ފުރަތަމަ ކަމަކަށް އިސްލާމް ކަމުގެ މާނަ ދަސްކުރޭ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފުރަތަމަ ކަމަކަށް އިސްލާމް ކަމުގެ މާނަ ދަސްކުރޭ!: ޝައިޚް މުޙައްމަދު ހޮބްލޮސް

މީހަކަށް ބޮޑު އަނިޔާއެއް ކުރުމުން އަނިޔާ ލިބުނު މީހާ ތެދުވެ ބަދަލުހިފަން އުޅުމުން ޢޭނާ ގާތުގައި ބަދަލުނުހިފާށޭ އިސްލާމް ދީނަކީ ޞުލްޙައިގެ ދީނޭ، ދުނިޔެއަސް މުހިންމީ ޞުލްޙައޭ ބުނުމަކުން އަދި ނުފުދެއެވެ. ދީނުގައިވާ މަގުން އޭނާއަށް ބަދަލުހޯދައިދޭން މަސައްކަތްކުރަން ނުވަތަ އެހީތެރިވާން ޖެހޭނެއެވެ. އެހެނީ އިސްލާމް ދީނަކީ ޞުލްޙައިގެ ދީން ފަދައިން ޢަދުލުވެރިކަމުގެވެސް ދީނެވެ. އަނިޔާ ލިބުނު މީހާއަށް ބެލުމެއް ނެތި އިންޞާފު ހޯދައިދޭ ދީނެވެ.  

މިހާރަކަށް އައިސް ވަރަށް ގިނަ ބައަކު އިސްލާމް ދީނުގެ ވާހަކަދައްކާއިރު އެއީ ޞުލްޙަކަމަށް އެބަ ބުނެއެވެ. ނަމަވެސް އެއީ ފުރިހަމަ މާނައެއް ނޫނެވެ. އިސްލާމް ދީނަކީ ޞޫލްޙައިގެ ދީންކަމަށް ބުނަންޖެހެނީ އިސްލާމް ދީނުގައި އަނިޔާވެރިކަން ނެތުމުންނެވެ. ނަމަވެސް އެއީ ދީނުގެ ހުރިހާ ކަމަކީ ޞުލްޙަ ކަމަށް ހަދައި ނިންމައިލެވެން އޮތްކަމެއް ނޫނެވެ.  

އިސްލާމް ކަމަކީ ކޮބައިކަން މާނަކުރާނަމަ ބުނަންޖެހޭނީ އިސްލާމްކަމަކީ ﷲ ތަޢާލާ އާއި ﷲ ގެ ރަސޫލް އަށް ފުރިހަމަ ގޮތުގައި ކިޔަމަންވުން ކަމަށެވެ. އެކަން ނުކުރެވޭނަމަ އިސްލާމް ކަމެއް ނެތެވެ.  

މިއަދު މައްސަލައަކަށްވެގެން މިއުޅެނީ އިސްލާމް ދީނަކީ އެމީހަކު ބޭނުންވާ ގޮތްކަމަށް ހަދާތީއެވެ. އެކަން އެހެނެއް ނުކުރެވޭނެއެވެ. އިސްލާމް ދީން މިކިޔަނީ ކީރިތި ޤުރްއާނާއި ރަސޫލް ގެ ސުންނަތަށެވެ. އެއްވެސް މީހަކު ބޭނުންވާ ގޮތަކަށް ނޫނެވެ. ﷲ ތަޢާލާ އިސްލާމް ދީން ބާވައިލެއްވެވި ގޮތަށެވެ.  

ވީމާ އަހަރެން އެދެނީ ފުރަތަމަ ކަމަކަށް އިސްލާމް ދީނަކީ ކޮބައިކަން ދަސްކުރުމަށެވެ. އިސްލާމް ދީނަށް ޢަމަލުކުރެވޭނީ އިސްލާމް ކަމަކީ ކޮބައިކަން އެނގިގެން ކަމަސްވާތީއެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން