ބައެއް މީހުން އިސްކަން ދެނީ އެހެން މީހުންނަށް އެހީތެރިވެ އެމީހުން ހިނިތުން ކުރުވުމަށެވެ. އަދި ތިމާ ހިނިތުންވަނީވެސް އެހެން މީހުންނަށެވެ. އަމިއްލަ އަނބިދަރިންނަށް ސަމާލުކަމެއް ނުދެއެވެ.
ސަބަބަކަށްވަނީ އެމީހުންނަށް ވިސްނޭ ގޮތެވެ. އަހަރެމެންގެ ތެރެއިން ވަރަށް ބައަކަށް ހީވެފައި އޮންނަނީ ތިމާގެ އަނބިދަރިންނަށް ހިނިތުންވާންޖެހޭނީ ތިމާ އުފާވެރިކަމުގައި ހުންނަނަމަ ކަމަށެވެ. ހާސްވުމާއި ކަންބޮޑުވުމެއްގައި ހުންނަނަމަ ހިނިތުންވާން ނުޖެހޭނެ ކަމަށެވެ.
މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ސުންނަތުގައި އެކަން އޮތްގޮތަށް ވިސްނައިލާށެވެ! ރަސޫލް ﷺ އެބޭކަނބަލެއް ދެކެ އެންމެ ބޮޑަށް ލޯބިފުޅުވެބވަޑައިގެންނެވި ޚަދީޖަތުގެފާނު އަވަހާރަވުމުން އިންތިހާއަށް ހިތްދަތިކަން ލިބިވަޑައިގެންނެވިއެވެ. ލިބިވަޑައިގެންނެވި ބޭފުޅުން އަވަހާރަވުމުން އިންތިހާއަށް ހިތްދަތިކަން ލިބިވަޑައިގެންނެވިއެވެ. ޢާއިލާގެ ބޭފުޅުން ފަރިއްކުޅުއްވަވާނެ އެއްޗެއް ގަނޑުވަރުކޮޅުތަކުގައި ނެތުމުން އަބަދުހެން އުޅުއްވަން ޖެހިވަޑައިގަތީ އިންތިހާއަށް ކަންބޮޑުވެވަޑައިގަތުމުގައެވެ.
އެހެންކަމާއިއެކުވެސް ޞަޙާބީންގެ އަރިހުން އެނގެން އޮތްގޮތުގައި ރަސޫލް ﷺ އަށްވުރެ ގިނައިން ހިނިތުންވެވަޑައިގަންނަވާ މީހަކު އެބޭކަލުންނަށް ފެނިވަދައިގެންފައެއް ނުވެއެވެ. އެކަމުން އެނގިގެންދަނީ އެހެން މީހުންނަށް ހިނިތުންވުމަކީ ހަމައެކަނި ތިމާ އުފަލުގައި ހުންނަން ލިބޭ ވަޤުތުތަކުގައި ކުރަން އޮތްކަމެއް ނޫންކަމެވެ.
މިއުންމަތުގެ މައިކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢާއިޝާތުގެފާނުގެ ބަސްފުޅެއްގައި ވެއެވެ. "ބޭރުގައި އުޅުއްވަވާއިރު ކިތަންމެ ބޮޑެތި ކަންބޮޑުވުންތަކެއްގައި އުޅުއްވެވި ނަމަވެސް ރަސޫލް ﷺ ގަނޑުކޮޅަށް ވަދެވަދައިގަންނަވަނީ ހިނިތުންވެވަޑައިގެން ހުންނަވައެވެ. ވަދެވަޑައިގަތުމަށްފަހު އެކަންބޮޑުވުންތަކެއް ނުދައްކަވައެވެ. ހިނިފުޅު ވަޑައި ސަމާސަކުރައްވަވައި ހައްދަވައެވެ."
ކަންއޮތީ މިފަދައިން ނަމަވެސް ބައެއް މީހުންނަށް މަސައްކަތުގެ ދާއިރާގެތެރެއިންނަމަވެސް ކަންބޮޑުވާންޖެހޭ ކަމެއް މެދުވެރިވެއްޖެނަމަ ގެއަށް ގޮސް އަނބިދަރިންނަށް ދައްކަނީ ކުނިމޫނެވެ. ހިނިތުންވެލުމުގެ ބަދަލުގައި ދައްކަނީ ކުނިމޫނެވެ. އެކަން އަހަރެން ސިފަކުރާނީ އަނބިދަރިންގެ އުފާތައް މަރައިލުން ފަދަ ކަމެއްގެ ގޮތުގައެވެ. އެހެނީ އެމީހުން އިންތިޒާރުކޮށްގެން ތިބެނީ ހިނިތުންވުމަށެވެ. ކުނި މޫނު ފެނުމުން ހިތްތައް މަރުވެ މާޔޫސްވެގެންދެއެވެ.
ވީމާ އުފާވެރި ޒަވާޖީ ޙަޔާތަކަށް އުންމީދުކުރާ މީހާ މިބުނި ކަންކަމަށް ވިސްނަން އެބަޖެހެއެވެ. ސަމާލުކަންދޭން އެބަޖެހެއެވެ. ހިނިތުންވުން ގިނަކުރުމަކީ ޢާއިލާއަށް އުފާވެރިކަން އިތުރުވާ ކަމެކެވެ. އެކަން ބަޔާންކުރައްވަނީ ހަމައެކަނި ދީނީ ޢިލްމުވެރިންނެއް ނޫނެވެ. ޑޮކްޓަރުންނާއި ނަފްސާނީ ޢިލްމުވެރިންވެސް އެކަން ފާހަގަކުރައްވައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން