ފާފަކުރެވޭތީ ކަރުއެލުވައިނުލާށެވެ! ފާފަކުރެވުނަސް އެންމެ މާތް މީހަކަށް ވެވުމުގެ ފުރުޞަތު އެބައޮތެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ފާފަކުރެވޭތީ ކަރުއެލުވައިނުލާށެވެ! ފާފަކުރެވުނަސް އެންމެ މާތް މީހަކަށް ވެވުމުގެ ފުރުޞަތު އެބައޮތެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަހުރެމެންނަށް އޮތީ ފާފަނުކުރަން މަސައްކަތްކުރުމެވެ. މަސައްކަތްކުރަނިކޮށްވެސް ފާފަކުރެވޭނެއެވެ. އެއީ އެކަން ހިނގަމުންދާ ގޮތެވެ. ހިނގަމުންދާނެވެސް ގޮތެވެ. އެމީހެއްގެ ފާފަތައް ކަނޑުގެ ފޮނުތައްހައި ގިނަނަމަވެސް ތައުބާވުމުން ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެކަން އެނގެން އޮތުމުން މާޔޫސްވާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ 

ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެކެވެ. ނަމަވެސް އެކި މީހުންނަށް އެކިވަރަށެވެ! ބައެއް މީހުން ތިބެނީ އަބަދު ފާފަކުރުންމަތީގައެވެ. އަނެއް ބައަކު އެއަށްވުރެ މަދުންނެވެ. އަނެއް ބައަކު ކުރަނީ ވަރަށް މަދުންނެވެ. 

ފާފަކުރެވޭ މީހުންގެ ތެރެއިން އެމީހެއްގެ މައްޗަށް ޝައިޠޯނާ ގަދަވެގެންފައިވާ ނުވަތަ ވެރިވެގެންފައިވާ މީހުންނަކީ ކޮންބައެއްކަން އެނގޭ ހެއްޔެވެ؟ އެއީ ފާފަކުރުމަކީ އެއްވެސް ނުބައި އަމަލެއް ކަމަށް ނުދެކި ފާފަކުރާމީހުންނެވެ. އެފަދަ މީހުންގެ ކުރިމަތީގައި ފާފަކުރުމަކީ އެއްވެސް ކަމެއް ނޫނެވެ. ހަމަ ފެންފޮދެއް ބޮއެލުން ފަދަ އާދައިގެ ކަމެކެވެ. ހަމަ ބޭނުންވުމުން ކުރަންވީއެވެ. ޙަޤީޤަތަކީ އެންމެ ބޮޑަށް ގެއްލެނިވެގެން ގޮސްފައިވާ މީހުންނަކީ އެއީކަމެވެ. 

އަނެއްބައަކީ ފާފައެއް ކުރެވުނު ނަމަވެސް އެކަމާއި ދެރަވެ ހިތާމަކޮށް ވަގުތުން ތައުބާވާ މީހުންނެވެ. އެމީހުންނަކީ ޝައިޠޯނާގެ މައްޗަށް އެމީހުން ގަދަވެގެންފައިވާ މީހުންނެވެ. އެމީހުންނަކީވެސް އިންސާނުންކަމުގައިވާތީ ފާފަވެސް ކުރެވެނީއެވެ. ނަމަވެސް ފާފަކުރެވުމާއިއެކު މިކުރެވުނީ ނުބައި އަމަލެއް ކަމާއި ﷲ ތަޢާލާ ޢަޛާބު ދެއްވަވާނެ ކަމެއްކަން ވިސްނި ﷲ ތަޢާލާއަށް ބިރުވެތިވެ އަވަހަށް ތައުބާވަނީ އެވެ. އެފަދަ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އެއީ އެމީހުންގެ އަމަލުން އެމީހުން ﷲ ތަޢާލާއަށް ބިރުވެތިވާކަން ހާމަކުރާތީ އެވެ. އިން ޝާ ﷲ 

އެމީހުންނަށް ފާފަކުރެވެނީ ޝައިޠޯނާ ވަސްވާސްދޭތީއެވެ. ނަމަވެސް އެމީހުން ވަގުތުން ޝައިޠޯނާގެ މައްޗަށް ވެރިވެގަންނަނީއެވެ. ތައުބާވަނީއެވެ. ދެން ﷲ އަށް ފާފައެއް ނުކުރަން ޢަޒުމް ކަނޑައަޅނީއެވެ. ކުރެވުނު ފާފައަށް ހިތާމަކޮށް ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވަނީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބި ލިބިގަންނަނީއެވެ. 

ހުރިހާ އިންސާނުން މަގުފުރައްދައި އެންމެން ލައްވައި ފާފަކުރުވާނެ ކަމަށް އިބިލީސް ﷲ ތަޢާލާއަށް ދެންނެވިހިނދު ވަޙީ ކުރެއްވެވި ބަސްފުޅު ހަނދާނަށް ގެންނާށެވެ! އެ ބަސްފުޅަކީ "އެމީހުން ތައުބާވާއިރަށް ތިމަން ﷲ ޢަފޫކުރައްވަވާނަމެވެ!" ނޫން ހެއްޔެވެ؟ 

ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ކޮންމެ އާދަމްގެ ދަރިއަކީވެސް ފާފަކުރެވޭނެ މީހެއް ކަމަށެވެ. އެހެނަސް އެންމެ މާތް މީހަކީ އެންމެ ގިނައިން ތައުބާވާ މީހާކަމަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ މިޙަދީޘްފުޅުގައިވާފަދައިން ގިނަގިނައިން ތައުބާވާ މީހަކު ކަމުގައިވުމަށެވެ. އެއިރުން އަބަދުވެސް ހުރެވޭނީ އެންމެ މަތީ ދަރަޖައިގައެވެ. 

މީސްތަކުންނޭވެ! ފާފައެއް ކުރެވިދާނެއެވެ! ކުރެވުނު ނަމަވެސް ތައުބާވާށެވެ! ބަދަލުގައި ހެޔޮކަމެއްވެސް ކުރާށެވެ! އިސްތިޣްފާރުކުރާށެވެ! އެއިރުން އެހުރެވެނީ ޝައިޠޯނާގެ މައްޗަށް ގަދަވެގަނެގެންނެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން