ފަސޭހައިން ރޮވޭ މީހުންނަށް ދެރަބަސް ނުބުނާށެވެ! ނުރޮވޭ މީހުންނާއިމެދު ސަމާލުވާންވެސް ޖެހެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފަސޭހައިން ރޮވޭ މީހުންނަށް ދެރަބަސް ނުބުނާށެވެ! ނުރޮވޭ މީހުންނާއިމެދު ސަމާލުވާންވެސް ޖެހެއެވެ!

އެކަނި އިނދެ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ކަރުނައަޅައިފި މީހަކު ނަރަކައިން ސަލާމަތްކުރައްވަވާނެތެވެ! އިން ޝާ ﷲ. އެހެނީ އެމީހަކު ހިމެނޭނީ ޤިޔާމަތްދުވަހު ﷲ ތަޢާލާ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ މީހުންގެ ތެރެއިންނެވެ. އެކަމުންވެސް އެނގެނީ ރޮއި ކަރުނައަޅަންޖެހޭ ކަންކަމުގައި އެކަންކުރަންޖެހޭ ކަމެވެ.  

ކުރިމަތިވާ އެއްވެސް ކަމަކާއި ގުޅިގެން ހިތާމަކޮށް ރޮވި، ލޮލުން ކަރުނައެޅޭނަމަ އެމީހަކީ ހިތްވަރުދެރަ، ފިނޑިމީހެއް ކަމަށްބުނެ މަލާމާތާއި ފުރައްސާރަކުރެވޭތަން އެބައައުދެއެވެ. މިއީ ނުއެނގިތިބެ ކުރެވޭ ވަރަށް ދެރަ ކަމެކެވެ.  

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު () އެކަލޭގެފާނުގެ މަންމާފުޅުގެ މަހާނަފުޅަށް ޒިޔާރަތްކުރެއްވެވި ދުވަހު ތުނބުޅިފުޅު ފޯވަންދެން ކީރިތި ކުރެއްވެވިއެވެ. ދަރިކަލުން އިބްރާހީމްގެފާނު އަވަހާރަވިދުވަހުވެސް ހަމައެފަދައިން ކީރިތިކުރެއްވެވިއެވެ.  

ދެރަވުމާއި ލޮލުން ކަރުނަ ފޭބުމަކީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ ވަރަށް ބޮޑު ރަޙްމަތެކެވެ. އެކަން އެނގޭނެ ގޮތެއްވެސް ބުނެފާނަމެވެ. ބައެއް މީހުން ކިތަންމެ ވަރަކަށް ދެރަވިޔަސް ނުރޮވޭނެއެވެ.  ގަދަކަމުން ރޯން އުޅުނަސް، ކަރުނަބާލަން އުޅުނަސް އެއިން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އަދި ރޯން ބޭނުންވިޔަސް ނުރޮވޭ ގިނަމީހުންނަކީ ހިތްހަރުކަށި މީހުންނެވެ.  

ގާތް މީހަކު މަރުވުމުން ރޮއިކަރުނައެޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ނުކުރަންވީ ކަމަކީ ހިތާމަކުރަމުންގޮސް އަޑުގަދަކޮށް، ގައިގެ ފޭރާބްވީދުން ފަދަ ކަންކަމެވެ. ރުއިމުގައިވެސް ހައްދުފަހަނައަޅައި ނުދިއުމެވެ.  

އަދިވެސް ބުނެލާނަމެވެ. ހަރުކަށި ހިތް ގެންގުޅޭ މީހުންނަށް ރޯން ވަރަށް އުނދަގޫވާނެއެވެ. ނަމަވެސް އޯގާތެރި ހިތް ގެންގުޅޭ މީހުންނަށް ވަރަށް ފަސޭހައިން ރޮވޭނެއެވެ. ކަމަކާއި ދެރަވެ ރޮވެނިކޮށް އެމީހާގެ ހިތްވަރު އެލޭފަދަ ބަހެއް ނުބުނަންވީވެސް އެހެންވެގެންނެވެ. އެއީ އެމީހާގެ ހިތަށްދެވޭ ވަރުގަދަ ޙަމަލާއަކަށްވެގެން ހިނގައިދާނެތީއެވެ.  

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން 

މިއަދު އޮންލައިން