ބަލިއެނގުނުއިރު ކެންސަރުގެ 4 ވަނަ ސްޓޭޖްގަ ހުރުމުން ޑޮކްޓަރަށް ސިހުން ލިބުނު މީހަކަށް އެތައް އަހަރެއްވަންދެން ގަދަވެ ހެޔޮޚާލުގަ ދުނިޔޭގަ އުޅެވެން މެދުވެރިވި ސަބަބުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ބަލިއެނގުނުއިރު ކެންސަރުގެ 4 ވަނަ ސްޓޭޖްގަ ހުރުމުން ޑޮކްޓަރަށް ސިހުން ލިބުނު މީހަކަށް އެތައް އަހަރެއްވަންދެން ގަދަވެ ހެޔޮޚާލުގަ ދުނިޔޭގަ އުޅެވެން މެދުވެރިވި ސަބަބުގެ ވާހަކަ-

އެއްވެސް ބައްޔަކަށް ހަމައެކެއްގެ ފުރާނައަކަށްވެސް އެއްވެސް ވަރެއްގެ ގެއްލުމެއް ނުދެވޭނެއެވެ. ފުރާނައިގެވެސް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމަށްވާތީއެވެ. ބައެއް މީހުން ބަލިވާތަނުން މަރުވާއިރު އަނެއް ބައަކަށް ހަމައެބަލީގައި މާގިނަ ދުވަހު ފުރިހަމަ ޞިއްހަތުގައި ދިރިއުލެވެނީ އެހެންވެގެންނެވެ. އެކަން އެނގިގެންދާ ހާދިސާއެއްގެ ވާހަކަވެސް ކިޔައިދޭނަމެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެމުން އަންނަ ހެޔޮލަފާ ޞާލިޙް މީހަކު ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތަކެއް ހެދީއެވެ. ނަތީޖާ ލިބުމުން ޑޮކްޓަރުވެސް ދިއައީ ސިއްސައިގެންނެވެ. ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައެވެ. މާދަމާވެސް ސަލާމަތުން ދުނިޔޭގައި ހުރެދާނެ ކަމުގެ އުންމީދު ނެތްވަރަށް ބަލިވަނީ ފެތުރިފައެވެ. އެއީ ބަލީގެ ބާވަތުން ކޯމާއަކަށް ދިއުމުގެ ފުރުޞަތު ބޮޑުކަމުންނެވެ. 

ޑޮކްޓަރު އޭނާގެ ގާތުގައި އެވާހަކަ ބުނެފިއެވެ. ޑޮކްޓަރު ހީކުރީ އޭނާ ބިރުންތެޅިފޮޅިގަންނާނެ ކަމަށެވެ. އެހެންވެ އެވާހަކަ ބުނީވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން އިނދެއެވެ. ހޭނެތިއްޖެނަމަ ވަޤުތުން ދޭންޖެހޭ ފަރުވާވެސް ތައްޔާރުކުރުމަށްފަހުގައެވެ. އިންޖެކްޝަން ސިރިންޖަށްވެސް އަޅައިފައެވެ. 

ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް ޙާސްކަމެއް އަދި ކަންބޮޑުވުމެއްވެސް ނުފެނުނެވެ. ހަމަޖެހިލައިގެން އަޑުއަހަން އިނީއެވެ. އޭނާ ބުނިހައިވެސް ބަހަކީ "އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. އަޖަލު ހަމަވުމުން ކޮންމެ މީހަކުވެސް އެނބުރި ދާންޖެހޭނީ އެކަލާނގެ ޙަޟްރަތަށެވެ. އެވަޤުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ." 

އެނބުރި ގެއަށް ގޮސްފައިވެސް ޑޮކްޓަރު ދެއްކި ވާހަކައަށް ކަންބޮޑުވެގެނެއް ނުއުޅެއެވެ. އެހެން ދުވަސްތަކުގައިވެސް އުޅޭގޮތަށް އުޅުނީއެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅޭ މީހާ އަބަދުވެސް ހުންނާނީ މަރަށް ތައްޔާރުވެގެންނެވެ. ވީމާ ޑޮކްޓަރަކު އޭނާ މާދަމާ މަރުވާނެ ކަމަށްބުނި ނަމަވެސް އޭނާ ކަންބޮޑެއްނުވާނެއެވެ. ސަމާލުކަމެއްވެސް ނުދޭނެއެވެ. އެއީ އޭނާ އެހުންނަނީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެ ކަމަށް ބަލައި މަރަށް ތައްޔާރުވެގެން ކަމުގައިވާތީއެވެ. 

މިއާއި ޚިލާފަށް މަރަށް ތައްޔާރުނުވެ ހުންނަ މީހާގާތު އެބާވަތުގެ ވާހަކައެއް ބުނެފިނަމަ ފިކުރުބޮޑުވެގެން ތެޅިފޮޅިގަންނާނެއެވެ. ޢުމުރު ދުވަހު ނުކޮށްލި ހުރިހާ އަޅުކަމެއް އެންމެ ދުވަހަކުން ކުރަން މަސައްކަތްފަށާނެއެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އެއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ އެކަން ކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. 

މަރަށް ތައްޔާރުވާންޖެހޭ މިންވަރު އެނގިގެންދާ އެއް ޙަދީޘް ފާހަގަކޮށްލާނަމެވެ. އެއީ ކުރާ ކޮންމެ ނަމާދެއްވެސް ކުރަންވާނީ އެއީ ތިމާއަށް ކުރެވޭނެ އެންމެ ފަހު ނަމާދު ކަމަށް ބަލައިގެން ކަމަށް ކުރައްވަވާފައި އޮތް ޙަދީޘްފުޅެވެ. ޞަޙާބީން ނަމާދުކުރައްވަވަމުން ގެންދެވީ އެގޮތުގައެވެ. ނިކަން ބުނެބަލާށެވެ. މިވާހަކަ އަޑުއަހަން މިތަނުގައި މިތިބަ އެތައް ހާސް ބައެއްގެ ތެރެއިން ހަމަ އެކަކުވެސް ނަމާދުކުރަނީ މިޙަދީޘްފުޅުގައި އެއޮތް ގޮތަށްހެއްޔެވެ؟ އެ ޙަދީޘްފުޅަށް ސަމާލުކަންދީގެން ހެއްޔެވެ؟ 

މިބައި ނިންމާލަމުން ބުނެލާނަމެވެ. ކުރިން މިބުނި މީހާ ނިޔާވީ ޑޮކްޓަރު އެހެން ބުނިތާ 22 އަހަރުފަހުން ޢުމުރުން 88 އަހަރުގައެވެ. ޢުމުރާއި ގުޅޭނެ ގޮތަށް ގަދަބަދަވިކަންމަތީގައި ދުނިޔޭގައި އުޅެމުންނެވެ. އެއްވެސް މީހަކަށް އުނދަގުލެއް ނުޖައްސައި ދުނިޔޭގައި އުޅެމުންނެވެ. 

ޢިބްރަތް ޙާޞިލްކުރަންވީ މިފަދަ ކަންކަމުންނެވެ. އިލްތިމާސަކީ ކޮންމެ ދުވަހަކުވެސް ކުރާ އެންމެ މުހިންމު ކަމަކީ މަރަށް ތައްޔާރުވުން ކަމުގައި ހެދުމެވެ. ކުރަން އެއަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން