ކައިވެނި ރޫޅި އެކަނިވެރިވެއްޖެނަމަ ދެވަނަ ކައިވެނިކުރަން ފަސްނުޖެހޭށެވެ! ފަސްޖެހޭނަމަ އެނަގައިލެވެނީ ﷲ ތަޢާލާ ދެއްވަވަން އޮތް ބޮޑު އުފާވެރިކަން ކަމަށްވުން ގާތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ކައިވެނި ރޫޅި އެކަނިވެރިވެއްޖެނަމަ ދެވަނަ ކައިވެނިކުރަން ފަސްނުޖެހޭށެވެ! ފަސްޖެހޭނަމަ އެނަގައިލެވެނީ ﷲ ތަޢާލާ ދެއްވަވަން އޮތް ބޮޑު އުފާވެރިކަން ކަމަށްވުން ގާތެވެ!

އިންސާނުން ދުނިޔޭގައި އުޅެންފެށީންސުރެ މިހައިތަނަށް ބެލި ނަމަވެސް ޒަވާޖީ ޙަޔާތުގައި އެންމެ ފުރަތަމަ ބައިވެރިޔާ އާއިއެކު މުޅި ޙަޔާތް ހޭދަކުރެވިފައިވަނީ ވަރަށް މަދު މީހަކަށެވެ. އަދި އިންސާނުންގެ ކިބައިން ރިވެތި ޚުލްޤް އަންނަނީ ދުވަހެއް ދުވަހަކަށް ނެތެމުންނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ކައިވެނިކުރަންޖެހޭ އިތުރު މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. މާނައަކީ އިތުރު ކައިވެނި ކުރަންޖެހުން އަންނަނީ ގިނަވަމުން ކަމެވެ. 

އެކަމުގެ ސަބަބުތައް ވަރަށް ގިނައެވެ. އަދި އެކި މީހުންނަށް ދިމާވާ ސަބަބުތައްވެސް ވަރަށް ތަފާތެވެ. ވީމާ އެކަން އެގޮތަށް މެދުވެރިވަނީ މިވެނި ސަބަބަކާއިހުރެ ކަމަށް ބުނުން މިވަނީ އުނދަގޫކަމަކަށްވެފައެވެ. ނަމަވެސް މައިގަނޑު ސަބަބަކީ އިސްލާމް ދީނުގައި ކައިވެނީގެ މަތިވެރިކަމާއި ކައވެނީގެ ގުޅުން ދެމެހެއްޓުމަކީ ކިހައި މަތިވެރިކަމެއްކަން ޤަބޫލުކުރެވުން ކުޑަވުމެވެ. އަމިއްލަ އެދުންތައް ކުރިއަށް ނެރެވޭ މިންވަރު އިތުރުވުމެވެ. 

އެންމެ ބޮޑަށް ފާހަގަކުރަންޖެހެނީ އަމިއްލަ އެދުން ބޮޑުކަމެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ކައިވެނީގައި ދަރިން ލިބުމުން އެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ ﷲ ތަޢާލާ އެމީހަކާއި ހަވާލުކުރައްވަވާ އެންމެ ބޮޑު މަސްއޫލިއްޔަތު ނަމަވެސް އެކަންވެސް ދޫކޮށްލާފައި އަމިއްލަ އެދުން ކުރިއަށް ނެރެ ކައިވެނިތައް ރޫޅަމުން ގެންދާ ކަމެވެ. 

ކޮންމެއަކަސް ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ދެވަނަ ޙަޔާތެއް ފަށަން ޖެހިއްޖެ ނަމަ އޮތީ އެކަންކުރުމެވެ. އެހެނީ މުޅި އުމުރު ހިތްދަތިކަމުގައި ހޭދަކުރުމަކީ ހަމަ އެއްވެސް މީހަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. އަދި އަހުރެން ދެކޭގޮތުގައި އެކަން އެގޮތަށް ގޮށްގެންވެސް ނުވާނެއެވެ. އެންމެ ބޮޑު އަދި އެންމެ މުހިންމު ސަބަބަކީ އެމީހެއްގެ ނަފްސަށް ކުރިމަތިވެދާނެ މައްސަލަތަކެވެ. އިންސާނާގެ ޞިއްޙަތަށް އެކަމުން ގެއްލުން ލިބޭކަމެވެ. 

ފައްތަރުމަތީގައި ދަތިތަކެއް ކުރިމަތިވެދާނެއެވެ. ޚާއްޞަކޮށް އަމިއްލައަށް އާމްދަނީ ނުހޯދޭ، ޢާއިލާގެ އެހީތެރިކަން ލިބެން ނެތް އަންހެނުންނަށެވެ. ނަމަވެސް ހިތްވަރުކޮށްލާށެވެ! މިއާޔަތުން ހިތްވަރުލިބިގަންނާށެވެ! 

"ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." (އަލް އިންޝާރު: 5) 

އެއްވެސް ޙާލެއްގައި ހިތްވަރު މިދެނީ ހަމަ ކަމެއް ދިމާވާއިރަށް ކައިވެނި ރޫޅުމަކަށް ނޫނެވެ. ކައިވެނި ރޫޅައިލުމަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިބަނާ ބަހަކީ އެކުވައި އުޅެވޭނެ ގޮތެއް ނެތަކަން ޔަޤީންވާނަމަ ރަނގަޅު ގޮތަކީ ދެވަނަ ޙަޔާތެއް ފެށުން ކަމެވެ. 3 ވަނަ 4 ވަނަ ޙަޔާތެއް ނަމަވެސްމެއެވެ. އަދި އެއަށްވުރެ އިތުރުވުމަކިވެސް އެއްވެސް މިންވަރަކަށް ލަދުގަންނަން ޖެހެންވީކަމެއް ނޫނެވެ. 

ބިރުގަންނަންވީވެސް ލަދުވެތިވާންވީވެސް ﷲ ތަޢާލާއަށެވެ! ކޮންމެ ޙާލަތެއްގައިވެސް އެކަން ކުރާށެވެ! ކާމިޔާބީގެ ތަޅުދަނޑިއަކީ އެއީއެވެ. 

ދެން އޮތީ ދިރިއުޅުމުގައި ދަތި އުނދަގޫތައް ކުރިމަތިވުމެވެ. އެފަދަ ޙާލަތުގައިވެސް ހިތްވަރުލިބިގަންނަންވީ ހަމަ މިއާޔަތުންނެވެ. ޔަޤީންކުރަންވީ ހަމަ މިއާޔަތުގައިވާ ވަޙީބަސްފުޅެވެ. ދަތި އުނދަގޫ ހާލަތަށްފަހު ފަސޭހަކަން މިންވަރުކުރައްވަވާނެ ކަމެވެ! 

ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ތަފާތު ދަތިތައް ކުރިމަތިވާނެ މީހެކެވެ. ތަކްލީފްތަކާއި ކުރިމަތިލާންޖެހޭނެ މީހެކެވެ. އެކި މީހުންނަށް ކުރިމަތިވާނީ އެކިކަންކަމެވެ. އެކި ގޮތް ގޮތުންނެވެ. އަހުރެންގެ ކުރިމަތީގައި ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ. ވީމާ ކައިވެނި ރޫޅި ދެވަނަ ކައިވެންޏެއް ކުރަންޖެހުމަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އޮތީ ފޭލްނުވެ ފާސްވާން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން