ފުރަތަމަ ކަމަކީ ސިޙުރުވެރިން ބުނާ ކަންކަން ނުކުރުމެވެ. އެފަދަ ކަމެއް ކޮށްގެން ނުނިދުމެވެ. އެފަދަ ކަމެއް ކޮށްގެން ނިފައިފިނަމަ އެމީހަކު އެވަނީ ސިޙުރުވެރިޔާގެ ބާރުގެ ދަށުގައެވެ. އެފަދަ ޙާލަތުގައި ގާތީ ރަޙްމަތުގެ މަލާއިކަތުން އެމީހަކާއި ކައިރިވެވަޑައިނުގަތުމެވެ. ޙިމާޔަތް ނުދެއްވެވުމެވެ.
ﷲ ތަޢާލާ އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނީ ނިދަން ދީނުގައި އޮތްމަގުން ނިދުމުންނެވެ. ކުރުސިއާއި ޛިކުރުތައް ކިޔައިގެން ނިދުމުންނެވެ.
ސިޙުރުހަދާ މީހުން ބުނާ ކަންކަންކުރީމާ ހުވަފެނުގަ އެފެންނަނީ ހަމަ ސިޙުރުހެދިމީހާ ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ.
ކިޔުންތެރިއަކު ބުނެފައިވަނީ މިސުވާލު އޭނާކުރީ އޭނާއަކީ ދުވަހަކުވެސް އެއްވެސް މީހަކަށް އެއްވެސް ބާވަތެއް ސިޙުރެއް ހެދިމީހެއް އަދި އެބާވަތުގެ ކަމެއް ކުރަން އެނގޭ މީހެއްވެސް ނޫންކަމަށްވެފައި އަދި ސިޙުރު ހަދާ މީހެއްގެ ގާތަށް އެއްވެސްކަމަކު ދުވަހަކުވެސް ދިއަ މީހަކަށްނުވާއިރު އޭނާގެ ފަހަރިއަށް ސިޙުރުހެދީ އޭނާކަމަށް ފަހަރިއަށް ހުވަފެނުގަ ފެނިގެން ގޭތެރޭގައި މައްސަލަ ހޫނުވެގެން ކަމެށެވެ.
މިފަދަ ސުވާލުތައް ކުރައްވާ ކިޔުންތެރިންނަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. މިޖަވާބު ތަކުރާރުކުރަންޖެހެނީ މައްސަލަ މިލިޔުމުން ވަރަށް ސާފުވާތީއެވެ.
ސިހުރުހަދާ މީހުންގެ ގާތަށް ގޮސް އެމީހާއަށް ސިހުރުހެދީ ކާކުކަން ހޯދައިދިނުމަށް އެދުމުން ބައެއް ފަހަރު އެމީހާއަށް ކޮންމެވެސް މީހަކު ދައްކައިފާނެއެވެ. ހަމަ ސޫރައިގައިވެސް ދައްކައިފާނެއެވެ. އެމީހުން ކުރާކަމަކުން ހުވަފެނުގައިވެސް ފެނިދާނެއެވެ.
ސިހުރު ހަދާމީހުން އެދައްކާ މީހާ އެއްވެސް ވަރަކަށް ޤަބޫލުނުކުރާށެވެ! އެއީ އެކަންކުރި މީހާއެއް ނޫނެވެ. ގިނަ ފަހަރު ދައްކާނީ ޢާއިލާގެ ނުވަތަ އެނޫންވެސް ގޮތަކުން އެންމެ ގާތް މީހެކެވެ. ބޭނުމަކީ ތުހުމަތުތައްކޮށް ފިތުނަ އުފެއްދުމެވެ. ސިހުރުހަދާމީހުން ކުރާ ކަންކަމުން އެފެންނަނީ މީހެއް ނޫނެވެ. މީހެއްގެ ސފައިގައި އެފެންނަނީ ސިހުރުވެރިޔާ ގުޅިފައި ހުންނަ ޖިންނިއެވެ.
މިގޮތަށް މިކަންތައްކޮށް ފިތުނަ އުފެއްދުމަށްފަހު ތިބާ ގާތު ޤުރްއާނުން ކޮންމެވެސް ތަނެއް ކިޔަވަންވެސް ބުނެފާނެއެވެ. ނަމާދުކުރަންވެސް ނަޞޭޙަތްދީފާނެއެވެ. ނަމަވެސް މީހަކާއި ހަސަދަލައިގެން ހުރެ ކުރާ އަޅުކަމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެކަންކަން ކުރަން އެބުނަނީ އޭނާކުރާ އަމަލުތަކަކީ ރަނގަޅު ޢަމަލުތަކެއްކަމަށް ދެއްކުމަށެވެ. ސިހުރުވެރިޔާ ހުރީ ދީނުގައިކަން ވިސްނުވައިދިނުމަށެވެ. ނަމަވެސް ސިހުރުވެރިޔާ ހުންނާނީ ދީނަކު ނޫނެވެ. ދީނުގައި ހުރެގެން ސިހުރެއް ނުހަދާނެއެވެ!
ސިހުރުވެރިން ބުނާ ކަންކަން ކުރުމުން ގުޅިފައި ތިބޭ ޝައިޠޯނުން ﷲ ތަޢާލާއަށް މަލާމާތުގެ ބަސްތައްވެސް ރައްދުކުރެއެވެ. ބުނެއެވެ! "އެންގެވީ ﷲ އަށް ސަޖިދަކުރުމަށާއި ﷲ ގެ ޙަޟްރަތުން ވާގިއެދޭށެވެ! ނިކަން ދެކިބަލާށެވެ! މިވެނި އެވެނި މީހާ މިހާރު އެކުރަނީ އަހަރެން ބުނާކަންތަކެވެ. ކަންކަމަށް އެއެދެނީ އަހަރެންގެކިބައިންނެވެ."
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ސިހުރުވެރިންގެ މިބާވަތުގެ އަމަލުތައް ޤަބޫލުކުރުމުން އުފެދޭ ފިތުނަ މުޅި އުމުރަށް ދެމިގެންދެއެވެ. ޢާއިލާތައްވެސް ރޫޅި ބައިބައިވެއެވެ! މަރުދުވަހާއި ހަމައަށް އަނގައިން ވެސް ނުބުނެ އެބަތިބެއެވެ. އެއީ ތިމާއަށް ސިހުރުހަދއި ގެއްލުން ދިނީ އެމީހަކު ކަމަށް ޤަބޫލުކޮށްގެންނެވެ. ނަމަވެސް ޙަޤީޤަތަކީ ސިހުރުވެރިޔާ ހެދީ ބޮޑު ދޮގެއްކަމެވެ! ވީމާ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ!
- މުފްތީ މެންކްގެ ދަރުސަކުން