ދެމަފިރިން އެކަކު އަނެކަކަށް މަކަރު ހެދުމާ ތެދުވެރިނުވުމާ ބޭވަފާތެރިވުމަކީވެސް ހަމަ ކުރެވޭ ފާފަތަކެވެ! އުފާވެރިކަން ބޭނުންނަމަ އަވަހަށް އިޞްލާޙްކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ދެމަފިރިން އެކަކު އަނެކަކަށް މަކަރު ހެދުމާ ތެދުވެރިނުވުމާ ބޭވަފާތެރިވުމަކީވެސް ހަމަ ކުރެވޭ ފާފަތަކެވެ! އުފާވެރިކަން ބޭނުންނަމަ އަވަހަށް އިޞްލާޙްކުރާށެވެ!: މުފްތީ މެންކް

ތިމާ ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިވުމަކީ އެންމެ މުހިންމު އެއްކަންތަކެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ތެދުވެރިވާށެވެ! ޢާއިލާއަށް ތެދުވެރިވާށެވެ. އެކަންކަން ހިމެނޭނީ އަމިއްލަ ނަފްސަށް ތެދުވެރިވުމުގެ ތެރެއިންނެވެ. އަމިއްލަ ނަފްސަށް ތެދުވެރިނުވެވޭ މީހަކަށް ﷲ ތަޢާލާއަށް ތެދުވެރިއެއް ނުވެވޭނެއެވެ.

ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު އުފާވެރިކަން ނުލިބޭކަމުގެ ޝަކުވާ ގިނަބައަކު ކުރެއެވެ. ކައިވެނިން ޙާޞިލުކުރަން ބޭނުންވި އެއްވެސް މަޤްޞަދެއް ޙާޞިލުނުކުރެވިގެން ހިތާމަކުރާކަމަށްވެސް ބުނެއެވެ. އެކަންކަމުގެ ސަބަބުން ދިރިއުޅުމާއިމެދު މާޔޫސްވާކަމަށްވެސް ބުނެއެވެ.

މިގޮތަށް މެދުވެރިވުން މިއީ ހަކުރުނާޅާ ފިހާ ކޭކު ނުވަތަ އެނޫންވެސް ކާއެއްޗެތީގައި ފޮނިރަހަ ނުލުން ފަދަ ކަމެކެވެ. ކިތަންމެ ވަރަކަށް ޝަކުވާކުރި ނަމަވެސް ހަކުރު ނާޅާ ފިހާ ކޭކުގައި ނުވަތަ އެނޫންވެސް ކާއެއްޗެއްގައި ފޮނިރަހަ ލައްވާނީ ކިހިނަކުން ހެއްޔެވެ؟

ޒަވާޖީ ޙަޔާތް ފޮނިކުރުން ނުވަތަ އުފާވެރިކަން ހޯދުމަކީ ވެސް ހަމަ އެފަދަ ކަމެކެވެ. ޒަވާޖީ ޙަޔާތް ފޮނިކުރެވޭނީ، ބާއްޖަވެރިކުރެވޭނީ އަދި އެޙަޔާތުގައި އުފާވެރިކަން ލިބުންވަނީވެސް ފާފަ ކުރުން ހުއްޓައިލުމުންނެވެ.

މިހެން ބުނުމުން ބައެއް ޒުވާނުންނަށް ފާފަކުރުން އޮޅިވެސްދާނެއެވެ! ފާފަކުރުމަކީ ހަމައެކަނި ޒިނޭކުރުމާއި ވައްކަންކުރުން ފަދަ ކަންކަން ކުރުމެއް ނޫނެވެ! ދެމަފިރިން އެކަކު އަނެކަކަށް މަކަރު ހެދުމާއި ތެދުވެރިނުވުމާއި ބޭވަފާތެރިވުމަކީވެސް ހަމަ ކުރެވޭ ފާފަތަކެވެ. ވީމާ ކައިވެންޏަށްފަހު ކުރިން އުޅެވުނު ދިރިއުޅުމުން ނުކުމެ މުޅިން އައު ދިރިއުޅުމެއް ފަށަންވާނެއެވެ.

ކައިވެނިކުރުމަށްފަހު ކުރަންޖެހޭނެ އެއްކަމަކީ ކުރިން ވާހަކަދައްކައި އުޅުނުހައި ގިނަމީހުންނާއި ވާހަކަދެއްކުން ހުއްޓައިލުމެވެ.! އަދި ދެމަފިރިންގެ މެދުގައި ޖެހޭ ކަންކަމުގެ ވާހަކަ އެންމެންގެ ގާތުގައި ނުދައްކާށެވެ! ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް އެފަދަ ވާހަކަތައް ކޮންމެހެން ދައްކަންޖެހޭނެ ބައަކު ކަނޑައަޅާށެވެ.

ފާފަކުރުން ހުއްޓައިލުމަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ހުރިހާ ކަމެއް ކުރުން ހުއްޓާލުމެވެ. ކައިވެންޏެއް ކުރުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު މަރުހަލާއަށް ފަށައިގަތުމެވެ. މުޅި ޙަޔާތް ވެސް ކާމިޔާބުވާނީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވުނު މިންވަރަކުންނެވެ. ވީމާ އެކަމަށް އެދި ދުޢާކުރުން ގިނަކުރަންޖެހެއެވެ. ދެމަފިރިންވެސް ފާފަކުރުމާއި ދުރުހެލިވާށެވެ! މުޅިން ހުއްޓައިލާށެވެ! އަދި އަދާކުރަންޖެހޭ ފަރުޟުތަކަށް ދެމަފިރިންވެސް ރައްކައުތެރިވާށެވެ! ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރެވޭނީ އެއިރުންނެވެ. އަދި ދެ ދުނިޔެވެސް ކާމިޔާބުކުރެވޭނީ އެއިރުންނެވެ.

ޒަވާޖީ ޙަޔާތް އުފާވެރިކުރަން، ފޮނިކުރަން، ބޭނުންވާނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދެމީހުންވެސް ތެދުވެރިވުމާއި އިޚްލާޞްތެރިވުމާއި ފާފައަކަށް އަރައިނުގަތުން ފަދަ ކަންކަމެވެ. ﷲކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވުމެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން