މުސްކުޅި ޢުމުރުގައި ޒިނޭކުރާނަމަ އޭނާއަކީ ﷲ ތަޢާލާ ލައްނަތް ލައްވަވާފައިވާ މީހެކެވެ. ޤިޔާމަތް ދުވަހުން އެބައަކަށް ﷲ ތަޢާލާ ބައްލަވައި ނުލައްވަވާނެ 3 ބާވަތުގެ މީހުންގެ ތެރެއިން އެއްބާވަތުގެ މީހުންނަކީ މުސްކުޅި ޢުމުރުގައި ޒިނޭކުރާ މީހުންނެވެ.
މުސްކުޅި ޢުމުރަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ! އަހުރެން ބުނާނީ 50 އަހަރުން މަތިވުމުން އެމީހަކު އެހުރީ މުސްކުޅިވެފައިކަމަށެވެ. ސަބަބަކީ އިންސާނުންގެ އެވްރެޖް ޢުމަރަކޫ 60-70 އަހަރުކަމުގައިވާތީއެވެ.
ދެން ބަލައިލަންވީ މުސްކުޅި ޢުމުރުގައި ޒިނޭކުރުމުން ފާފަ އިތުރުވެ ބޮޑުވެގެންދާ ސަބަބަށެވެ. އަހުރެންނަށް ވިސްނޭ ގޮތުން އެޢުމުރަކީ ﷲ ތަޢާލާއަށް ތަޤްވާވެރިކަން އިތުރުކޮށް ވީހައި ގިނައިން އަޅުކަންކުރަން މަސައްކަތްކުރަންވީ ދުވަސްތަކެވެ. ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އެމީހަކު ފާފަކުރަމުން ގެންދާނަމަ އެކަމުން އެނގޭނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް މިންވަރަކަށް ބިރުވެތިކަން ނެތްކަމެވެ.
ދެން ނިކަން ބުނެބަލާށެވެ! މިއަދު ޒިނޭނުކުރަނީ ކޮން ޢުމުރެއްގައިހެއްޔެވެ؟ މުސްކުޅިވެ ދެމަފިރިން އެކުގައި އެންމެ ލޯބިން އުޅެންވީ ދުވަސްތަކުގައިވެސް ކައިވެނިތައް ރޫޅެން މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ ކުރުންކަމަސް މިވަނީ ވެފައެވެ.
މީސްތަކުންނޭވެ! ހޭލުންތެރިކަން އިތުރުކުރާށެވެ! މަރު އައިސް ބައްދަލުކުރާނީ ކޮން ވަޤުތަކުކަމެއް ނުއެނގޭނެއެވެ. އަވަހަށް ތައުބާވާށެވެ! ޤިޔާމަތް ދުވަހު ތިމާއަށް ﷲ ތަޢާލާ ބައްލަވައިވެސް ނުލައްވަވާނެ މީހެއްގެ ގޮތުގައި މަރުވެއްޖެނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟
ކޮންމެ ޢުމުރެއްގައިވެސް ޒިނޭކުރުމަކީ ކުރެވޭ އެންމެ ބޮޑު އެއް ފާފައެވެ. މުސްކުޅި ޢުމުރުގައި ޒިނޭކުރާ މީހަކަށް ނަޞޭޙަތް ދިނުމުގެ ގޮތުން ނޫނީ ވާހަކަދައްކަންވެސް ހެޔޮ ނުވާނެއެވެ. މިހާމަކުރީ ނަޞޭޙަތް ޤަބޫލުކޮށް އިޞްލާޙްނުވާނަމަ އެފަދަ މީހަކާއި އެއްވެސް ގުޅުމެއް ބާއްވަންވެސް ހެޔޮނުވާނެ ބައެއް ސަބަބުތަކެވެ. މިއީ ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭނެ ކަމެކެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން