ބައެއް މައިންބަފައިން އެމީހުންގެ ބައެއް ދަރިން ކިތަންމެ ގޯސްކޮށް އެމީހުންނަށް ކަންތައް ކުރިޔަސް ތިބެނީ ރުހިގެންނެވެ. އެދަރިން ދެކެ ލޯބިވެއެވެ. އަދި އަނެއްބައި ދަރިން މައިންބަފައިންނަށް ކިތަންމެ ރަނގަޅަށް ކަންތައް ކުރިޔަސް ބަލައެއް ނުގަނެއެވެ. ކިތަންމެ ގިނަ ކަންތަކެއް ކޮށްދިނަސް ކަމެއްކޮށްދޭ ކަމަކަށްވެސް ނުހަދައެވެ. ތިބެނީ ނުރުހިއެވެ.
އެހެންވެ ދަރިފުޅު މައިންބަފައިންނަށް ކިތަންމެ ރަނގަޅަށް ކަންކަން ކުރިޔަސް އެކަން މައިންބަފައިން ބަފައިން ބަލައިނުގަނެ ނުރުހޭނަމަ ސުވަރުގެ ނުވައްދަވާނެތޯ؟ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެއީ ސުވަރުގެ ލިބުން އޮތީ މައިންބަފައިންގެ ރުހުން ލިބިގެން ކަމަށް ބުނެވޭ ބަހާއިމެދު ވިސްނާފައި ކަމަށް ބުނެވެއެވެ.
ޖަވާބުގައި ބުނަންޖެހެނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވާނެ ކަމަށެވެ. ސުވަރުގެ ވެއްދެވުމެއް އެއްވެސް ދެވަނަ ފަރާތެއްގެ ރުހުމެއް ނުވަތަ އިޒުނައެއް ބޭނުން ނުވާނެތީއެވެ.
ތިރީގައިވާ ލިޔުމުން އިތުރު ތަފްޞީލް ލިބިލައްވާނެއެވެ. އިން ޝާ ﷲ
މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ސުވަރުގެ ލިބުމާއިމެދު ޢިލްމްވެރިން ބަޔާންކުރައްވާ ބަސްފުޅުގެ މުރާދަކީ ނުވަތަ މަޤްޞަދަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެ ލިބުމަށް މަގުފަހިވާން އޮތްކަމެއް ކަމެވެ. ސުވަރުގެ ވަނުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމެވެ. ވީމާ ދަރިންގެ މައްޗަށް އޮތް ވާޖިބަކީ މައިން ބަފައިން އެކަން ބަލައިނުގަތަސް މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.
މަންބަފައިންނަށް ހެޔޮކޮށް ހިތީމާ އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މަލާއިކަތުން އެކަންކަން އެމީހެއްގެ ފަތުގައި ލިޔުއްވަވަތެވެ. ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކު ކުޅަ ޢަމަލަކާއިމެދު އެއްވެސް މީހެއްގެ ހެކިބަސް ބޭނުންވާނެ ދުވަހެއް ނޫނެވެ. އެއީ އެމީހަކު ކުޅަ ހުރިހާ ކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާތީއެވެ.
ވީމާ ދަރިއަކު މައިންބަފައިންނަށް ހެޔޮކޮށް ކަންކަން ކޮށްފައިވަނިކޮށް ނުކުރާ ކަމަށްބުނެ މައިންބަފައިންނަކަށް ޤިޔާމަތް ދުވަހު އެއްވެސް ޝަކުވާއެއް ނުކުރެވޭނެއެވެ. ޝަކުވާ ކުރެވޭނީ މައިންބަފައިންގެ ޙައްޤުތައް އަދާނުކުރާނަމަ އެކަމަށެވެ. އަދާކޮށްފައި ވަނިކޮށް ނުކުރާ ކަމަކަށް ނުބުނެވޭނެއެވެ.
ވީމާ ދަރިން ކުރަން އޮތް ކަމަކީ ގުއިދަރިއަކަށް ހެދިނަމަވެސް، ކޮށްދޭ އެއްވެސް ކަމެއް ބަލައި ނުގަތަސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އެއިރުން އެކަމަށް ޙައްޤު ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ. އެކަމަށް ހުރަސް އެޅުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން