ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ބޭނުންވުމުން ދުޢާކުރަން އެންމެ ފައިދާ ބޮޑު މަގު-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ބޭނުންވުމުން ދުޢާކުރަން އެންމެ ފައިދާ ބޮޑު މަގު-!: މުފްތީ މެންކް

ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް ޤަބޫލުކުރަންޖެހޭނެ ފުރަތަމަ ކަމަކީ އެއްވެސް ކަމެއްގައި އެންމެ ރަނގަޅު ގޮތް ތިމާއަށް ނުއެނގޭނެކަމާއި އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ. ކަން މިފަދައިން އޮތް ނަމަވެސް ދުޢާކުރުމުގައި ގިނަ ބައަކަށް އެންމެ ބޮޑަށް ކުރިމަތިވާ އެއް މައްސަލައަކީ ބޭނުންވާ ގޮތް އަމިއްލައަށް ނިންމައިގެން ދުޢާކުރުމެވެ! މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ.

އެހެނީ އެކަންކަމަކީ އަހަރެމެންގެ އަމިއްލަ ޙަޔާތުގެ ކަންކަން ނަމަވެސް ކަންކަމުގައި އަމިއްލައަށް ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ! އަހަރެމެންނަށް އަމިއްލައަށް ނިންމޭ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށްޓަކައެވެ.

މިބާވަތުގެ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ޙަޔާތަށް ބައިވެރިއަކު ދެއްވެވުން އެދި ކުރާ ދުޢާއެވެ. މިސާލަކަށް ތިބާ ގުޅެން ބޭނުންވަނީ މިވެނި މީހަކު ކަމަށްވެދާނެއެވެ. އެކަން ވާންޖެހޭނީ ތިބާ އެދޭގޮތްކަމަށެވެ. ނަމަވެސް އޭނާ ދެއްވެވުން އެދި ދުޢާކޮށްގެން ނުވާނެއެވެ. ދުޢާކުރަންވާނީ "އޭނާއަކީ މިއަޅާގެ ޒަވާޖީ ޙަޔާތަށް އެންމެ ރަނގަޅު މީހާ ކަމުގައިވާނަމަ" މިއަޅާއަށް އޭނާގެ ކައިވެނި ދެއްވެވުން އެދިއެވެ.

ގިނަ މީހުންނަށް ލޯބިވެވުމުން، ނުވަތަ މީހަކާއި ރުހެވުމުން މިކަން ހަނދާނަކު ނުހުރެއެވެ! ދުޢާކުރަނީ މިވެނި މީހަކު ދެއްވެވުން އެދިއެވެ. ﷲ ތަޢާލާ އެދުޢާ އެމީހަކު ކުރިފަދައިން ޢިޖާބަކުރައްވަވަނީއެވެ. ނަމަވެސް އެމީހާއަކީ ތިބާގެ ޙަޔާތަށް ގެންނަން އެންމެ ރަނގަޅު މީހާކަމުގައި ވެގެނެއް ނޫނެވެ.

ކައިވެނިތައް ރޫޅެން ދިމާވާ އެއް މައްސަލައަކީ މިއީ ކަމުގައިވެދާނެއެވެ. ވީމާ ދުޢާކުރާއިރު މީހާ ނިންމައިގެން ދުޢާނުކުރާށެވެ! އަދި އެހެން ކަމަކަށް އެދިގެން ދުޢާކުރި ނަމަވެސް އެކަމަކީ ތިމާއަށް ދެދުނިޔޭގައި ފައިދާކުރާނެ ކަމެއް ނަމަ ތިމާއަށް ދެއްވެވުން އެދި ދުޢާކުރާށެވެ! ވަކިމީހަކު ނުދެންނެވި ނަމަވެސް ތިބާށގެ ހިތުގައި އޮތް ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ދުޢާގެ ޙަޤީޤީ ފައިދާ ލިބިގެންދާނީ އެއިރުންނެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން