އެންމެ ބޮޑަށް ލޯބިވަނީ މަންމަ ދެކެކަމަށްނުވާ މީހަކަށް އެހެން މީހަކު ދެކެ ޙަޤީޤީ ލޯބި ވެވުމަކީ ދުރުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެންމެ ބޮޑަށް ލޯބިވަނީ މަންމަ ދެކެކަމަށްނުވާ މީހަކަށް އެހެން މީހަކު ދެކެ ޙަޤީޤީ ލޯބި ވެވުމަކީ ދުރުކަމެއް!

ލޯބީގެ ގޮތުން ދެމީހަކު ގުޅިއްޖެނަމަ އެންމެ ފުރަތަމަ ކުރެވޭ ސުވާލުތަކުގެ ތެރޭގައިވެސް ކުރީގެ ލޯބިވެރިންނާއިމެދު ކުރެވޭ ސުވާލުތައް ހިމެނެއެވެ. ކިތައް މީހުންނާ ލޯބީގެ ގޮތުން ގުޅުނިންތޯ އާއި އެއިގެ ތެރެއިން އެންމެ ބޮޑަށް ލޯބިވަނީ ކާކުދެކެތޯވެސް ސުވާލުކުރެއެވެ. އަދި އެމީހަކު ދެކެ މިހާރުވެސް ލޯބިވަންތޯ ވެސް ސުވާލުކުރެއެވެ. 

މިފަދަ ސުވާލުތަކަށް ބައެއް ފިރިހެނުންދޭ ޖަވާބުގެ ސަބަބުން ލޯބިވެރިޔާ ފުންމައިގެންވެސްދެއެވެ. އެއީ އެންމެ ފުރަތަމަ ލޯބިވީ މީހާ ދެކެ މިހާރުވެސް ލޯބިވާކަމަށާއި އަދި އެންމެ ބޮޑަށް ލޯބިވަނީވެސް އަދި އެންމެ ބޮޑަށް ލޯބިވާނީވެސް އޭނާދެކެ ކަމަށް ބުނުމުންނެވެ. އެހިސާބަށް ބުނެފައި ދެން އެމީހުން ބުނަނީ އެއަންހެނަކީ އޭނާގެ މަންމަ ކަމަށެވެ. 

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްގެ އަނބިމީހާގެ ގާތުގައި އެނާ މިގޮތަށް ބުނިކަމަށާއި އޭނާއާއި ގުޅުނު ސަބަބަކީވެސް އެއީ ކަމަށް ބުނާ ވީޑިއޯއެއް ވަނީ ފެނިފައެވެ. ސަބަބަކީ އެމީހަކު އެމީހެއްގެ މަންމަ ދެކެ އެވަރަށް ލޯބިވާ މީހަކު އަނބިމީހާއަށް ދެރަގޮތެއް ނުހަދާނެ ކަމަށް ޔަޤީންކުރެވުމުން ކަމަށްވެސް އޭނާ ބުނެއެވެ. އެއިގެ އެހެން ބުނާނީ ލޯބީގެ އަގު ވަޒަންކުރަން ދަންނަ މީހަކު ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

އެދެމަފިރިންގެ ގުޅުމުގެ ޙަޤީޤަތާއި އެގުޅުން ނިމޭނެ ގޮތެއް އެއީ ބުނަން ނުއެނގޭނެ ކަމެކެވެ. ނަމަވެސް އޭނާ އެބުނާ ވާހަކައަކީ ވަރަށް ރަނގަޅު ވާހަކައެކެވެ. ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާންޖެހޭނީ އެމީހެއްގެ މައިމީހާއަށެވެ. މައިމީހާ ދެކެ ލޯބިނުވާ، މައިމީހާއަށް އަޅައިނުލާ މީހަކު އަނބިމީހާ ދެކެ ލޯބިވުމާއި އަނބިމީހާއަށް އަޅައިލުމަކީ ކުރެވޭނެ ކަންކަން ނޫންކަމަށް ހަމަ ޤައިމުވެސް އަހުރެން ޤަބޫލުކުރަމެވެ. އަހުރެންނަށް ވިސްނެނީ މިއީ ކޮންމެ އަންހެނަކުވެސް ވިސްނައިލުން މުހިންމު ކަމެއްގެ ގޮތުގައެވެ.

 

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން