ސުވަރުގެ ވަނުން ފަސޭހަވާންއޮތް އެންމެ ތަނަވަސް އެއް މަގަކީ މައިންބަފައިންނަށް ޚިދުމަތްކުރުމުގަ ހީވާގިވެ ދީލަތިވި ވަރަކުން! ދަރިންގެ މެދުގަ ވާދަކުރަންވީ އެކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ސުވަރުގެ ވަނުން ފަސޭހަވާންއޮތް އެންމެ ތަނަވަސް އެއް މަގަކީ މައިންބަފައިންނަށް ޚިދުމަތްކުރުމުގަ ހީވާގިވެ ދީލަތިވި ވަރަކުން! ދަރިންގެ މެދުގަ ވާދަކުރަންވީ އެކަމަށް!

ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭން ޢަމަލީ ގޮތުން ހަނގުރާމަކުރަން ލިބެންހުރި ފުރުޞަތުތައް މިހާރު ވަރަށް މަދެވެ. ސަބަބަކީ ﷲ ތަޢަލާގެ ދީނަށް ނަޞްރުދޭން މިހާރު ހަނގުރާމަ ނުކުރާތީއެވެ. ހަނގުރާމަކުރަނީ އެހެން ކޮންމެވެސް ބޭނުމަކުއެވެ.

ނަމަވެސް ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކުރުމަށްވުރެ ފައިދާ ބޮޑު ކަމެއް އެބަ އޮތެވެ. އެއީ މައިންބަފައިން ދުނިޔޭގައި ތިބިނަމަ ކޮންމެ ދަރިއަކަށްވެސް ކުރެވެން އޮތް ކަމެކެވެ. އެކަމަކީ މައިންބަފައިންނަށް އަޅައިލުމެވެ. ހެޔޮކޮށް ހިތައި ޚިދުމަތްކުރުމެވެ. އެ 2 މީހުން އުފަލުގައި ބެއިތިއްބުމެވެ.

ޢަބްދުﷲ އިބްން ޒުބައިރު އަވަހާރަވުމުން ދަރިކަލުން ކަރުނައަޅުއްވަމުން ވިދާޅުވިއެވެ. "ތިމަން މިރޮނީ ބައްޕަ ނިޔާވެގެނެއް ނޫނެވެ! ސުވަރުގެއަށް ދެވެން އޮތް އެންމެ ފަސޭހަމަގު ބަންދުވުމުންނެވެ.

ޔަމަނުން ރަސޫލް (ﷺ) ގެ އަރިއަހަށް ވަޑައިގެންނެވި ޞަހާބީއަކު ދެންނެވިއެވެ. "ﷲ ގެ ރަސޫލާ (ﷺ) އެވެ. މިއަޅާ މިއައީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމަށް ޖިހާދުކުރުމަށެވެ. މިއަޅާގެ މައިންބަފައިން ރޮއިރޮއި ތިބިޙާލުގައިވެސް މިއައީ އެމީހުން ދޫކޮށްލައިފައެވެ."

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ އެނބުރި ޔަމަނަށްގޮސް މައިންބަފައިންނަށް ޚިދުމަތްކުރުމަށެވެ. އެމީހުން ދެރަވެ ކަރުނައެޅިފަދައިން އެމީހުންނަށް ޚިދުމަތްކޮށްގެން އެމީހުންނަށް ހިނިތުންވުން ގެނެސްދިނުމަށެވެ.

އެނގިގެން މިދަނީ މައިންބަފައިން ދެރަކޮށް ރޮއްވުމަށްފަހު ޖިހާދުކުރުމެއްވެސް ނެތްކަމެވެ. އޮތީ މައިންބަފައިންނަށް ޚިދުމަތްކޮށް އުފާވެރިކަން ހޯދައިދިނުންކަމެވެ.

އަހަރެމެންނާއި މައިންބަފައިން ނުވަތަ މައިންބަފައިންނާއި އަހަރެމެން ވަކިވާންޖެހޭނީ ކޮންވަގުތަކުކަމެއް ނުއެނގޭނެއެވެ. މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ޚިދުމަތްކުރުމުގައި ޤުރްބާންވާށެވެ! އަދި އެމީހުން ދުނިޔެ ދޫކޮށްފައިވާނަމަ އެމީހުންނަށްޓަކައި ހެޔޮ އަމަލުތައްކުރުން ގިނަކުރާށެވެ.

އެގޮތުން ފުރަތަމަކަމެއްގެ ގޮތުން ދުޢާކުރުން ގިނަކުރާށެވެ! އެމީހުންނަށްޓަކައި ޙައްޖާއި ޢުމުރާވެސްވާށެވެ! ޞަދަޤާތްކުރާށެވެ! އެމީހުންގެ ރައްޓެހިންނާއި ތިމާގެމީހުންނާއި ބައްދަލުކޮށް ހެޔޮކޮށްހިތާށެވެ!

ވީމާ މައިން ބަފައިން ދުނިޔޭގައި ތިބުމަކީ ސުވަރުގޭގެ މަތިވެރި ނިޢްމަތް ޙާޞިލުކުރެވެން އޮތް އެންމެ ފަސޭހަމަގެވެ! ސުވަރުގޭގެ އެންމެ ބޮޑުދޮރުން އެންމެ ފަސޭހަކަމާއިއެކު ވަދެވެން އޮތް މަގެވެ! އެ މަގު ދޫކޮށްނުލާށެވެ! އެމީހުންނަށް ހޭދަކުރުމާއި ޚިދުމަތްކުރުމަކީ ތަކްލީފެއް ކަމުގައި ނުދެކޭށެވެ! އެއީ އެންމެ ބޮޑު އުފާކަމުގައި ދެކޭށެވެ! ސުވަރުގެ ވަދެވުން ފަސޭހަވުމަށްވުރެ ބޮޑު އުފަލެއް ނުލިބޭނެއެވެ!

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކު

 

މިއަދު އޮންލައިން