ލޮބުވެތި ކަނބަލުންނޭވެ! ބައަކު ހީލަތްތެރި ގޮތެއްގައި ތިއަކަނބަލުންގެ ގައިގައި އަލިފާން ރޯކުރުވަމުން އަންނަކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ލޮބުވެތި ކަނބަލުންނޭވެ! ބައަކު ހީލަތްތެރި ގޮތެއްގައި ތިއަކަނބަލުންގެ ގައިގައި އަލިފާން ރޯކުރުވަމުން އަންނަކަން އެނގޭހެއްޔެވެ؟

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންނަށް ދެވެމުން އަންނަ އެންމެ ބޮޑު އަނިޔާއަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެންމެ ބޮޑު ގެއްލުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ގިނަ ކަނބަލުންނަށް އެނގޭ ނުވަތަ ޤަބޫލުކުރެވޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންވެ އަހުރެންގެ ވިސްނުމުން އެކަން ބުނެދޭން މަސައްކަތްކުރާނަމެވެ. 

އެއަނިޔާއަކީ ﷲ ތަޢާލާ ތިއަ ކަނބަލުންނަށް މަނާ ނުވަތަ ނަހީކުރައްވަވާފައިވާ ކަންކަން ތިއަ ކަނބަލުން ލައްވައި ކުރުވުމެވެ. މިތަނުގައި އެކަން މާނަމިކުރަނީ ފާޙިޝް ކަންކަމަކަށް ނޫނެވެ. މިދައްކަނީ ފިރިހެނުންގެ މުނި ފޫހިފިލުވަން ތިއަ ކަނބަލުން ލައްވައި ކުރުވާ ކަންކަމެވެ. ލަވަކިޔުމާއި ނެށުމާއި މިފަދަ ކަންކަމެވެ. އަދި ކިތަންމެ ރީތި، ފުރިހަމަ ޔުނިފޯމެއް އަޅައިގެން ތިބެ ނަމަވެސް ހިލޭ ފިރިހެނުންގެ ގައިމޮޑެދިނުމާއި މިފަދަ ކަންކަމެވެ. 

މިހާރަކަށް އައިސް އެންމެ ކުޑަމިނުން ދޮރެއްގެ ތަޅު ކަމަށްވީނަމަވެސް އިޝްތިހާރުކުރެވޭކަމަށްވަނީ ރީތި އަންހެނަކު ނިވާކަން ކުޑަ ފޭރާމެއް ލައްވައިގެންނެވެ. މިކަން އަހުރެންނަށް މާނަކުރެވެނީ އެއުޅެނީ އެތަޅު ވިއްކަންވެގެން ނޫންކަމަށާއި އެއުޅެނީ ރީތި ކަނބަލުން ބާޒާރަށް ނެރެ ވިއްކުވަން ކަމަށެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނީ ތިބާވެސް ހަމަ އެކަނިމާ އެކަންޏެވެ. ތިބާ ބާޒާރަށް ނެރެ ވިއްކި މީހާ ވާނީ ކޮން ޙާލަތެއްގައި ކޮންތަނެއްގައި ކަމެއް ނުއެނގޭނެއެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންނަށް ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ނުވާ މަގަކުން ފައިސާ ހޯދީއެވެ. އެއިގެ ބޭނުން ކުރީއެވެ. އެފައިސާ ތިބާ ބޭނުންކުރި ކޮންމެ ކަމެއް ތިބާއާއިއެކުގައި ވާނީ އަލިފާނުގެ ގޮތުގައެވެ. ދުނިޔޭގައި އެއަލިފާނުން ހޫނު ނުވެދާނެއެވެ. ނަމަވެސް ކުރިއަށް އޮތީ ހޫނުވާނެ ދުވަހެވެ.  

ވީމާ ހޭލުންތެރިވާށެވެ! ކިތަންމެ ގިނަ ބައަކު ކިތަންމެ ބޮޑު ތަރުޙީބެއް ދިންނަމަވެސް އެއިން އެއްވެސް ކަމަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ފައިދާ ކުރާނީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުމުންނެވެ. މާޒީގައި އުޅެވުނު ގޮތަށާއި ކުރެވުނު ކަންކަމަށް ކަންބޮޑުވުމެއް ނެތެވެ. ﷲ ތަޢާލާއީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމުން ކުރިން ކުރެވުނު ފާފަތަކަކީ އަޅުކަންކަމަށް ބަދަލުކޮށްދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން