ގޭގެއަށް ވަދެއުޅޭއިރުވެސް ތިމާ ވަރަށް ބޭނުން ކިތަންމެއެއްޗެއް ފެންނާނެއެވެ. ފިހާރަތަކުންވެސް ފެންނާނެއެވެ. އެހެން ތަންތަނުންވެސް ފެންނާނެއެވެ. ނަމަވެސް ވައްކަމެއް ނުކުރާށެވެ. ވަރަށް ނުރައްކާތެރިކަމެކެވެ.
މީސްތަކުންނޭވެ! ކުރީ ޒަމާނުގައި މީސްތަކުން އެންމެ ބޮޑަށް ބިރުގަތީ ވައްކަންކުރުމަށެވެ. ނަމަވެސް މިއަދު މީސްތަކުން ކުރަން އެންމެ ބިރު ނުގަންނަ އެއްކަމަކީ ވައްކަންކުރުމެވެ. ވީމާ ވިސްނައިލަމާ ހިގާށެވެ.
އުހުދު ހަނގުރާމައިގައި ޞަހާބީއަކު މަރުވިއެވެ. އެންމެންވެސް ހީކުރީ އޭނާއަށް ޝަހީދެއްގެ ދަރަޖަ ލިބި ސުވަރުގެ ވެއްދެވުނީ ކަމަށެވެ. ނަމަވެސް ރަސޫލް (ﷺ) އޭނާގެ ޙާލަތު ބަޔާންކޮށް ދެއްވެވުމުން އެނގުނީ އޭނާއަކީ ޣަނީމާ މުދައު ނުބަހަނީސް ސިއްރުން ފޭރާމެއް ނަގާފައިވާ މީހަކު ކަމެވެ. އަދި އެފޭރާން އޭނާގެ ގައިގައި އޮޅި އެއިރު އަނދަމުންދާ ކަމެވެ.
މީސްތަކުންނޭވެ! މިއަދު ހަނގުރާމައިގެ ޣަނީމާއެއް ނުބަހާނެއެވެ. ނަމަވެސް މިއަދުވެސް މީސްތަކުންގެ ޙައްޤުތައް ވާނީ ހަމަ މީސްތަކުންގެ ޙައްޤުތަކަށެވެ. ރައްޔިތުންނަށް ބަހައްނަޖެހޭ ޙައްޤުތަކާއި ފޯރުކޮށްދޭންޖެހޭ ޙައްޤުތައް ވާނީ ހަމަ ރައްޔިތުންގެ ޙައްޤުތަކަށެވެ.
ތިބާ މެރުވެވަޅުލެވުމުން ތިބާގެ ގައިގައި އޮޅި އަނދަމުންދަނީ ރައްޔިތުންނަށް ނުވަތަ މީހަކަށް ފޯރުކޮށްދޭންޖެހޭ ކޮން ޙައްޤެއް ކަމެއް، ނުވަތަ ވަގަށްނެގި ކޮން އެއްޗެއްކަން އެނގޭނެ ގޮތެއް މިއަދަކު ނެތެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭނެ ކަމަކީ ކައްވަޅުގެ ވެސް އަދި އެހެންވެސް ޢަޛާބާއި ޘަވާބުގެ ކަންކަން ހަމަ އެއްވެސް ތަފާތެއްނެތި ހުރިހާ ޒަމާންތަކުގައިވެސް ހިނގަމުންދާނެ ކަމެވެ. އަޛާބު ލިބެންޖެހޭ މީހަކަށް ޢަޛާބު ހަމަ ހިނދުކޮޅަކަށްވެސް ލަސްވުމެއް ނެތްކަމެވެ. މަރުވެ ވަޅުލެވުމާއިއެކު އެމީހެއްގެ އާޚިރަތް ފެށުނީ ކަމެވެ.
ވީމާ މިކަންކަމަށް ވިސްނައި ބިރުވެތިވާށެވެ! އެހެން މީހެއްގެ ކިތަންމެ ކުޑަ ޙައްޤަކަށްވެސް އަރައިނުގަންނާށެވެ! އެއްވެސް މީހެއްގެ ޙައްޤެއް އެކުލެވޭ އެއްޗެއް ޙަލާލް ނޫން ގޮތުގައި ބޭނުންނުކުރާށެވެ! ކައްވަޅާއި އާޚިރަތް ދުވަހުގެ ސަލާމަތްކަން ލިބުން އޮތީ އެމީހަކު އެކަންކަން ހޯދައި ލިބިގަތުމުންނެވެ.
- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން