ގިނަ ބައަކަށް މާޔޫސްބަލި ޖެހެނީ އެހެން މީހުން އެމީހަކަށް ބުނާބަސްތަކުންނާ އެހެން މީހުން އޭނާއާއިމެދު ޢަމަލުކުރާގޮތުން ލިބޭ މާޔޫސްކަން ބޮޑުވުމުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ގިނަ ބައަކަށް މާޔޫސްބަލި ޖެހެނީ އެހެން މީހުން އެމީހަކަށް ބުނާބަސްތަކުންނާ އެހެން މީހުން އޭނާއާއިމެދު ޢަމަލުކުރާގޮތުން ލިބޭ މާޔޫސްކަން ބޮޑުވުމުން!: މުފްތީ މެންކް

އަހަރެމެން ދުނިޔެއަށް ފޮނުއްވެވީ އެކަކު އަނެކަކަށް އަޅާލުމާއި ލޯބި ދިނުމަށެވެ! އެހީތެރިވުމަށެވެ! އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއްކުރާކަށް ނޫނެވެ! ނުބައިބަސްތައް ބުނެ ހިތުގައި ޖައްސުވާކަށްވެސް ނޫނެވެ. އަނިޔާވެރިންނަށް ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ!

ދައްކަން މިއުޅެނީ ދުލުން ނަމަވެސް މީސްމީހުންނަށް ކުރެވޭ އަނިޔާތަކާއި މިކިޔާ ޑިޕްރެޝަނާއި ހުރި ގުޅުންތަކުގެ ވާހަކައެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ މާޔޫސް ބަލި (ޑިޕްރެޝަން)ގެ މައްސަލަތައް ކުރިމަތިވަނީ ޙާޞިލުކުރަން މަސައްކަތްކުރާ ކަންކަން ޙާޞިލުނުކުރެވުމުން ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ގޯސް ހިސާބެކެވެ. އެންމެ ގިނަ ބައަކަށް މާޔޫސްބަލި ޖެހެނީ އެހެން މީހުން އެމީހަކަށް ބުނާބަސްތަކުންނެވެ. އެހެން މީހުން އޭނާއާއިމެދު ޢަމަލުކުރާގޮތުންނެވެ.

ވީމާ ކޮންމެ މީހަކަށް ބަހެއް ބުނި ނަމަވެސް އެމީހާޢަށް އެކަމުން އަސަރު ނުކުރާނެ ގޮތާއިމެދު ވަރަށްބޮޑަށް ވިސްނަންވާނެއެވެ! އެމީހަކަށް ހިތްދަތިކަމެއް ނުލިބޭނެ ގޮތަށް ބަސްމަގު ބޭނުންކުރަން ސަމާލުކަންދޭންޖެހޭނެއެވެ! ހިތާމައަކީ މިފަދަ ކަންކަން މިއަދު އެންމެ ބޮޑަށް ކުރިމަތިވަނީ ޢާއިލާތެރެއިންކަމަށްވާކަމެވެ!

ކުރަން އުޅޭ ކަމެއް ނުވުމުން އެލިބޭ ދެރަ ހަނދާނުން ފިލުން ފަސޭހަވާނެއެވެ. ނަމަވެސް ދެރަވާންޖެހޭ ޒާތުގެ ބަސްތައް އަބަދު އަޑުއިވެމުންދާނަމަ އެމީހަކަށް އަބަދުވެސް ދާނީ ވޭން އަޅަމުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

މީހަކު ދެކެ ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް ދެރަކޮށްލުމުގެ ގޮތުން ހިތުގައި ޖެހޭ ފަދަ ނުބައި ބަސްތައް ބުނުން އިސްލާމް ދީނުގައި ހުއްދައެއް ނޫނެވެ. ވީއިރު އަމިއްލަ ޢާއިލާތެރޭގައި އެފަދަ ބަސްތައް ބުނަން ހެޔޮވެދާނެ ހެއްޔެވެ؟ އެފަދަ ބަސްތައް ބުނުމަކީ ހިންގާ ބޮޑު ޖަރީމާއެކެވެ! ފާފަވެރިވާނެ ކަމެކެވެ!

---މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން