ކައިވެނީގެ އެންމެ މުހިންމު އެއް ބޭނުމަކީވެސް ތިމާއަށް ކުރެވޭ ކުށްތައް ފާހަގަކޮށްދީ އެކަންކަން އިޞްލާޙްކުރަން ބާރުއަޅާނެ މީހަކު ތިމާއާއިއެކުގައި ހުރުމެވެ. އަޅުކަންކުރަން ހަނދާންކޮށްދީ ހިތްވަރުދީ އެހީތެރިވާނެ މީހަކު ތިމާއާއިއެކުގައި ހުރުމެވެ. އެހެންކަމަށްވާއިރު ތިމާއަށް ކުރެވޭ ކުށްތައް ފާހަގަކޮށް ނަޞޭޙަތް ދިނުމުން ކުރަންޖެހޭނީ އުފަލެވެ. ރުޅިއައުމެއް ނެތެވެ.
ބައެއް މީހުން "ކަލެއަކަށް އަމުރެއް ނުކުރެވޭނެއޭ" ބުނެފާނެއެވެ. އަމުރުކުރަންޖެހޭ ޙާލަތުގައި ދެމީހުންވެސް އެކަކު އަނެކަކަށް އަމުރުވެސް ކުރަންވާނެއެވެ. އުފާވެރިކަމާއިއެކު ދިރިއުޅެވެނީ ދެމީހުންވެސް އެކަކު އަނެކަކު ބުނާ ގޮތް ހަދާނަމައެވެ. އިސްމީހަކީ ފިރިމީހާ ނަމަވެސް ގޯސްގޮތަކަށް ކަންކަން ކުރާނަމަ އެކަން ފާހަގަކޮށް އަދި އެކަން ނުކުރަން ބުނުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވެއެވެ. އެއީ ފިރިމީހާއަށް އަމުރުކުރުމެއް ނޫނެވެ. އެކަން މާނަކުރަންޖެހޭނީ ތިމާއަށް ހެޔޮއެދުން ކަމަށެވެ.
ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކަށް ވާހަކަދައްކައި މަޝްވަރާކުރަންވާނެއެވެ. ކަންބޮޑުވާ ކަންކަމުގެ ވާހަކަ ދައްކަންވާނެއެވެ. އެކަމަކީ ކޮންމެ މީހެއްގެ ކިބައިން މެދުވެރިވާ ކަމެއް ނަމަވެސް އެކަން އިޞްލާޙްކުރަންވެސްވާނެއެވެ.
އެކަކު ދައްކާ ވާހަކަ އަނެކަކު ކަނުލައި އަޑުއަހަންވާނެއެވެ. ހިތްހަމަނުޖެހޭ ކަންކަމުގައި ދެމީހުން މަޝްވަރާކޮށް ޙައްލުނުކުރާނަމަ ދެމެދަށް ޝައިޠޯނާ ވަދެގަންނާނެއެވެ. ކުދިކުދި ކަންކަންވެސް ބޮޑުކޮށް ފިތުނައުފައްދުވާނެއެވެ. އެންމެ އުފަލުގައި ދިރިއުޅެވޭނީ އެދުވަހަކު ދިމާވި ކަންކަމަމަށް މަޝްވަރާކޮށް އެކަކު އަނެކަކަށް ހިތްހެޔޮކޮށްގެން ނިދާ ދެމަފިރިންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން