ޤިޔާމަތް ދުވަހު ފައިދާކުރާނެ ފެންވަރަށް ނަމާދުކުރަން އެދޭމީހާ ނަމާދަށް ފެށުމުގެ ކުރިން ސަމާލުކަންދޭންޖެހޭ މުހިންމު ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޤިޔާމަތް ދުވަހު ފައިދާކުރާނެ ފެންވަރަށް ނަމާދުކުރަން އެދޭމީހާ ނަމާދަށް ފެށުމުގެ ކުރިން ސަމާލުކަންދޭންޖެހޭ މުހިންމު ބައެއް ކަންކަން!

ކުރި ނަމާދުތަކުން ޤިޔާމަތް ދުވަހު ފައިދާކުރާނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ނަމާދުކުރެވިގެންނެވެ. އެފެންވަރަށް ނަމާދުކުރަން ބޭނުންވާ މީހާ ފުރަތަމަ ކަމެއްގެ ގޮތުންވެސް ނަމާދަށް ތައްޔާރުވުމުގައި މި ބަޔާންކުރާ ކަންކަމަށް ސަމާލުކަންދޭށެވެ! އަދި ނަމާދަށް ފެށުމުގެ ކުރިން، ޝައިޠޯނާ ތިމާ އާއި ދުރުކުރައްވަވައި ދެއްވަވައި އަދި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭނެ މަގު ފަހިކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަން ކޮންމެހެންވެސް ސަމާލުކަން ދޭންވާނެއެވެ!  

ޢާންމުކޮށް ނަމާދުކޮށް އުޅޭ ގިނަ ބައަކުވެސް ނަމާދަށް ގޮސް އުޅެނީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވުމުން އެކަން ކޮށްލުމުގެ ބޭނުމުގައެވެ. މާބޮޑު އިތުރު މަޤްޞަދެއް އޮވެގެނެއް ނޫނެވެ. އަދި ނަމާދުން މާގިނަ ކަންތައްތަކެއް ޙާޞިލުކުރަން ވެސް ބޭނުންވެގެނެއް ނޫނެވެ.  

ނަމާދުކުރާއިރު ބޭކާރު ޚިޔާލުތައް ގިނަވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. ތިމާ މިކުރަނީ ކޮންކަމެއްކަން ވިސްނުމުގައި ނުބެހެއްޓެނީވެސް ހަމަ އެހެންވެގެންނެވެ. ކަމަކަށް ކަމެއް ކޮށްލެވޭތީއެވެ! ކިޔާ ތަކެތީގެ މާނައަށް ނުވިސްނައި ކިޔެވެނީވެސް އަވަސްއަރުވާލައިގެން ކިޔެވެނީވެސް ހަމަ އެ ސަބަބަށްޓަކައެވެ.  

މިކަންކަން އިޞްލާޙްކޮށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ބޭނުންވާ ނަމަ ފުރަތަމަ ކަމެއްގެ ގޮތުން ނަމާދަށްދާ ދިއުމުން ފެށިގެން މަސައްކަތްފަށާށެވެ! ނަމާދަށް މިދަނީ ކީއްކުރަންކަން ހިތްމައްޗަށް ގެންނާށެވެ!  

ނަމާދަށް ދަނީ ކީއްކުރަންހެއްޔެވެ؟ ޖަވާބަކީ ނަމާދަށް ދަނީ ﷲ ތައާލާގެ ޙަޟްރަތުގައި ހުއްޓިހުރުމަށެވެ! ވީމާ އެއީ ކޮންމެ މީހަކަށްވެސް އެންމެ ފުރިހަމައަށް ކުރަންޖެހޭނެ ކަންތަކެވެ. އެކަން ކުރެވޭނީ ތިމާ މިކުރަނީ ކޮންކަމެއްކަން ހިތްމައްޗަށް ގެނެވިގެންނެވެ! ވީމާ ނަމާދަށް ހުއްޓުމާއިއެކު ތިމާއަށް ހުއްޓި މިހުރެވެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައިކަން ހިތްމައްޗަށް ގެންނާށެވެ!  

ހަމައެއާއިއެކު ނަމާދުކުރަނީ ކޮން ކަމެއް ޙާޞިލުކުރަންކަން ވެސް ހިތްމައްޗަށް ގެންނާށެވެ! ނަމާދުކުރަންވީ ހަމައެކަނި ﷲ ފަރުޟުކުރެއްވެވީތީއެއް ނޫނެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ! ތިމާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ ބޮޑުކަމާއި ކިޔަމަންތެރިކަން ޢަމަލުން ދައްކައިދިނުމަށެވެ. 

ނަމާދުގައި ފަރުވާކުޑަކުރެވޭނަމަ، އަދި ބޭކާރު ޚިޔާލުތައް ވެސް ކުރެވޭނަމަ އެކަމުން އަންގައިދެނީ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ނެތްކަމެވެ. ކިޔަމަންތެރިކަން ނެތްކަމެވެ. އަދި އިޚްލާޞްތެރިކަމާއި ސަމާލުކަން ވެސް ނެތް ކަމެވެ. ނުވަތަ އެކަންކަން ވަރަށް ކުޑަކަމެވެ.  

މިކަންކަމުން އަރައިގަނެވި، ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނަމާދުކުރެވޭނީ ނަމާދަށް ދާން ނިޔަތްގަތީންސުރެ ތިމާ ކުރަން މިއުޅެނީ ކޮންކަމެއް ކަމާއި އެކަމުގެ ބޮޑުކަން ހިތްމައްޗަށް ގެނެސްގެންނެވެ. ވުޟޫކުރާއިރުވެސް ފުރިހަމަ ގޮތުގައި ކަންކަން ކުރެވޭނީ ވުޟޫ މިކުރަނީ ކީއްކުރަންކަން ހިތްމައްޗަށް ގެނެވިގެންނެވެ. މިތައްޔާރުވެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ކަމާއި ނަމާދު ޞައްހަވުން ވަނީ ޥުޟޫ ފުރިހަމަކުރެވުނު މިންވަރަކުންކަން ހިތްމައަޗަށް ގެނެވިގެންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން