މާފުކުރުމަށްފަހު އެކަން ހަނދާންކޮށްދިނުމަކީ ކަލަގޮވުން! ކަލަގޮވާނަމަ އެކަމުގެ ފައިދާއެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
މާފުކުރުމަށްފަހު އެކަން ހަނދާންކޮށްދިނުމަކީ ކަލަގޮވުން! ކަލަގޮވާނަމަ އެކަމުގެ ފައިދާއެއް ނުކުރާނެ!

އަހުރެން ބުނާނީ މާފުކުރަންޖެހޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކޮންމެ މީހަކަށްވެސް މާފުކުރާށެވެ! މާފުކުރުމަށްފަހު އެކި މީހުންނާއިމެދު ޢަމަލުކުރަންޖެހޭ ގޮތް ތަފާތުވެދާނެއެވެ. އެއީ އެމީހަކު ކުރި ކަންތަކުގެ ނިޞްބަތުންނެވެ. އެހެންކަމާއިއެކުވެސް އެއްވެސް މީހަކަށް މާފުކުރަން ފަސްނުޖެހޭށެވެ! 

މީހަކަށް ކިތަންމެ ގިނަ އަދި ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް އެމީހަކު ތައުބާވުމުން ޢަފޫކުރައްވަވައި ދެއްވެވުމަށްފަހު ﷲ ތަޢާލާ އެހިސާބުން އެމީހަކާއިމެދު ބައްލަވައިވޮޑިގަންނަވަނީ އެއްވެސް ފާފައެއް ނުކުރާ މީހެއްގެ ގޮތުގައެވެ. 

ﷲ ތަޢާލާ އިންސާނުންނާއިމެދު ގޮތް ނިންނަމަވަނީ ނުވަތަ "ޖަޖްކުރައްވަވަނީ" އެއްވެސް ޙާލެއްގައި އެމީހަކަށް ކުރެވިފައިވާތައް ގިނަވުމަކުން އަދި ބޮޑެތިވުމަކުންވެސް ނޫނެވެ. ﷲ ތަޢާލާ އިންސާނުންނާއިމެދު ގޮތް ނިންމަވަނީ އެމީހާގެ ތައުބާވުމަށް ބައްލަވައިވޮޑިގެނެވެ!

ވީމާ ކުރެވިފައިވަނީ ކިތަންމެ ބޮޑެތި އަދި ކިތަންމެ ގިނަ ފާފަތަކެއް ނަމަވެސް އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުން އެވަނީ ހުރިހާ ކަމެއް ފުރިހަމަކުރެވިފައެވެ. އެމީހާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ހިނދުން ފެށިގެން އެމީހާއަކީ އެއްވެސް ފާފައެއް ނުކުރާ މީހެއް ފަދައެވެ. 

އިންސާނުންނަށް ކަންކަން މިކުރެވޭގޮތަކީ އެއްވެސް މީހަކަށް ކުށެއްކުރެވިއްޖެ ނަމަ އެމީހަކީ މުޅި އުމުރުގައިވެސް ކުށްކުރާނެ މީހަކު ކަމަށް ބަލައި އެމީހަކު ބާކީކޮށްލުމެވެ. އެމީހަކީ އެއްވެސް ބޭނުމެއް ނެތް މީހަކު ކަމުގައި ހަދަނީއެވެ. އެމީހާ ކިތަންމެ ރަނގަޅަށް ފަހުން ކަންކަން ކުރަން މަސައްކަތްކުރި ނަމަވެސް އެކުރާ ރަނގަޅު ކަންކަމަށް ނުބަލައި ބަލަނީ ކުރިން އޭނާއަށް ކުރެވުނު ކުށަށެވެ. 

އެފަދަ ގޮތްގޮތަށް ކަންކަންކުރާމީހުންނަށް ދިރިއުޅުމުގެ އުފާވެރިކަމެއް ނުލިބޭނެއެވެ! އަބަދުވެސް އޮންނާނީ ކޮންމެވެސް މީހަކަށް ކުރެވިފައި އޮންނަ ކޮންމެވެސް ފަހަތުން ދުވާށެވެ! 

ހިތުގެ އެންމެ އަޑިން މާފުނުކޮށް އޭނާއަށް ކުރިން ކުރެވިފައި ހުންނަ ކުށްތައް ފާހަގަކުރާމީހާގެ މިސާލަކީ ކައްވަޅުކޮށްނަ މީހާގެ މިސާލެވެ. އޭނާ އަބަދުވެސް ކުރާނެ މަސައްކަތަކީ ކައްވަޅުކޮނުމާއި މީހުން ވަޅުލުމެވެ. ބަދަލުވާންވީ ދުނިޔެ އާރާސްތުކުރާމީހަކަށެވެ! އެފަދަ މީހަކަށްވެވޭނީ މާފުކުރުން އިސްކޮށް މާފުކުރުމަށްފަހު އޭނާއަށް ކުރިން ކުރެވުނު ކުށުގެމަތިން ހަނދާންވެސް ނުކުރާ މީހަކަށްވެގެންނެވެ. 

މިކަމަށް ދެމަފިރިން ޚާއްޞަކޮށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. ކުށެއް ކުރެވުމުން މާފުކޮށްފައި އެވަގުތުން ފެށިގެން އެކަން ހަނދާނުގައިވެސް ބަހައްޓައިގެން ނުވާނެއެވެ. އެކަމުގެ ވާހަކަ އެއްގޮތަކަށް ދައްކައިގެންވެސް ނުވާނެއެވެ. އެކަމުގެ ވާހަކަ ދެކެވޭނަމަ އެކަމުން އެނގެނީ އިޚްލާޞްތެރިކަމާއިއެކު މާފު ނުކުރެވޭ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން