ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހުން- ޤުރްއާނުން

ކިޔުމަށް ހޭދަވާނީ 5މ 33ސ
ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހުން- ޤުރްއާނުން

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ މުނާފިޤޫން ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا وَٱللَّهُ خَبِيرُۢ بِمَا تَعْمَلُونَ ﴿١١﴾‏ 

މާނައީ: "އަދި اللَّه، އެއްވެސް نفس އެއް، އޭގެ أجل އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (11)"

الله ތަޢާލާ މިދުނިޔެއަކީ އިމްތިޙާނު ކުރައްވާ ތަނެއް ގޮތުގައި ލެއްވިއެވެ. އަދި آخرة އަކީ ޢަމަލުތަކަށް ޖަޒާ ލިބޭ ތަނަކަށް ލައްވަވާފައިވެއެވެ. އަދި މީހެއްގެ އަޖަލު އައުމުން އެކަން ލަސްނުކުރައްވައެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘެއްގައިވެއެވެ. 

إن أحدكم يجمع خلقه في بطن أمه أربعين يوما نطفة، ثم أربعين يوما علقة، ثم أربعين يوما مضغة، ثم ينفخ فيه الروح، ثم يكتب أجله ورزقه، وشقي أو سعيد "

މާނައީ:  "ތިޔަބައިމީހުންގެ ތެރެއިން އެކަކު އޭނާގެ މަންމަގެ ބަނޑުގައި ސާޅީސް ދުވަސް ވަންދެން މަނިތިއްކެއް ގޮތުގައި ލެއްވިއެވެ. ދެން ސާޅީސް ދުވަސް ވަންދެން ގަނޑުލޭކޮޅެއް ގޮތުގައި ލެއްވިއެވެ. ދެން ސާޅީސް ދުވަސް ވަންދެން (آدم ގެދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅެއް ގޮތުގައި ލެއްވިއެވެ. އެއަށްފަހު، روح ފުޅު ފުމެލައްވަތެވެ. ދެން އަޖަލާއި ރިޒްޤު ލިޔުއްވަތެވެ. އަދި ދުނިޔޭގައި އޭނާ ވަނީ، ނުތަނަވަސްކަމެއް، ނުވަތަ އުފާވެރިކަމެއްގައި ކަން ވެސް ލިޔުއްވައެވެ." 

އެހެންކަމުން ފާފައެއް ކުރެވުނަސް ﷲ ތަޢާލާއަށް ތައުބާވެ ފާފަ ފުއްސެވުމަށް އެދެން ޖެހެއެވެ. 

ﷲ ތަޢާލާ ނިސާ ސޫރަތުގެ 17 އަދި 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَٰلَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُو۟لَٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴿١٧﴾‏ وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٰٔنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُو۟لَٰٓئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴿١٨﴾‏

މާނައީ: "توبة ލެއްވުން اللَّه ގެ حضرة ން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، اللَّه، އެއުރެންގެ މައްޗަށް توبة ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (17) އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ. (18)"

މިއަދު އޮންލައިން