މިޒަމާނަށް ބަލައިފިނަމަ ކުރެވޭ ކައިވެނީގެ 50 އިންސައްތަ ކައިވެނި ދާދިކުރުމުއްދަތެއްގައި ރޫޅޭ ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެވެ. ރަނގަޅަށް ބަލައިފިނަމަ މި ޢަދަދު މިއަށްވުރެ މާމަތިވެސްވާނެކަމަށް ޤަބޫލުކުރެވެއެވެ.
ކޮންމެއަކަސް ކައިވެނީގެ މުހިންމުކަން އެނގިތިބެ ނުހަނު ހޭލުންތެރިކަމާއިއެކު ކައިވެނިކުރަމުން ގެންދާއިއރު މިހައި ގިނަ އަދަދެއްގެ ކައިވެނިތައް ރޫޅެމުން ދިއުމަށް މެދުވެރިވާ ސަބަބުތަކެއް އޮންނާނެއެވެ. މިރޭ ދައްކަން މިއުޅެނީ އެ ސަބަބުތަކުގެ ވާހަކަތަކެއް ނޫނެވެ. މިރޭ ބަހެއް ބުނަން ބޭނުންވަނީ އެކުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނުފެނިގެން ވަކިވާންޖެހިއްޖެ ޙާލަތުގައި ދެ މީހުން ވެސް ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަމުގެ ވާހަކައެވެ.
އެގޮތުން ފުރަތަމަ ކަމަކީ ކޮންމެފަދަ ކަމެއް މެދުވެރިވެގެން ނުވަތަ ކޮންމެ މީހެއްގެ ކުށުން ދެމަފިރިން ވަކިވިނަމަވެސް ދެމީހުންނަކީ ދެ ހަތުރުން ކަމުގައި ނުވާށެވެ! އެކުގައި އުޅުމުގެ ސަބަބުން އަނެކާގެ ވަރަށް ގިނަ ސިއްރުތައްވެސް އެނގޭނެއެވެ. އެކަކު އަނެކަކަށް އެނގޭ ސިއްރުތައް ހާމަކޮށް ފަޟީޙަތް ނުކުރާށެވެ! ދަރިން ތިބިނަމަ އެ ދަރިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! އެދަރިން ނިކަމެތިކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއްފާފައެވެ.
ހުރިހާ ޒަމާންތަކެއްގައިވެސް ކައިވެނި ރޫޅުނެވެ. މިޒަމާނުގައި އެކަން މިހާބޮޑުކަމަކަށްވެގެން މިއުޅޭ އެންމެ ބޮޑު ސަބަބަކީ ދެމަފިރިން ވަކިވުމަށްފަހު ދަރިންވެސް ނިކަމެތިކުރާތީއެވެ. އެކުދިންނަކީ ދެމަފިރިންނަށް ލިބުނު ކުދިންކަމާއި ﷲ ތަޢާލާ ތިމާމެންނާއި ޙަވާލުކުރައްވަވާފައިވާ އަމާނާތެއްކަން ވިސްނޭނަމަ އެއްވެސް މީހަކު އެމީހެއްގެ ދަރިން ނިކަމެތި ނުކުރާނެއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން