ހަނދުމަކޮށްދިނުމެއް!: އެންމެ ދެކަލިމައިގެ މަތިވެރިކަމުން ކޮންމެ ދުވަހަކު އެތައް ހާސްފަހަރުވެސް މީޒާން ފުރާލުމުގެ ފުރުޞަތު އޮތް 2 ކަލިމަ- : ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ހަނދުމަކޮށްދިނުމެއް!: އެންމެ ދެކަލިމައިގެ މަތިވެރިކަމުން ކޮންމެ ދުވަހަކު އެތައް ހާސްފަހަރުވެސް މީޒާން ފުރާލުމުގެ ފުރުޞަތު އޮތް 2 ކަލިމަ- : ޝައިޚް އަބޫބަކުރު ޒައުދު

އެންމެންހެން އަވަދިނެތި މަސައްކަތުގައި އުޅެމުން އަންނައިރު ކުޑަ ހެޔޮ ޢަމަލަކުން ވީހާ ގިނަ ޘަވާބު ހޯދޭނެ ގޮތްތަކަށް ވިސްނާ މީހުން ވަރަށް ގިނައެވެ. އެގޮތުން ކުރެވިދާނެ ޢަމަލުތަކާއިބެހޭ ގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީވެސް ވަރަށް ފަސޭހައިން ކުރެވެން އޮތް ޢަމަލެއްގެ ވާހަކައެވެ.

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނެ އެއްކަމަކީ އެމީހާގެ ކުރިމައްޗަށް މީޒާން ގެނެވޭހިނދު، ނުވަތަ މީޒާނުގައި އެމީހެއްގެ ޢަމަލުތައް މީޒާނުގައި ކިރައިލެވޭހިނދު ހެޔޮ އަމަލުތަކުން މީޒާން ފުރައިލެވޭނެ ގޮތަކާއިމެދުގައެވެ. ނުވަތަ ހެޔޮ އަމަލުތަކުގެ ކޮޅު ބޮޑުތަނުން ބަރުކޮށްލާނެ ގޮތަކާއިމެދުގައެވެ. الحمد لله މިއީ އަހަރެމެން ވަރަށް ގިނައިން ކިޔާ ކަލިމައެކެވެ.

ޛިކުރެކެވެ. އެހެނަސް އެ ކަލިމައިގެ މަތިވެރިކަން ހިތްމައްޗަށް ގެނެވޭ ހެއްޔެވެ؟ الحمد لله ގެ މަތިވެރިކަން ބަޔާން ކުރައްވަވަމުން ރަސޫލް (ﷺ) ޙަދީޘްފުޅުކުރައްވަވާފައިވަނީ އެއީ އެކަލިމައެއްގެ ސަބަބުން މުޅި މީޒާން ފުރިގެންދާނެ ޛިކުރެއް ކަމުގައެވެ. ވީމާ ކޮންމެ ދުވަހަކު ގިނަގިނައިން الحمد لله ކިޔާ މީހަކަށް ޤިޔާމަތް ދުވަހު ލިބިގެންދާނެ ދަރުމަ ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ! ﷲ ތަޢާލާ އާދަމްގެފާނު އުފައްދަވައި ފުރާނަ އެޅުއްވެވުމުން އާދަމްގެފާނަށް ކިނބިއްސެއް އެޅުނެވެ. އަދި ވިދާޅުވެވުނެވެ. الحمد لله. އެހެންކަމުން މިކަލިމަ ވެފައިމިވަނީ އިންސާނެއްގެ ދުލުން ބުނެވުނު ފުރަތަމަ ކަލިމަ ކަމުގައެވެ.

އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އިންސާނަކަށް ދެންނެވުނު ފުރަތަމަ ކަލިމަ ކަމުގައިވެސްމެއެވެ. އަދި ކީއްހެއްޔެވެ؟ ކީރިތި ޤުރްއާނުގައި ބިސްމިﷲ އަށްފަހު އޮތް ފުރަތަމަ އާޔަތް ފަށްޓަވާފައިވަނީ ވެސް ހަމަ الحمد لله އިންނެވެ. الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ "ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ!" އެންމެހައި ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ!

އަދި ސުވަރުގޭގެ އަހުލުންވެރިން އެތަނުގައި ދެމިތިބޭނީވެސް الحمد لله ކިޔުންމަތީގައެވެ. މިހުރިހައި ކަމަކުން ވެސް އެނގިގެންދަނީ الحمد لله ގެ މަތިވެރިކަމެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! الحمد لله އިޚްލާޞްތެރިކަމާއިއެކުގައި ކިޔާށެވެ! الحمد لله އަންގައިދެނީ އެންމެހައިމަތިވެރިކަން ލިބިވޮޑިގެންވަނީ އަދި އެންމެހައި ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށް ކަމެވެ.

ވީމާ ދުލުން މި ޛިކުރު ކިޔާއިރު ހަމައެކަނި ކިޔައިލާ އެއްޗަކަށް ނުހަދާށެވެ! ޛިކުރުގެ މަތިވެރިކަން ހިތްމައްޗަށް ގެނެސް އެކަމުން ލިބެން އޮތް އެންމެ ގިނަގުނަ ޘަވާބާއި މަތިވެރިކަން ލިބޭނެ ގޮތަށް ކިޔާށެވެ! ޤިޔާމަތް ދުވަހު ތިބާގެ މީޒާން الحمد لله އިން ފުރައިލާށެވެ!

--އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން