ނުޙައްޤުން މީހުންގެ ބިން އަތުލައިގަންނަ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ނުޙައްޤުން މީހުންގެ ބިން އަތުލައިގަންނަ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަތުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މީހެއްގެ ބިމެއް ނުޙައްޤުން ލިބިގެންފި ޤިޔާމަތްދުވަހު އުޅެންޖެހޭނީ އެބިން ކަރުގައި އަޅައިގެންނެވެ. އެއީ ކުރެވޭ ވަރުގެ ކަމަކަށްވާނެހެއްޔެވެ؟

އަމީރަކު އޭނާގެ ގަނޑުވަރުގެ ވަށައިގެންވާ ބަގީޗާ ބޮޑު ކުރަން ޤަޞްދު ކުރިއެވެ. އެހެންކަމުން އޭނާގެ ގަނޑުވަރާއި ޖެހިގެން އޮތް ދަނޑުބިން އަތުލިއެވެ. އެދަނޑުބިމަކީ ވަރަށް ނިކަމެތި ފަޤީރެއްގެ ދަނޑު ބިމެކެވެ. އެ އަމީރުގެ ކިބައިން އޭނާގެ ޙައްޤު ހޯދުމަށް މަސައްކަތް ކުރުމުގެ އެއްވެސް ބާރެއް ލިބިފައެއް ނުވެއެވެ. އެހެން ކަމުން މާތް ﷲ އެކަމަށް ފުރުޞަތެއް ތަނަވަސް ކޮށްދެއްވާނެ ކަމުގެ އުންމީދުުގައި އޭނާ ދުވަސްތައް ގުނަމުން ދިޔައެވެ.

އެއްދުވަހަކު އަމީރު އޭނާގެ ބަގީޗާގެ ތެރޭގައި ހިނގަމުން ދަނިކޮށް ދަނޑުވެރިޔާ، އަންނަ މަންޒަރު ފެނުނެވެ. އޭރު އޭނާގެ ކޮނޑުގައި ހުސްގޯންޏެއް އޮތެވެ. އަދި އަމީރުގެ ގާތަށް އައިސް ބުންޏެވެ. "އޭ ޢިއްޒަތްތެރި އަމީރެވެ. އެއްޒަމާނެއްގައި އަޅުގަނޑުގެ ބިމެއްގެ ގޮތުގައި އޮތް މިބިމުން ފަސްކޮޅެއް ނައިގެން މި ގޯންޏަށް އެޅިޔަސް އެންމެ ރަނގަޅުތޯއެވެ؟ ދަނޑުވެރިޔާގެ މަޤްޞަދު އެނގުމެއްނެތި އަމީރު ދަނޑުވެރިޔާއަށް އެކަމުގެ ހުއްދަ ދިނެވެ. ގޯންޏަށް ފުރާ ފަސް އެޅުމަށްފަހު، އަމީރާއި މުޚާޠަބުކޮށް ދަނޑުވެރިޔާ ބުންޏެވެ. މި ގޯނި އުފުލުމުމުގައި އަޅުގަނޑަށް އެހީތެރިވެ ދެއްވަފާނުތޯއެވެ؟" އަމީރު ދަނޑުވެރިޔާ އަށް އެހީތެރިވުމަށް އެ ގޯނީގައި ހިފިއެވެ. އެހެން ނަމަވެސް އޭނާއަށް އެ ފަސްގޯނި ބަރުކަމުން އުފުއްލޭ ގޮތެއް ނުވިއެވެ. އަދި ހިންދަމާލުމަށްފަހު ދަނޑުވެރިޔާ އާއި މުޚާޠަބުކޮށް ބުންޏެވެ. މަޢާފު ކުރާށެވެ. އަހަރެންނަށް އުފުލޭވަރަށް ވުރެ ފަސްގޯނި މާ ބަރެވެ.

ދަނޑުވެރިޔާ އަމީރާއި މުޚާޠަބު ކޮށް ބުންޏެވެ. "މި ގޯނި އުފުލުމަށް ތިބާ ނުކުޅެދުންތެރި ވީއިރު، ތިބާގެ ޟަމީރު މިއޮށް ބޮޑު ދަނޑުބިން އުފުލާނީ ކިހިނަކުން ހެއްޔެވެ؟" އަމީރަށް ދަނޑުވެރިޔާގެ ވާހަކަ ވިސްނުނެވެ. އަދި ދަނޑުވެރިޔާގެ ދަނޑުބިން ގަދަކަމުން އަތުލެވުނުކަމަށްޓަކައި ހިތާމަކޮށް، ދަނޑުވެރިޔާގެ ކިބައިން މަޢާފު އެދުނެވެ. އަދި ދަނޑުވެރިޔާއަށް އޭނާގެ ދަނޑުބިން އަނބުރާ ރައްދު ކުރިއެވެ.

--ޝައިޚް މޫސާ އަންވަރު ޙަސަން

މިއަދު އޮންލައިން