ޝަހާދަތް ކިޔައިގެން ހުރި މީހަކުނަމަ މަރުވުމުން ތިމާއަކީ މުސްލިމެއް ކަމަށް މަލާއިކަތުންނަށް ޖަވާބުދެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޝަހާދަތް ކިޔައިގެން ހުރި މީހަކުނަމަ މަރުވުމުން ތިމާއަކީ މުސްލިމެއް ކަމަށް މަލާއިކަތުންނަށް ޖަވާބުދެވޭނެތަ؟

މަރުވުމުން ކޮންމެ މީހަކާއިވެސް މަލާއިތުން 3 ސުވާލު ކުރައްވަވާނެތެވެ. އެކަނޑުވެ މަރުވެ ކަނޑުއަޑީގައި ވީމީހަކުނަމަވެސް ބޮޑު މަހެއްގެ ބަނޑުގައިވީމީހަކުނަމަވެސް އަދި ޖަނަވާރެއްގެ ބަނޑުގައިވީ މީހަކުނަމަވެސް މެއެވެ. މަރުވުމުން ކައްވަޅުގައި ދެއްވަވާ ނިޢުމަތްތަކާއި ޢަޛާބުވެސް ކޮންމެ މީހަކަށްވެސް ދެއްވަވާނެތެވެ. އަދި ޤިޔާމަތް ދުވަހު ކައްވަޅުން ތެދުވާ މީހުންގެ ތެރޭގައިވެސް އެމީހަކު ހިމެނޭނެތެވެ.

މުސްލިމެއްގެ ނަމުގައި ދުނިޔޭގައި އުޅޭ މީހުންނާއި މުސްލިމެއްގެ ގޮތުގައި ދުނިޔޭގައި އުޅޭ މީހުންނަކީ ތަފާތުދެބައެކެވެ. މުސްލިމެއްގެ ނަމުގައި އުޅުނަސް މުސްލިމެއްގެ ގޮތުގައި ދުނިޔޭގައި ނުއުޅޭނަމަ ކައްވަޅުގައި ކުރެވޭ 3 ސުވާލަށް ޖަވާބެއް ނުދެވޭނެއެވެ. ޖަވާބުދެވޭނީ މުސްލިމެއްގެ ގޮތުގައި އުޅުނުނަމައެވެ.

އެއް މާނައެއްގައި ބަލައިފިނަމަ ﷲ ތަޢާލާ އުފައްދަވަނީ ފުރާނައެވެ. އިންސާނާގެ ހަށިގަނޑަކީ އެ ފުރާނަ ދުނިޔޭގައި އުޅުމަށް ﷲ ތައާލާ ދެއްވަވާ ޔުނިފޯމެކެވެ. ނުވަތަ ސިފައެކެވެ. ދުނިޔޭގައި އުޅުމުގެ މުއްދަތުހަމަވުމުން އެ ޔުނިފޯމްބާލައި، ހަށިގަޑު ދޫކޮށް ފުރާނަ ނުކުމެގެންދަނީއެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވަނީއެވެ.

އެއަށްފަހު އެފުރާނައަށް އުޅެންޖެހޭނީ ﷲ ތަޢާލާ އެންގެވިތަނެއްގައެވެ. ލެއްވެވި ޙާލަތެއްގައެވެ. އެހިސާބުން އެމީހާގެ އެއްވެސް ބާރެއް ނުހިނގާނެއެވެ! އެހެނީ ފުރާނައަކީ ﷲ ތަޢާލާގެ ޙައްޤެކެވެ! އެއްވެސް އިންސާނެއްގެ އެއްވެސް ބާރެއް ފުރާނައިގެ މައްޗަކަށް ނުވެއެވެ. އިންސާނާއަށް ފުރާނައިގެ މައްޗަށް އެއްވެސް ބާރެއްވާނަމަ ހަށިގަނޑުން ފުރާނަ ނުކުމެގެން ދިއަދޭނީވެސް ކާކުހެއްޔެވެ؟ އެކަކުވެސް ނުދޭނެއެވެ!

ވީމާ އިންސާނާއަށް ﷲ ތައާލާ ދެއްވެވި ބާރާއި އިޚްތިޔާރުގެ ބޭނުން މިދުނިޔޭގައި ފުރިހަމައަށް ހިފާށެވެ! ތިމާއަކީ މުސްލިމް މަންމައަކާއި ބައްޕައެއްގެ ދަރިއަކުކަމަށްވުމުން މުސްލިމަކަށްވާނެ ކަމަށް ބަލައިގެންނުވާނެއެވެ! މުސްލިމަކަށްވެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުންނެވެ. އެކަން އެނގިގެންދާ އެންމެ ބޮޑު އެއްސަބަބަކީ ކައްވަޅުގައި ކުރެވޭ ސުވާލުތަކެވެ. ފުރިހަމަ މުސްލިމަކަށް ނުވެއްޖެ ނަމަ ސުވާލުތަކަށް ޖަވާބު ނުދެވޭނެތީއެވެ!

މުސްލިމެއްގެ ނަމުގައި ދުނިޔޭގައި އުޅުނު ނަމަވެސް މަރުވުމުން ތިމާއަކީ މުސްލިމެއްކަން ހަނދާން ނެތޭނެ ބައަކު ތިބޭނެއެވެ. އެމީހުންނަކީ ކޮންބައެއްކަން މިބަޔާންކުރީއެވެ! ކައްވަޅުގައި މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް އެމީހުންނަށް ޖަވާބެއް ނުދެވޭނެއެވެ! މަލާއިކަތުން އެމީހުންނާއި ސުވާލުކުރެއްވެވުމުން ﷲ އަކީ ކޮބައިކަމާއި އޭނާގެ ދީނަކީ ކޮބައިކަމާއި އޭނާގެ ރަސޫލަކީ ކޮންބޭކަލެއްކަން ބުނެއެއް ނުދެވޭނެއެވެ. އެއީ ހަނދާނުގައި ނުހުންނާތީއެވެ!

މިކަމަށް އޮތް ޙައްލަކީ ކީރިތި ޤުރްއާނެވެ! ވީމާ ކީރިތި ޤުރްއާން އެނގެން އެބަޖެހެއެވެ. މާނަ އެނގެން އެބަޖެހެއެވެ. މީހެއްގެ ގާތު "ޤުރްއާން ކިޔަވާށެވެ!" ބުނުމުން ޖަވާބުގައި "މިހާރުވެސް ކޮންމެ ދުވަހަކު މިވެނި ސޫރަތްތައް ކިޔަވަމެވެ! މަހަކު 2 ޚަތިމްވެސް ކުރަމެވެ!" ބުނުމަކުން އަދި ޤުރްއާން ކިޔެވިކަމަށް ނުވާނެއެވެ. ޤުރްއާން ކިޔެވިކަމަށްވާނީ ކިޔަވާތަކެތީގެ މާނައަށް ވިސްނައި ޢަމަލުކުރުމުންނެވެ!

މަރުވުމުން އެއްވެސް މީހަކީ ކާކުކަން ބުނެދޭން އެއްވެސް އައިޑީ ކާޑެއް ނުވަތަ ޕާސްޕޯޓެއް ބޭނުމެއް ނުވާނެއެވެ! އެންމެންނަކީވެސް ﷲ ގެ އަޅުންނެވެ! އެމީހަކާއިމެދު ކަންކަން މެދުވެރިކުރައްވަވާނީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތުގެ މައްޗަށެވެ! ޢަމަލުކުރި ގޮތުގެ މައްޗަށެވެ! ވީމާ ޤުރްއާން އުނގެނޭށެވެ! އަދި ޢަމަލުކުރާށެވެ! އާޚިރަތް ލިބުމަށް ކިރިޔާވެސް އުންމީދެއް އޮތީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން