެން މިދިއައީ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް، ކިތަންމެ މަތީ މަޤާމެއްގައި ހުރިނަމަވެސް ޙައްޤަށް ޢަމަލުނުކުރާ މީހާއަކީ ކަނުމީހެއްކަމެވެ. އެމީހާއަކީ ކަނު މީހެއްކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މީހަކު ދެކެ ލޯބިވެ އެމީހަކާއިއެކު އުޅެގެން އާޚިރަތް ދުވަހު ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ލިބޭނީ ގެއްލުމާއި ހަލާކު ނޫންހެއްޔެވެ؟
ވީމާ މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް މިއަދު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަންކަން ކަމުގައިވާތީ ހަނދުމަކޮށްލައިދިނީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން