ޤިޔާމަތް ދުވަހު އެންމެ ބޮޑު ބަދަލެއް ދޭންޖެހޭނެ ކަމަކީ އަނެކާ ހިތްދަތިކުރުވުން ކަމަށްވުމަކީ ވަރަށް ގާތް ކަމެއް! އެއީ ހުރިހާ ކަމަކަށްވުރެ މާބޮޑުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޤިޔާމަތް ދުވަހު އެންމެ ބޮޑު ބަދަލެއް ދޭންޖެހޭނެ ކަމަކީ އަނެކާ ހިތްދަތިކުރުވުން ކަމަށްވުމަކީ ވަރަށް ގާތް ކަމެއް! އެއީ ހުރިހާ ކަމަކަށްވުރެ މާބޮޑުކަމެއް!

އަނިޔާ އާއި ހިތްދަތިކަން ނުވަތަ އެނޫންވެސް ގެއްލުމެއް ދީފިނަމަ އެކަމަށް ބަދަލު ދެންދެން އެމީހަކަށް މާފުނުކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ނަމަވެސް ރުޅިއައިސް ވާހަކަ ނުދައްކައި ތިބެގެން ނުވާނެއެވެ. ޙަސަދަވެރިކަން ބާއްވައިގެން ނުވާނެއެވެ. ޞުލްޙަވާން ވާނެއެވެ.  

މީހަކު މާފަށް އެދިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް މާފުކުރުމެވެ. ކުރާ ބައެއް އަނިޔާތަކާއި ދޭ ގެއްލުންތަކަށް ބަދަލެއް ނުވެސް ދެވޭނެއެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ މީހުންގެ ހިތުގައި ޖެއްސުމެވެ. އެކަމަށް ބަދަލުދޭން ކިރާނެ ތިލަފަތެއް އުފެއްދިފައެއް ތެވެ. މިން އެޅޭނެ ގޮތެއްވެސް ނެތެވެ.  

ވީމާ އެއްވެސް މީހަކަށް އަނިޔާ ނުކުރާށެވެ! ޚާއްޞަކޮށް ހިތްދަތި ނުކުރުވާށެވެ! އެފަދަ ކަމެއް ކުރެވިއްޖެނަމަ މާފަށް އެދުން ލަސްނުކުރާށެވެ! ސަބަބަކީ މާފަށް ނުއެދި ހުއްޓައި މަރުވެއްޖެނަމަ ޤިޔާމަތް ދުވަހު އެކަމަށް ބަދަލުދޭންޖެހޭނެއެވެ. ބަދަލުދެމުން ގޮސް ހެޔޮޢަމަލުތައް ހުސްވެއްޖެނަމަ އަނެކާ ކޮށްފައިވާ ފާފަތައް އެމީހަކަށް ބަދަލުކުރައްވަވާނެތެވެ.  

މުސްލިމުންނަށް އެންމެ ފައިދާހުރި ގޮތަކީ މާފަށް އެދުމުން ބަދަލު ހޯދުމެއްވެސް ނެތި ﷲ ތަޢާލާއަށްޓަކައި އެމީހަކަށް މާފުކުރުމެވެ. އެއިރުން ބަދަލުގައި އެމީހާގެ އަތުން ލިބެން އޮތް އެއްޗަކަށްވުރެ ﷲ ތަޢާލާ އެމީހަކަށް ލައްވަވާ ރަޙްމަތް މާބޮދުވާނެއެވެ.  

ޖުމްލަކޮސްލާފައި ބުނެލަން އޮތީ އެއްވެސް މީހަކު ހިތްދަތިނުކުރުވާށެވެ! އެއީ ބަދަލުދެވޭނެ ކަމެއް ނޫނެވެ. އެކަމަށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ޤިޔާމަތް ދުވަހު އެންމެ ބޮޑު ބަދަލެއް ދޭންޖެހޭނެ ކަމަކީ އަނެކާ ހިތްދަތިކުރުވުން ކަމަށްވުމަކީ ވަރަށް ގާތް ކަމަކަށްވާތީ އެއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ!

 

- މަޢުލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން  

މިއަދު އޮންލައިން