ދަތުރުފަތުރުކުރުން އެހައި ދަތިއުނދަގޫ ޒަމާނެއްގަ މައްކާފަދަ ގޮސްއުޅެން ދަތިއުނދަގޫ ބިމެއްގަ ޙަރަމްފުޅު ލައްވަވައި ޙައްޖުވާން ފަރުޟުކުރެއްވެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދަތުރުފަތުރުކުރުން އެހައި ދަތިއުނދަގޫ ޒަމާނެއްގަ މައްކާފަދަ ގޮސްއުޅެން ދަތިއުނދަގޫ ބިމެއްގަ ޙަރަމްފުޅު ލައްވަވައި ޙައްޖުވާން ފަރުޟުކުރެއްވެވީ ކީއްވެ؟

އިސްލާމް ދީނާއިމެދު ފިކުރުކުރާވަރަކަށް ގިނަ ކަންތައްތައް އޮޅުންފިލާނެއެވެ. ހޭލުންތެރިވެވޭނެއެވެ. މުސްލިމުން ފޭލްވެ މަގުއޮޅި ހަލާކުވަމުން މިދަނީ ވިސްނައި ފިކުރުނުކުރެވޭތީއެވެ.

މާތްވެގެންވާ މައްކާގެ ޙަރަމްފުޅު ފަރުބަދަތަކެއްގެ ތެރޭގައި ލެއްވެވި ސަބަބަށް ވިސްނަމާހިނގާށެވެ! ތަންކޮޅެއް ފަސޭހައިން އެ ޒަމާނުގައި ގޮސް އުޅެވޭނެ ތަނެއްގައި ނުލެއްވެވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި އެއީ ހަމަ އަޅުކަމަށް ހީވާގިވުމުގެ މުހިންމުކަން ބަޔާންކޮށްދެއްވެވުމަށެވެ. އެޒަމާނުގައި މައްކާއަށް ގޮސްއުޅުމަކީ ހާދަ ދަތި އުނދަގޫ ކަމެކެވެ.

ޙަރަމްފުޅަށް ގޮސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި ޙައްޖުވެވިއްޖެ ނަމަ އެމީހަކަށް އޮތީ ސުވަރުގެކަން އެއީ ޔަޤީންކަމެކެވެ. އެހެނަސް އެ ނިޢްމަތް ޙާޞިލުކުރަން ބޭނުންވާ މީހާ އުފުލަންޖެހެނީ ކިހައި ބޮޑު ބުރައެއްކަން ނކަން ދެކިބަލާށެވެ! އަދި މިޒަމާނަށް ބެލިނަމަވެސް މަބްރޫރް ޙައްޖެއް ވުމަކީ ހާދަ ބުރަކަމެކެވެ. ވީމާ މިކަމުންވެސް އެނގިގެން މިދަނީ މުސްލިމުން ހީވާގިވާންޖެހޭ މިންވަރެވެ! އަޅުކަމުގައި މިރާލިވާން ޖެހޭ މިންވަރެވެ!

ގިނަ ބައަކު ސުންނަތް އަޅުކަންކުރަން ފަށައެވެ. ނަމަވެސް އިސާހިތަކު އޮންނަނީ ފޭލްވެފައެވެ. ހަމަ ކަންނެތްކަމުންނެވެ! އެންމެކުޑަމިނުން އެންމެ 4،5 މިނިޓުން ކިޔައިލެވޭ ނުހަނު ފައިދާހުރި ޛިކުރުތައް ވެސް ޤަވާއިދުން ކޮންމެ ދުވަހަކު ކިޔައި ނުލެވިގެން މިއުޅެނީ ހަމަ ކަންނެތްކަމުންނެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ތިމާގެ ހުރިހާ ފާފަތަކެއް ފުހެލުމުގެ ފުރުޞަތުތައް ދެއްވަވާފައިވާއިއރުވެސް އެކަންކަން ނުކުރެވެނީ ކުރަން ބޭނުން ނުވާތީއެއް ނޫނެވެ. ހަމަ ކަންނެތް ކަމުންނެވެ!

ވީމާ މުސްލިމުންގެ ތެރެއިން އެންމެ ގިނަ ބައަކު ދުނިޔޭގައިވެސް ޤިޔާމަތް ދުވަހުވެސް ފޭލްވާނީ އެމީޙުންގެ ކަންނެތްކަމުންނެވެ. ފަތިސް ނަމާދަށް ނުހޭލެވުނީތީއެވެ! އަޅުކަމުގައި ހީވާގި ނުވެވުނީތީއެވެ! ވީމާ ހީވާގިކަން ކުރިއަށް ނެރޭށެވެ! އަޅުކަންކުރުމުގައި ސާބިތުވާށެވެ!

އަހަރެމެން މިއަދު ހަލާކުވަގެން މިދަނީ އަޅުކަންކުރުމުގައި ކަންނެތްވުމުންނެވެ. ފަތިސްނަމާދު ނުކުރެވިގެން މިއުޅެނީވެސް ދަމުނަމާދުނުކުރެވެނީވެސް ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ނުކުރެވެނީވެސް، ޤުރްއާން ނުކިޔެވެނީވެސް ޛިކުރުކުރަންވާވަރަށް ނުކުރެވެނީވެސް ހަމަ ކަންނެތްވުމުގެ ސަބަބުންނެވެ. ވީމާ ކަންނެތްކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަން އެބްޖެހެއެވެ. ހީވާގިކަމާއިއެކު އެކަމަށް އެދިގެން މަސައްކަތްކުރަން އެބަޖެހެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން