ތިބާއަށް ލިބޭ އަނިޔާގެ ބޮޑުކަމުން ނުވަތަ ހިތްދަތިކަން ބޮޑުކަމުން ﷲ ތިބާގެ ދަރަޖަ ތިރިކުރެއްވެވީ ކަމަށް ދެކެން ހެޔޮނުވާނެ! ފަހަތުގަ ފޮރުވިގެންވާ މަތިވެރިކަން އެނގެނީ ކާކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިބާއަށް ލިބޭ އަނިޔާގެ ބޮޑުކަމުން ނުވަތަ ހިތްދަތިކަން ބޮޑުކަމުން ﷲ ތިބާގެ ދަރަޖަ ތިރިކުރެއްވެވީ ކަމަށް ދެކެން ހެޔޮނުވާނެ! ފަހަތުގަ ފޮރުވިގެންވާ މަތިވެރިކަން އެނގެނީ ކާކަށްތަ؟

ބައެއް މީހުންނަށް ކަންކަން ވިސްނެނެނީ ވަރަށް ހަނި ގޮތަކަށެވެ. އެކަމުގެ ނަތީޖާއަކަށްވަނީ އެމީހަކަށް އެއްވެސް މީހެއްގެ ކިބައިން ނުވަތަ އެނޫންވެސް ގޮތަކުން އަނިޔާ ނުވަތަ ހިތްދަތިކަން ކުރިމަތިވެއްޖެނަމަ ﷲ ތަޢާލާ ތިމާ ނިކަމެތި ކުރެއްވެވީ ކަމަށް ޤަބޫލުކުރެވުމެވެ. އަދި ބޮޑު ބަލިމަޑުކަމެއް ކުރިމަތިވިނަމަވެސް އއެގޮތަށް ވިސްނެއެވެ.

ނިކަން ވިސްނައިލަބަލާށެވެ! ބިލާލްގެފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ހިތްދަތިކަމަށެވެ. އެވާހަކަތައް އިސްލާމީ ސިރަތުގައި ލިޔެވިފައިވާތީ ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ވީމާ މިވަޤުތު އެކަންކަމުގެ ތަފްޞީލަކަށް ނުދާނަމެވެ. އެކަމަކު އެހެން އެންމެ ބިންމަތީގައި ތިއްބައި ޙަރަމްފުޅުގެ މައްޗަށް އަރައި ބަންގިގޮވަން ލިބިވަޑައިގަތީ ބިލާގެފާނަށް ނޫންހެއްޔެވެ؟ 

ހަމައެންމެ ދަތިޙާލުކޮޅުގައި އަދި އެންމެ ނިކަމެތިކަންމަތީގައި އުޅުއްވެވި ޞަޙާބީންނަށް އެބޭކަލުން ދުނިޔޭގައި ތިއްބަވަނިކޮށް އެބޭކަލުންނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަދައިގެންފައި ނުވޭ ހެއްޔެވެ؟ 

އަދިވެސް ވިސްނައިލާށެވެ! އާސިޔަތުގެފާނަށް އެކަމަނާ އަވަހާރަވުމުގެ ކުރިން، ސުވަރުގެއިން އެކަމަނާއަށް ދެއްވަވާނެ ގަނޑުވަރު ދައްކަވައިލެއްވެވީ ކޮންފަދަ ބޮޑެތި އަނިޔާތައް ލިބިވަޑައިގަންނަވަމުން ދަނިކޮށް ހެއްޔެވެ؟ 

ދެން އޮތީ ބަލިޙާލުގައި އުޅެންޖެހުމެވެ. އައްޔޫބްގެފާނަށް ޖެހިވަޑައިގެންނެވި އެބޮޑު އާލާސްކަންފުޅުގައި ކިތައް އަހަރު ހޭދަކުރައްވަވަން ޖެހިވަޑައިގެންނެވި ހެއްޔެވެ؟ އެފަދަ ބޮޑު ބައްޔެއް އަހުރެމެންނަށް އެބަޖެހޭ ހެއްޔެވެ؟ 

ދެން އޮތް ސުވާލަކީ އެއިން އެއްވެސް ބޭކަލެއްގެ ދަރަޖަ ﷲ ތަޢާލާ ތިރިކުރެއްވެވި ހެއްޔެވެ؟ ނޫނެކެވެ. ނުކުރައްވަވައެވެ. ކުރެއްވެވީ މަތިވެރިއެވެ. ވީމާ މިފަދަ ކަންކަމަށް ވިސްނާށެވެ! ތިމާއަށް ލިބޭ އަނިޔާ އާއި ހިތްދަތިކަމަކީ ތިމާގެ ދަރަޖަ ތިރިކުރެއްވެވުމުން ކުރިމަތިވާ ކަންކަން ނޫންކަން އެއިރުން ވަރަށް ރަނގަޅަށް ވިސްނޭނެއެވެ. އިން ޝާ ﷲ. އަދި އެކަނަކްމަށް ކެތްތެރިވުމުން ތިމާގެ ދަރަޖަ މަތިވެރިކުރައްވަވާނެކަން ޔަޤީންވެސް ކުރެވޭނެއެވެ. އިން ޝާ ﷲ 

- ޝައިޚް ޙިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

 

 

މިއަދު އޮންލައިން