ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވެއްދެވުން އެދިގެން މިހާރުވެސް މަސައްކަތްކޮށް ދުޢާކުރުމުން އެފުރުޞަތު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވެއްދެވުން އެދިގެން މިހާރުވެސް މަސައްކަތްކޮށް ދުޢާކުރުމުން އެފުރުޞަތު ދެއްވަވާނެ! އިން ޝާ ﷲ

ފުރަތަމަ ކަމަކަށް އޮތީ އިސްލާމްދީނުގައި ޘާބިތުވުމެވެ. ފަރުޟުތައް އަދާކުރުމަށްފަހު އެމީހަކަށް ކެރިކުޅަދާނަވާވަރަކަށް ސުންނަތް ކަންކަން ކުރުމެވެ. އެއީ ކިތަންމެ މަދު ޢަމަލެއް ނަމަވެސް އެކަންކަމުގައި ޘާބިތުވެ ހުރުމެވެ. ވިއްދައިގެން ގެންނަންވީ ސުވަރުގެ ލިބުމަށް ދަހިވެތިވުމެވެ. ތިމާ އެންމެ ބޮޑަށް ބޭނުންވާކަމަކީ ސުވަރުގެ ލިބުން ކަމަށް ދެކެގެން އަބަދުވެސް އެކަމަށް ޝައުޤުވެރިވެގެން ހުރުމެވެ. 

އެކަމުގެ ފައިދާ ތިޜީގައިވާ ލިޔުމުން ވިދާޅުވެލައްވާށެވެ! 

ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބިގަތުމަކީ ކޮންމެ މުސްލިމަކުވެސް އެންމެ އެދޭނެ އެއް ކަންތަކެވެ. އަދި އެއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ޙާޞިލުކުރެވެން އޮތް ކަމެކެވެ. ބޭނުންވަނީ ޢަޒުމާއި ހިތްވަރެވެ. އިޚްލާޞްތެރި ނިޔަތާއި އެކަމަށް މަސައްކަތްކުރުމެވެ. 

ޞަހާބީން ނާއި ތާބިޢީންގެ ތެރޭގައިވެސް ހުރިހާ ބޭކަލުން އަޅުކަންކުރެއްވެވީ އެއްވަރަކަށް ނޫނެވެ. އެކަން ބޭކަލުންނަށްވެސް އެނގިވަޑައިގަންނަވައެވެ. އެހެންވެ މަދުން އަޅުކަން ކުރެއްވޭ ބޭކަލުން އަބަދުވެސް މަސައްކަތްކުރެއްވެވީ ގިނައިން އަޅުކަން ކުރައްވާ ބޭކަލުންނާއި އެއްވަރުކުރެއްވެވުމަށެވެ. ނުވަތަ އަޅުކަން ކުރެއްވެވޭ މިންވަރު ގިނަކުރެއްވެވުމަށެވެ. އެއީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައަށް ވާޞިލުވެވަޑައިގަތުމުގެ ދަހިވެތިކަން އޮތް ބޮޑުކަމުންނެވެ. 

"ތިމަން ރަސޫލާ () ގެ އުންމަތުގެ ތެރެއިން 70000 މީހުން ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ" ކަމަށް ޙަދީޘްފުޅު ކުރެއްވެވި ދުވަހު ކަންތައް ހިނގައިދިއަގޮތަށް ވިސްނާށެވެ!  

އެތަނުގައި އިންނެވި އެއް ޞަޙާބީއަކީ އުކާސާއެވެ. އުކާސާއަކީ އަޅުކަން ކުރެއްވެވުމުގައި އެހައި ކުރީގައި ހުންނެވި ބޭކަލެއްވެސް ނޫނެވެ. ނަމަވެސް ސުވަރުގޭގެ މަތިވެރި ދަރަޖަ ބޭނުންފުޅުވެވަޑައިގަންނަވާލެއް ބޮޑުކަމުން ވަގުތުން ރަސޫލް () އަރިހުގައި އެދވަޑައިގަތީ އޭނާއަކީ އެ 70000 މީހުންގެ ތެރެއިން ހިމެނޭ ބޭކަލަކުކަމުގައި ލައްވަވަވައިދެއްވުން އެދި ދުޢާކުރައްވަވައި ދެއްވެވުމަށެވެ. ރަސޫލް () އުކާސާއަށް އެދުޢާކޮށްދެއްވެވިއެވެ. 

ދެވަނަ ބޭކަލަކު އެކަމަށް އެދިވަޑައިގަތުމުން ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އުކާސާ ފުރުޞަތުގެ ބޭނުން ހިއްޕަވައިފިކަމަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވިސްނަންވީ ކަމަކީ އަޅުކަންކުރުމުގައި ފަހަތުގައި ހުރެވުނު ނަމަވެސް އަޅުކަންކުރުން އިތުރުކުރުމުގެ މަޤްޞަދުގައި މަސައްކަތްކުރަންޖެހޭނެ ކަމެވެ. ލިބޭ ފުރުޞަތުގެ ބޭނޫން ވީހައި އަވަހަކަށް ހިފަން މަސައްކަތްކުރަންވާނެ ކަމެވެ. މިގޮތުން މިއަދު ވެސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ! 

މިސާލަކަށް ތިމާއަށް ޢާންމުކޮށް ނުކުރެވޭ ހެޔޮ ޢަމަލެއްގެ މައުލޫމާތު ދަރުސަކުން އިވުނީއެވެ. ނުވަތަ ފޮތަކުން އެނގުނީއެވެ. އެކަން ފަހުން ކުރަން ނުބާއްވާށެވެ! އެކަމެއް ކުރަން އަވަހަށް ފަށައިގަންނާށެވެ! ފަހުން ކުރަން ހުއްޓައި ދުނިޔެ ދޫކުރަންޖެހިއްޖެ ނަމަ ފުރުޞަތު އޮންނާނީ ގެއްލިފައެވެ. 

ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ! އަހުރެމެންނަށް ދުޢާކޮށްދެއްވަވަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއަދަކު މިދުނިޔެއަކު ނެތެވެ. ނަމަވެސް އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. ކޮންމެ މީހަކުވެސް އަމިއްލައަށް ދުޢާކުރަމުން ގެންދަންވީއެވެ. ސުވަރުގޭގެ ޥާހަކަ އަޑުއިވޭއިރަށް ސުވަރުގެ ދެއްވެވުން އެދިގެން ދުޢާކުރާށެވެ! ނަރަކައިގެ ވާހަކަ އަޑުއިވޭއިރަށް ނަރަކައިން މިންޖުކުރެއްވެވުން އެދިގެން ދުޢާކުޜާށެވެ! ﷲ ތަޢާލާގެ ކޯފާއާއި ޢަޛާބުގެ ވާހަކަ އަޑުއިވޭއިރަށް އެކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރަންވީއެވެ. ﷲ ހަމަ ތިބާޢަށްވެސް އެންމެ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން