ކީރިތި ޤުރްއާނުގެ ފެށުމަށްބަލާށެވެ. އަލްޙަމްދަށްފަހު ބަޤަރާ ސޫރަތެވެ. ފުރަތަމަ އާޔަތުގައިވާ 3 އަކުރުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހަރެމެން އެއްވެސް އިންސާނަކަށް ނުއެނގޭނެއެވެ. ދެން ޖެހިގެން އޮތް އާޔަތް ނުވަތަ 2 ވަނަ އާޔަތަށް ބަލައިލަމާ ހިނގާށެވެ.
ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ
"މިއީ އެ ފޮތެވެ. އެ ފޮތާމެދަކު ޝައްކެއް ނެތެވެ. (މިފޮތަކީ) ތަޤްވާވެރިންނަށްހުރި ހިދާޔަތެކެވެ." (އަލް ބަޤަރާ: 2)
އިންސާ ނުން ލިޔާ ފޮތްތަކުގައި އެފޮތުގައި ހިމެނިގެންވާ ކަންކަމަށް މިފަދައިން ޔަޤީންކަމެއް ނުދެވޭނެއެވެ. އެއިގައިވާ ހުރިހާ ކަންކަން 100 އިންސައްތަ ދިމާވާނެ ކަމަކަށް ނުބުނެވޭނެއެވެ. އެހެންވެ ގިނައިން ބުނެފައި އޮންނާނީ މިފޮތް އެކުލަވައިލީ މިވެނި އެވެނި ހޯދުންތަކެއްގެމައްޗަށް ބުރަވެހުރެ ކަމަށެވެ.
ދެން ބަލައިލަންވީ ޠާހާ ސޫރަތުގެ 2 ވަނަ އާޔަތަށެވެ.
مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ
"ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި ޤުރްއާން ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ". (ޠާހާ: 2)
މިހިސާބުން އުފެދޭ ސުވާލަކީ އަހަރެމެން ކީރިތި ޤުރްއާން ކިޔަވަމުއެވެ. އެކަމަކު ހިތާމަތަކާ ހިތްދަތިކަމާ ކަންބޮޑުވުމާ އެނޫންވެސް ކަންތައްތަކުން ސަލާމަތެއް ނުވެއެވެ. އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟
އެކަން އެގޮތަށް މެދުވެރިޔާ ސަބަބުތަކުގެ ތެރޭގައި ޒިނޭ ނުކުރުމަށާއި ފާޙިޝް ޢަމަލުތައް ނުކުރަން، ރިބާ ނުކާން، ޔަތީމުންގެ ޙައްޤުތަކަށް އަރައިނުގަންނަން ދަރަނި އަދާކުރަން، ކުރާ ކޮންމެ ކަމެއްގައި ތެދުވެރިވާން، ރަޙިމުގެ ގުޅުން ދަމަހައްޓަން، މައިންބަފައިންނަށް ހެޔޮކޮށް ހިތަން، އަނބިދަރިންގެ ޙައްޤުތައް އަދާކުރަން، ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިވާން، އިޙްޞާންތެރިވާން ފަދަ ކަންކަން ކުރަން އަމުރުކުރައްވަވާފައި ހުރި އާޔަތްތައް ކިޔަވަމުން އެ އާޔަތްތަކަށް ޢަމަލު ނުކުރުން ހިމެނެއެވެ.
ހަމަ އެއާއިއެކު "ތިމަން ﷲ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވާށޭ" ވަޙީކުރައްވަވާފައި ހުރި އާޔަތްތައް ކިޔަވަމުން ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކުގެ ބޭނުންކުރަމުން ﷲ ނަހީކުރެއްވެވި ކަންކަން ކުރުންވެސް ހިމެނިގެންވެއެވެ.
ހަމަ އެއާއިއެކު ތިމަންނާގެ އަތުގައި އެންމެ ކާރެއް އޮތްއިރު އަނެކާގެ އަތުގައި 2 ކާރު އޮތުމާއި އޭނާގެ ގެ ތިމާގެ ގެއަށްވުރެ ފުރިހަމަވުން ފަދަ ޝަކުވާތައް ހިތުގައި އުފެދުންވެސް ހިމެނިގެންވެއެވެ. އެއިރުން އެމީހަކީ އެމީހަކަށް ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވެވޭ އަޅަކަށް އެބަ ވެވޭ ހެއްޔެވެ؟
ހަމަ އެއާއިއެކު "ތިއަބައިމީހުން ތަޤްވާވެރިވާށޭ، ހެޔޮލަފާ މީހުންނާއިއެކުގައިވާށޭ" ވަޙީކުރައްވަވާފައިވާ އާޔަތްތައް ކިޔަވަމުން ތަޤްވާވެރިނުވެވި، އަދި ނުބައި ޢަމަލުތައްކުރާ އެކުވެރިންނާއިއެކު އުޅެ އެމީހުންކުރާ ކަންކަމުގައި ބައިވެރިވެ ހިތްވަރުދިނުން ވެސް ހިމެނެއެވެ.
ހަމަ އެއާއިއެކު "އެހެން މީހުންނަށް މަލާމާތާއި ފުރައްސާރަ ނުކުރަން" ވަޙީކުރައްވަވާފައިވާ އާޔަތްތައް ކިޔަވަމުން އެފަދަ ޢަމަލުތައް ކުރުންވެސް ހިމެނެއެވެ.
ވީމާ ކުރުގޮތަކަށް މިބަޔާންކުރީ ކީރިތި ޤުރްޢާން ކިޔަވަމުން އެއިގައިވާ އެންގެވުންތަކަށް ޢަމަލު ނުކުރުމުގެ ވާހަކައެވެ. ކީރިތި ޤުރްއާން ކިޔަވާ މީހާއަށް އެމީހާ އެދޭ ކަންކަން ޙާޞިލްނުވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އަހަރެން ބުނާނީ ޤުރްއާން ކިޔެވުމުން ތިމާ އެދޭ ކަންކަން ޙާޞިލްނުވާތީ ކަންބޮޑުވުމުގެ ބަދަލުގައި ﷲ ގެ ވަޙީބަސްފުޅުތަކަށް ޢަމަލުނުކުރާތީ ކޯފާއެއް ބާވައިނުލައްވަވާތީ ޝުކުރުވެރިވާންޖެހޭނެ ކަމަށެވެ.
ހަމަ އެއާއިއެކު ބުނެލާނަމެވެ. ޤުރްއާން ކިޔެވުމުން އެއިގެ ދެލިގަނޑުގައިވާ މާނަ އެނގުމަކުން އަދި އެއީ ޤުރްޢާނުގެ މާނަ އެނގެނީއެއް ނޫނެވެ. މާނަ އޮޅުންފިލުވަން އެބަޖެހެއެވެ. ހޯދައި ދަސްކުރުމުން ނޫނީ މާނައެއް ނުއެނގޭނެއެވެ.
އަހުރެންގެ ދުޢާއަކީ ކީރިތި ޤުރްއާން ކިޔަވައި އެއަށް ޢަމަލުކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. ކީރިތި ޤުރްއާނަށް އަމަލުކުރުމަތީގައި ވަނިކޮށް އަހަރެމެންގެ މަރު ގެންދެވުމެވެ.
- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ޚުޠުބާއަކުން