ތިމާ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަމަކީ ކޮބައިކަން ނުއެނގޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ޚާއްޞަކޮށް އަޅުކަމުގެ ކަންކަމުގައެވެ. ވަކިން ޚާއްޞަކޮށް ކޮންމެ ދުވަހަކު ކުރަން އަންގަވާފައިވާ ފަރުޟް 5 ނަމާދުކުރުމުގައެވެ.
މިސާލަކަށް ބުނާނަމަ އެއް ދުވަހު ނަމާދުކޮށްފައި އަނެއްބައި ދުވަސްތަކުގައި ނަމާދުނުކުރާ މީހުން ވަރަށް ގިނައެވެ. މިކަމުން އެނގެނީ ކޮންމެ ދުވަހަކު 5 ނަމާދުކުރަންޖެހޭކަން އެމީހުންނަށް ޔަޤީނުކުރެވޭކަމެވެ. ނަމަވެސް އެމީހުން ކޮންމެ ދުވަހަކުވެސް އާމްދަނީ ހޯދަން ގަދައަޅައި މަސައްކަތްކުރެއެވެ. އެކަމުން އެނގެނީ އެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭނެ މަސައްކަތެއްކަން އެމީހުން ޤަބޫލުކުރާކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެމީހަކު ހިތަށް އެރިވަގުތަކު ނަމާދުކުރުމާއި ހިތަށްއެރި ދުވަހަކު ނަމާދުކުރުމަކީ ބިރުހުރި ކަމެކެވެ. އެކަމުން އެނގެނީ ކޮންމެ ދުވަހަކު 5 ނަމާދު ފަރުޟުކުރައްވަވާފައިވާކަމާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެމީހަކަށް ޤަބޫލުނުކުރެވޭކަމެވެ. މިފަދަ މީހުންގެ ކިބައިގައި އެވަނީ ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބުގައި ތިބެންޖެހެނެ މުނާފިޤުންގެ ސިފައެކެވެ!
މުނާފިޤުންގެ ސިފަތަކުގެ ތެރޭގައި އެމީހުން އުޅެންވީގޮތް ނުވަތަ ކުރަންވީ ކަންކަމާއިމެދު ގޮތް ނުނިންމުން ނުވަތަ ގޮތް ނުނިންމޭ މީހުން ހިމެނިގެންވެއެވެ. މާނައަކީ އެމީހުން އުޅެންވީ ކޮން ދީނަކަށްކަން އެމީހުންނަށް ޤަބޫލުނުކުރެވޭކަމެވެ. މާނައަކީ އެކަމުގައި އެމީހުންނަށް ގޮތެއް ނުނިންމޭ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން