މަރުގެ ވަޤުތު ޖެހުމުގެ ކުރިން ޞަދަޤާތްކުރުން! ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއް ކަންތައް!

ކިޔުމަށް ހޭދަވާނީ 4މ 8ސ
މަރުގެ ވަޤުތު ޖެހުމުގެ ކުރިން ޞަދަޤާތްކުރުން! ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއް ކަންތައް!

ޢާއިޝަތު ރަފާޙް ޢަލީ

 

މުނާފިޤޫން ސޫރަތުގެ 10 އަދި 11 ވަނަ އާޔަތުގައި ބަޔާން ކުރައްވަނީ މަރުވުމުގެ ކުރީން މުދަލުން ހޭދަކުރުމަށެވެ. 

وَأَنفِقُوا۟ مِن مَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّٰلِحِينَ ﴿١٠﴾‏ وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا وَٱللَّهُ خَبِيرُۢ بِمَا تَعْمَلُونَ ﴿١١﴾‏ 

މާނައީ: "އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކައިރި أجل އަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ صدقات ކޮށް، صالح އަޅުންގެ ތެރެއިން ވާހުށީމެވެ. (10) އަދި اللَّه، އެއްވެސް نفس އެއް، އޭގެ أجل އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (11)"

އެގޮތުން މުއުމިނުންނަށް މުނާފިޤުންގެ އަޚްލާޤުން ރައްކާތެރިވުމަށް އަންގަވާފައިވެއެވެ. އަދި އެއުރެންނަށް ފައިސާއާއި މުދަލުގެ ސަބަބުން އެކަލާނގެއަށް ކިޔަމަންވުން މަނާކުރުމާއި، اللَّه ހަނދުމަކުރުން މަނާކުރާފަދަ، ކަމެއް ނަމަ އެކަން ނަހީ ކުރެއްވިއެވެ. 

މީގެ އިތުރުން ދުނިޔޭގައި ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ކޮށްފައިވާ މީހާ ވެސް، އަދި ކިތަންމެ ކުޑަ ނުބައި ޢަމަލެއް ކޮށްފައިވާ މީހާ ވެސް ޤިޔާމަތް ދުވަހުން އެކަން ދެކޭނެއެވެ. 

ﷲ ތަޢާލާ ޒަލްޒަލާ ސޫރަތުގެ 7 އަދި 8 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ ﴿٧﴾‏ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ ﴿٨﴾‏ 

މާނައީ: "ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. (7) އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. (8)"

އެގޮތުން މި އާޔަތުގައި އަންގަވާފައިވަނީ ތިޔަބައިމީހުންގެ ގާތައް މަރު އައުމުގެ ކުރިން، ތިޔަބައިމީހުން ޒަކާތް ދިނުމަށެވެ. އަދި اللَّه ތަޢާލާ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ޞަދަޤާތް ކުރުމަށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރު ދެކޭއިރު، ދުނިޔޭގައި އޭނާއަށް އިތުރު ފުރުޞަތެއް ލިބުމަށާއި، އޭނާގެ މަރު ފަސްކުރުމަށާއި، ފައިސާގެ ޒަކާތް ދިނުމާއި، ނަމާދާއި ރޯދައިން އަޅުކަންކުރުމާއި، ހެޔޮ ޢަމަލުތައް ކުރުމަށާއި، އެހެނިހެން ހުރިހާ ހެޔޮކަމެއް ކުރުމަށް އެދޭނެއެވެ.

އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. ތިޔަބައިމީހުންގެ މައްޗަށް މަރުގެ ސަކަރާތް އައުމުގެ ކުރިން ޞަދަޤާތް ކުރާށެވެ. ފަހެ، އެއިރުން ތައުބާ ވެސް ޤަބޫލު ނުކުރައްވާނެއެވެ. އަދި އެއްވެސް ޢަމަލެއްގެ ފައިދާއެއް ނުކުރާނެއެވެ.

މިއަދު އޮންލައިން