ނިކަމެތި ޙާލުގަ އުޅެންޖެހުމުންނާ ތަނަވަސްކަމަށް އެދި ދުޢާކުރުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ނިކަމެތި ޙާލުގަ އުޅެންޖެހުމުންނާ ތަނަވަސްކަމަށް އެދި ދުޢާކުރުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

ޞަޙާބީންގެ ތެރެއިން ވަރަށް މަދު ބޭކަލަކު ނޫނީ ދުނިޔޭގައި އުލުއްވެވީ ވަރަށް ދަތިޙާލުކޮޅުގައެވެ. އެކަމަކު އެބޭކަލުން ވަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ހޯއްދަވައިފައެވެ. އެކަމުން އެނގެނީ ދުނިޔޭގައި ލިބޭ ތަނަވަސްކަން އެހައި މުހިންމު ނޫންކަމެވެ. އެއްވެސް ތަނަވަސްކަމެއް ނެތަސް އެންމެ ބޮޑު އުފާވެރިކަން ޙާޞިލުކުރެވެން އެބައޮތްކަމެވެ.

ފައިސާގެ ތަނަވަސްކަން ﷲ ތަޢާލާ ދެއްވަވަނީ އެކި މީހުންނަށް އެކިވަރަށެވެ! ވީމާ އެވެނި މީހަކު އުޅޭ ތަނަވަސްދިރިއުޅުމާއިމެދު ނުވިސްނާށެވެ! އޭނާ އެއުޅެނީވެސް އަދި ތިބާ ތިއުޅެނީވެސް ހަމަ ﷲ ތަޢާލާ މިންވަރުކުރެއްވެވި ފެންވަރުގައެވެ. ނަތީޖާ ފެނިގެންދާނީ އާޚިރަތްދުވަހުއެވެ. އެމީހަކު ކުޅަ ޢަމަލުތައް މީޒާނުގަ ޢަމަލުތައް ކިރައިލެވޭ ވަގުތުގައެވެ.

ފައިސާގެ ތަނަވަސްކަން ނެތްނަމަ ކަންބޮޑުވެވޭނެއެވެ. ދަތިތަކާއިމެދު ވިސްނައިލެވޭނެއެވެ. ނަމަވެސް އެކަންކަން ކުރަންޖެހޭނީ އެކަންކުރަންޖެހޭ އިމުގެ ތެރެއިންނެވެ. އެއްވެސް ޙާލެއްގަ އެއީ ތިމާއަށް އޮތް އެންމެ ބޮޑު މައްސަލަ ކަމުގައި ދެކެގެން ނުވާނެއެވެ! އެހެނީ ތަނަވަސްކަމަކީ ހުރިހާ ހިތާމަތަކާއި ހިތްދަތިކަން ފޫބައްދައިދޭ ކަމެއް ނަމަ ދުނިޔޭގެ އެންމ ބޮޑެތި ބިލިއަނަރުން ކަންބޮޑުވެ ޑިޕްރެސްވެގެން އުޅޭކަށް ނުޖެހޭނެއެވެ!

ތިބާ ހެޔޮ ޙާލުގައި ގަދަވެ ސަލާމަތުން އެބަ ހުރިހެއްޔެވެ؟ އެއޮތީ އެންމެ ބޮޑު ނިޢްމަތް ދެއްވަވައިފައެވެ. ބަނޑުހައިހޫނުކަން ފިލުވައިލެވޭވަރަށް ކާނެ އެތިކޮޅެއް އެބަހުރިހެއްޔެވެ؟ އެއޮތީ ދެން އެންމެ ބޭނުންވާ ކަންތައް ފުރިހަމަވެފައެވެ.

ތިމާގެ ބޭނުންތައް ފުއްދަވައިދެއްވެވުން އެދި ދުޢާކުރާއިރުވެސް ދުޢާކުރަންވާނީ ރިޒުޤަށް އެދިއެވެ. ނުފުދިހުރި އަސާސީ ބޭނުންތަކަށް އެދިއެވެ. އެއްވެސް ޙާލެއްގައި މިވެނި މީހަކު ފަދަ ތަނަވަސް މީހަކުކަމުގައިލެއްވެވުމަށް ނުއެދޭށެވެ! ތިމާގެ ޙާޖަތްތައް ފުއްދަވައިދެއްވެވުން އެދި ދުޢާކުރުމުން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ވަރަކަށް އެކަންކަން ފުއްދަވައިދެއްވަވާނެތެވެ!

ކުރާ ކޮންމެ ދުޢާއެއްގައިވެސް ވީހައި ގިނަ އަޅުކަންކުރުމަށް، ނަމާދުގައި ޚުޝޫޢަތްތެރިކަން ދެއްވެވުމަށް، ކުރާއަޅުކަން ޤަބޫލުފުޅުކޮށްދެއްވެވުމަށް އެދެންވާނެއެވެ! އަދި ތިމާ ދިރިއުޅެންކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދި ވެސް ދުޢާކުރަންވާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން