އަޅުގަނޑުގެ މަންމަ އާއި ަބއްޕައަކީ ކައިވެނިކުރީންސުރެ ވަރަށް ލޯބިން އެކުގައި އުޅެމުން އަންނަ ދެމަފިރިންނެވެ. އަޅުގަނޑާއިއެކު 11 ދަރިން ލިބިފައިވެއެވެ. 8 ވަނަ ދަރިފުޅު ފިޔަވައި ހުރިހާ ކުދިންނަކީވެސް ވަރަށް އަޚްލާޤް ރަނގަޅު، ދިރިއުޅެން މަސައްކަތްކުރާ ކުދިންނެވެ. 8 ވަނަ ދަރިފުޅު (އަޅުގަނޑުގެ ހަގަށް 2 ވަނަ ކޮއްކޮ) އަށް އިޚްތިޔާރުކުރެވުނީ ސްކޫލްގައި އެކުގައި އުލުނު ނުބައި އެކުވެރިންގެ މަގެވެ. އެހެންވެ ހެޔޮނަޞޭޙަތެއް ދިނަސް އެމީހަކާއިދިމާއަށް ފުންމައިގަންނާނެއެވެ. ނުބައި އެއްޗެތިވެސް ގޮވައެވެ.
ހުރީ މިޒަމާނުގެ ބަލިޖެހިފައެވެ. އެހެންވެ ހޭލެވިއްޖެނަމަ ގިނައިން ހުންނަނީ ހަމައަކު ނޫނެވެ. ތަންކޮޅެއް މަތީގައެވެ. އެހެންވެ މުޢާމަލާތުކުރަން ވަރަށް އުނދަގުލެވެ. މިޙާލަތުގައި ކޮއްކޮއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަކަމަކަށް އޭނާ އިޞްލާޙްވާނީ އެކަމަށް އޭނާ ބޭނުންވެގެންނެވެ. ނޫންނަމަ ކިތަންމެ ބޮޑު ޚަރަދެއްކޮށް ކިތަންމެ ގިނަ ފައިސާތަކެއް ޚަރަދުކުރިޔަސް ކުރާނެ ފައިދާއެއް ނެތެވެ. އޭނާއަށް ވިސްނައިދީ އިޞްލާޙްވާން ބޭނުންކުރެވޭތޯ މަސައްކަތްކުރާށެވެ. އޭނާއަށްޓަކައި ޢާއިލާގެ އެންމެން ހެޔޮދުޢާކުރަމުން ގެންދާށެވެ.
އޭނާގެ އެއްބާރުލުން ލިބޭފަދަ ވަޤުތަކު ތިރީގައިވާ ވާހަކަ ފަދަ ވާހަކަތައް ކިޔައިދޭށެވެ. ހިތަށް ބިރުވެރިކަންވަދެ އިޞްލާޙްވުމަށް ވިސްނުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އަހުރެން ވަރަށް ގިނައިން މިވާހަކަ މީސްތަކުންނަށް އެބަހަނދާންކޮށްދެމެވެ. އެއީ މިއަދުގެ ޒުވާނުންނަށް އަންނަމުންމިދާ ނުބައި ބަދަލުގެ ސަބަބުން ކަންބޮޑުވާވަރުންނެވެ. މައިން ބަފައިން ހެޔޮ ނަޞޭޙަތް ދިނުމުން އެމީހުންނަށް ނުބައިބަސްބުނާކަމުގެ ޝަކުވާ މައިންބަފައިން ކުރާލެއް ގިނަކަމުންނެވެ.
ކުޑަކުއްޖަކަށް މިއަދު މަންމައަކު ނަޞޭހަތް ދިންނަމަވެސް ބައެއް ކުދިން އެބަ ބުނެއެވެ. "ކަލޭތިއައީ މަށަށް ނަޞޭޙަތްދޭން ކާކު ހެއްޔެވެ؟" މިއީ މިއަދު ކަންކަން ހިނގަމުންދާ ގޮތެވެ. އެމީހުންނަށް މީހުންނަށްވަނީ ނުބައި އެކުވެރިންނެވެ. ޤަބޫލުކުރަނީ ނުބައި އެކުވެރިންގެ ބަހެވެ. އެއީ ޝައިޠޯނާ އެމީހުން އަޅުވެތިކުރުވާފައިވާތީއެވެ.
މިކިޔައިދެނީ ޙާފިޛް އަލް މުޒާރީ، އޭނާގެ ޙަދީޘްފޮތް ތަރްޣީބް ވަތަރްޙީބްގައި ބަޔާންކުރައްވާފައިވެއެވެ.
ރަށެއްގައި ކޮންމެ ދުވަހަކު ޢަޞްރުގެފަހުން މަހާނައަކުން ހިމާރެއްގެބޯ ފަދަ ބޮލެއް ހުންނަ މީހަކު އުނަގަނޑާހަމައަށް ތެދުވެއެވެ. (ނުކުމެއެވެ.) އަދި ހިމާރެއްގެ އަޑުން 3 ފަހަރު ގޮވާލުމަށްފަހު މަހާނަތެރެއަށް ގެނބިގެންދެއެވެ.
އެކަމާއިމެދު ސުވާލުކުރެއްވުމުން އެރަށުގެ މީހުން ކިޔައިދިނެވެ. "އޭނާއަކީ މަސްތުގެ ހާލުގައި ހުރެ ދަންވަރު ގެއަށްދާ މީހެކެވެ. ގެއަށް ދިއުމުން ކޮންމެ ރެއަކުވެސް އޭނާގެ މަންމަ އޭނާއަށް ހެޔޮ ނަޞޭޙަތްދެއެވެ! މަސްތުވުމަކީ ހުރިހާ ނުބައިކަމެއްގެ މަންމަކަމުގައި ބުނެ އެ ނުބައި ޢަމަލުން ދުރުހެލިވުމަށް ނަޞޭޙަތްދެއެވެ. އަދި ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިވުމަށް ނަޞޭޙަތްދެއެވެ. ނަޞޭޙަތް ދިނުމުން އޭނާގެ ޖަވާބަކަށްވަނީ އޭނާއާ ދިމާއަށް ހިމާރުގެ އަޑު ނުނެރުމަށް މަންމައަށް ބުނުމެވެ."
މިއަދުގެ ޒުވާނުން މިކުރަނީ ކޮންކަމެއް ހެއްޔެވެ؟ މިބުނަނީ ހަމަ އެފަދަ ބަސްތަކެއް ނޫންހެއްޔެވެ؟ ތަފާތުވަނީ ބުނާ ޢިބާރާތެވެ! ބުނެވެނީ އެއް ޒާތެއްގެ ބަސްތަކެކެވެ. ބިރުވެތިވާށެވެ! މިފަދަ ކަންކަން މިޒަމާނުގައި ނުފެނުމަކީ މިފަދަ ކަންކަން މިއަދު ނުވާނެ ކަމަށް ޤަބޫލުކުރަންޖެހެންވީ ސަބަބެއް ނޫނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން