މަތީ މަޤާމުތަކުގައި ތިބޭ މީހުންގެ ގާތަށް ނުވަތަ ތަނަވަސްކަން ލިބިގެންވާ މީހުންގެ ގާތަށް ނިކަމެތި މީހަކު ކަމަކު އެދިގެން ދިއުމުން އެއީ މާދަށުދަރަޖައިގެ މީހަކު ކަމަށް ބަލައި ބައްދަލުނުކުރާ މީހުންވެސް މަދެއް ނޫނެވެ. އެމީހުން ފޮނުވާ ސިޓީތަކަށާ އީމޭލްތަކަށް ޖަވާބުނުދޭ މީހުންވެސް މަދެއް ނޫނެވެ. އެފަދައިން ކަންކަންކުރާ މީހުންނަށް އެކުރެވެނީ ވަރަށް ބޮޑުކުށެކެވެ. އެތިބީ ވަރަށް ބޮޑަށް މަގުފުރެދިފައެވެ.
އެއްވެސް މީހަކަށްވުރެ ދަށުދަރަޖައިގެ މީހެއްކަމަށް ނުވަތަ ތިމާއަކީ އޭނާއަށްވުރެ މާމޮޅު މީހެއްކަމަށް ހީވެސް ނުކުރާށެވެ. އެއީ މާދަށުދަރަޖައިގެ މީހެއްކަމަށް ކަމަށް ތިބާއަށް ހީކުރެވޭ މީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާއަށްވުރެ މާމަތީ ދަރަޖައިގައި ލައްވަވާފައިވާ މީހެއް ނޫންކަން ތިބާއަށް އެނގެނީ ކިހިނަކުންހެއްޔެވެ؟ މިއީ ކީރިތި ޤުރްއާނުން އެނގެން އޮތް ކަމެކެވެ.
އާދަމްގެފާނު ޚަލްޤްކުރެއްވެވުމަށްފަހު އާދަމްގެފާނަށް ސަޖިދަކުރުމަށް ﷲ ތަޢާލާ އަމުރުކުރެއްވެވި ހިނދު އިބްލީސް އެކަމަށް ދެކޮޅު ހަދައި ސަބަބު ބަޔާންކުރިއެވެ. އެއީ އޭނާ އަލިފާނުން ހައްދަވައި އާދަމްގެފާނު މަށީން ޚަލްޤްކުރައްވަވާފައިވުމުން އޭނާގެ ދަރަޖަ އާދަމްގެފާނަށްވުރެ މާމަތިވެރިކަމަށް އޭނާ ޤަބޫލުކުރުމެވެ!
ﷲ ތަޢާލާ ވަނީ އިބިލީހުގެ ޢުޒުރު ނުވަތަ ބަހަނާ ޤަބޫލުފުޅު ނުކުރައްވަވައިފައެވެ. ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާނީ އިބިލީހަށް ކަމުގައި ކަނޑައަޅުއްވަވައިފައެވެ. އިބިލީހަކީ މުޅި އިންސާނިއްޔަތުގެ އެންމެ ބޮޑު ޢަދާވާތްތެރިޔާއެވެ! މީސްތަކުން މަގުފުރައްދައި ނަރަކައަށް ވައްދުވަން ގަދައަޅައި މަސައްކަތްކުރަނީ އެ ޢަދާވާތްތެރިކަން ބޮޑުކަމުންނެވެ. އިންސާނުންނަށް އޮތް ޙަސަދައިގެބޮޑުކަމުންނެވެ!
މިއަދު މީސްތަކުން ތިމާއަކީ މާމޮޅު މީހެއްކަމަށް ދެކެ އެހެން މީހުންނަކީ މާދަށުދަރަޖައިގެ ބައަކު ކަމުގައި ދެކެނީ މިވަރުގެ ސަބަބެއްވެސް ނެތިއެވެ. އަނެއް އިންސާނާއަށްވުރެ އެހެން އިންސާނުން މާދަށުދަރަޖައިގައިވާކަމަށް ޤަބޫލުކުރަނީ ހަމަ އެއް ދަރަޖައެއްގައި ތިބެއެވެ. ވީމާ އަހުރެން ދެކޭ ގޮތުގައި ތިމާއަކީ އެހެން އިންސާނުންނަށްވުރެ މަތީ ދަރަޖައިގައިވާ މީހެއް ކަމަށް ޤަބޫލުކުރާނަމަ އެމީހާގެ ނުބައިކަން ﷲ ތަޢާލާ އެންމެ ބޮޑަށް ލަޢްނަތް ލައްވަވާފައިވާ އިބްލީހަށްވުރެ މާބޮޑެވެ!
--ޝައިޚް އަބޫބަކުރު ޒައުގެ ދަރުސަކުން