ދެމަފިރިން ދެބަސްވާނަމަ ޝައިޠޯނާ އުފަލުން ހޭނެ! ކައިވެނި ރޫޅިއްޖެނަމަ ޖަހާ ހިނިގަނޑުގެ އަޑު ގުގުރިއަށްވުރެ ބާރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ދެމަފިރިން ދެބަސްވާނަމަ ޝައިޠޯނާ އުފަލުން ހޭނެ! ކައިވެނި ރޫޅިއްޖެނަމަ ޖަހާ ހިނިގަނޑުގެ އަޑު ގުގުރިއަށްވުރެ ބާރުވާނެ!

ވިސްނާލަންވީ ފުރަތަމަ ކަމަކީ ވަރިކުރުމަކީ ﷲ ތަޢާލާ އެކަމެއް ހުއްދަކުރެއްވެވި ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތައް ކަމެވެ. އެވަރުގެ ބޮޑުކަމެއް އަންނަ ރުޅިމަތީގައި ކޮށްލާ މީހުންގެ ޙާލަތާއިމެދު އަހުރެން ހިތާމަކުރަމެވެ. އެހެނީ އެމީހާ އެދޫކޮށްލަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. އުފާކޮށްދެވެނީ އިބިލީހެވެ!

ނިކަންވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު ތިބާ ނިކަމެތިކަމާއިއެކު ހުއްޓިހުންނަން ޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ތިބާއަށް ކުރެވިފައިވާ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމަލުތައް ގިނަވެ ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ އިބިލީސް އުފާކުރާނެއެވެ!

އަހަރެމެން އުންމީދުކޮށް މަސައްކަތްމިކުރަނީ ސުވަރުގެ ވަނުމަށެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތިކަމާއި މާޔޫސްކަން ލިބިގެންދާނީ އެމީހަކީ ނަރަކައަށް ވަންނަން ޖެހޭ މީހެއްކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާ ވަގުތުގައެވެ. ބިރުވެތިވާންވީ އެވަގުތަށެވެ.

އެކުގައި އުޅެވެން ނެތިގެން ކައިވެނި ރޫޅާލަން ޖެހުނު ނަމަވެސް އެކަންކުރަން އޮތް ރިވެތިގޮތުގައިކުރާށެވެ! އެއީ އަންނަ ރުޅިމަތީގައި ހުރެ ކޮށްލާ ކަމަކަށް ނުހަދާށެވެ! ދެމީހުންގެވެސް އަބުރާއި ޤަދަރު ގެއްލުވާނުލައި ޞުލޙަވެރިކަމާއިއެކު އެކަންކުރާށެވެ! ދީނުގައި ބަޔާންވެގެންވާ ފަދައިން ޢިއްދައިގެ މުއްދަތުގައި އަނބިމީހާގެ ޙައްޤުތައް އަދާކުރާށެވެ!

ދިރިއުޅުމުގެ ކޮންމެ ކަމަކަށް ގޮތް ނިންމި ނަމަވެސް ނިންމަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. ނިންމާގޮތުގެ ސަބަބުން ދެން ކުރިމަތިވެދާނެ މައްސަލަތަކަށެވެ. ޚާޢްޞަކޮށް އެކަމެއް މިނިންމަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށްކަން ޔަޤީންކުރަންވާނެއެވެ!

ކަން މިހެން އޮތް ނަމަވެސް މިހާރަކަށް އައިސް ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހާ ކުރަން ބޭނުންވާ ކަންތައް ވަގުތުން ކުރުމަށެވެ. އަޅަން ބޭނުންވާ ފިޔަވަޅު ވަގުތުން އެޅުމަށެވެ. އެންމެ ކުޑަމިނުން އެކަމެއް ކުރުމުން ދެން މެދުވެރިވެދާނެ ވިސްނާލަންވެސް ބޭނުމެއް ނުވެއެވެ.

އަހަރެންނަށް މިހައިތަނަށް ލިބިފައިވާ މައްލޫމާތަށްބަލާއިރު ރޫޅައިލާ ކައިވެނިތަކުގެ 80 އިންސައްތައަށްވުރެ ގިނަ ބައަކު ކައިވެނި ރޫޅައިލެވުނީތީ ހިތާމަކުރެއެވެ. އެއިގެ ތެރެއިން 60 އިންސައްތަ މީހުން އަނބުރައި ރުޖޫޢަކުރެއެވެ. އެކި މުޖުތަމައުތަކުގައި ޢަދަދުތައް ތަފާތުވެދާނެއެވެ.

ކޮންމެއަކަސް ކުރެވޭ ވަރިތަކަށް ބަލައިފިނަމަ ގިނައިން ވަރިކުރެވިފައި އޮންނަނީ އަދި ވަރިއަށް އެދެވެނީވެސް މާބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެނެއް ނޫނެވެ. ކޮންމެވެސް ކަމަކާ އަންނަ ރުޅީގައެވެ. އަދި މިކުރެވެނީ ވަރިކަމާއިމެދު ނުވެސް ވިސްނައި ވަރީގެ ބަސްތައް އެބަ ބުނެއެވެ. މިފަދަ ގޮތްގޮތަށް ވަރިކުރުމަކީ އަހަރެންގެ ކުރިމަތީގައި ހަމަ ބޮޑުފާފައެކެވެ.

މިފަދަ މިންވަރަށް ރުޅިގަދަވަނީ އެމީހާގެ މައްޗަށް ޝައިޠޯނާގެ ބާރުގަދަވެފައިވީމައެވެ. ވިސްނާލަން ފުރުޞަތު ދީފިނަމަ ވަރިނުކޮށްފާނެތީ އެފުރުޞަތުވެސް ނުދީ ވަރިކުރުވަނީއެވެ. އެއީ އެންމެ ބޮޑު އިބިލީހުގެ ދަރުބާރުގައި އެންމެ މަތީ ދަރަޖަ ލިބޭކަމަކަށްވާތީ އެދަރަޖަ ހޯދުމަށެވެ! ދެމަފިރިން ދެބަސްވާނަމަ ޝައިޠޯނާ އުފަލުން ހޭނެއެވެ! ކައިވެނި ރޫޅިއްޖެނަމަ ޝައިޠޯނާއަށް އެލިބެނީ އެންމެ ބޮޑު އުފާވެރިކަމެވެ. ޖަހާ ހިނިގަނޑުގެ އަޑު ގުގުރިއަށްވުރެ ބާރުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން