ރަމަޟާން މަހުގެ ރޯދަ ހިފުމަކީ ފަރުޟެކެވެ. ޝަރުޢީ ސަބަބެއް ނެތި ނުހިފައި ދޫކޮށެއް ނުލެވޭނެއެވެ. ވީމާ އެއީ ތިމާއަށްޓަކައި ތިމާ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސުންނަތް ރޯދަ ހިފުމަކީ އިޚްތިޔާރީ ކަމެކެވެ. އެކަމަކު އެހައިމެ މަތިވެރިކަމެކެވެ. ސަބަބަކީ އެކަމުން އަންގައިދެނީ އެމީހަކު ސުންނަތަށް ލޯބިކުރާ ކަމެވެ.
ކޮންމެ އަޅުކަމަކީވެސް އިކްލާޞްތެރިކަމާއިއެކު ކުރަން ފަށައިފި މީހަކަށް ބުރައަކަށް ނުވާނެއެވެ. ބޭނުންވަނީ އިޚްލާޞްތެރި ނިޔަތާއި ހިތްވަރެވެ. ހަނދުމަހުގެ 3 ދުވަހު ރޯދަ ހިފުމުގެ މުހިންމުކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ.
ހަނދުމަހުގެ 13، 14، 15 3 ދުވަހު ހިފާ ރޯދައަށް ކިޔަނީ ބީޟުގެ ދުވަސްތަކުގެ ރޯދައެވެ.
"ބީޟުގެ ދުވަސްތަކުގެ ރޯދައަކީ ކޮންމެ ހަނދު މަހެއްގައި ހިފުން ސުންނަތްވެގެންވާ ތިން ރޯދައެވެ. މި ރޯދައަށް ބީޟުގެ ދުވަސްތަކުގެ ރޯދައޭ ކިޔުނީ އެ ރޯދަހިފަނީ ހަނދު އޭގެ އެންމެ އަލިކަން ގަދަވެ، ހުދުވާ ދުވަސްތަކުގައި ކަމަށްވާތީއެވެ. ބީޟުގެ މާނައަކީ ހުދެވެ.
ބީޟުގެ ދުވަސްތަކުގެ ރޯދަ ކޮންމެ މަހެއްގެ 13 އަދި 14 އަދި 15 ގައި ހިފުމަށް އަންނަނިވި ޙަދީޘް އައިސްފައިވެއެވެ.
އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހުރެންނަށް ޙަދީޘްކުރެއްވިއެވެ. "މަހުގެ އެއްވެސް ދުވަސްވަރެއްގައި ތިބާ ރޯދަހިފާ ނަމަ ތޭރައާއި ސާދައާއި ފަނަރައިގައި ރޯދަ ހިފާށެވެ."
މަޢުލޫމާތު: ޝައިޚް މުޙައްމަދު ޝާފިޢުގެ ލިޔުއްވުމަކުން