ކިތަންމެ ގާތް އެކުވެރިއެއްގެ ދިފާޢުގަ ނަމަވެސް ބަސްބުނަންވާނީ އެކުވެރިޔާ ހުރީ ޙައްޤުގަކަން ޔަޤީންކުރެވޭނަމަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ކިތަންމެ ގާތް އެކުވެރިއެއްގެ ދިފާޢުގަ ނަމަވެސް ބަސްބުނަންވާނީ އެކުވެރިޔާ ހުރީ ޙައްޤުގަކަން ޔަޤީންކުރެވޭނަމަ-

ޣީބަ ބުނެ މުލަމަސްކެއުން މިވަނީ ޢާންމުވެފައެވެ. އެކަމަށް ބިރުވެތިވަނީ މަދުމީހެކެވެ. އެހެންވެ މީހުންގެ ވާހަކަތައް ދައްކަމުން ހިނގުމާއި ފެތުރުން މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. އެކަމަކު އެކަންކަން ކުރާ މީހުންގެ ވާހަކަ އެހެން މީހަކު ދައްކައިފިނަމަ އިންތިހާއަށް ރުޅި ގަދަކުރެއެވެ. މިއީ ކޮން ގޮތަކުން ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟ 

މިކަމަސްވެސް ވިސްނައިލާށެވެ! ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހުނީއެވެ. އެތަނުން އެކަކީ ތިބާގެ އެކުވެރިއެކެވެ. އެކުވެރިއަކު ކަމަށްވީނަމަވެސް އޭނާގެ ކޮޅަށް ބުރަވާންވާނީ އޭނާހުރީ ޙައްޤުގައިކަން ޔަޤީންކުރެވޭނަމައެވެ. އެކަން ޔަޤީންކުރަންވާނީ އެކުވެރިޔާގެ ބަހަކުން ނޫނެވެ. އެކަމުގެ ހެކިފެނުމުންނެވެ. 

ގިނަބައަކު އެކުވެރިން ދިފާޢުކޮށް އަނެކާއަށް ނުބައިބަސްތައް ބުނެ އޭނާގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުވައި ގެއްލުން ދެނީ މިބުނި މަގުން ކަންކަން ނުބަލައި ތިބެގެންނެވެ. އެކުވެރިޔާ ބުނެލާ ބަހެއްގެ މައްޗަށެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެގޮތަށް އެކަން ކުރުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އެފަދަ ފާފަތައް ނުކުރާށެވެ. އެންމެ މުހިންމު ކަމަކީ ތިމާ ފާފަނުކުރުމެވެ. 

ﷲ ތަޢާލާ ޙުޖުރާތް ސޫރަތުގެ 12 ވަނަ އާޔަތުގައި ޣީބަ ބުނުމުން ދުރުހެލިވުމަށް އަންގަވާފައިވެއެވެ. 

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَٱتَّقُوا۟ ٱللَّهَ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ ﴿١٢﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. (12)"

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން