ތިމާއަށް އެކަމެއްގެ ޙަޤީޤަތް ނުއެނގިހުރެ އެނގޭކަމަށް ބުނުމަކީވެސް ދޮގުހެދުމެވެ. މިޘާލަކަށް މީހަކު ކަމަކާއިބެހޭ ގޮތުން ސުވާލުކުރީއެވެ. އެކަމުގެ ޙަޤީޤަތް ނުއެނގިހުރެ ޖަވާބުދިނީއެވެ. އަދި އެދެވުނީ ރަނގަޅު ޖަވާބުކަމަށްވެސް ވެދާނެއެވެ. އެކަމަކު އެކަމުގެ ޙަޤީޤަތް ނުއެނގިހުރެ ބުނި ބުނުން ވާނީ ހެދުނު ދޮގަކަށެވެ. ލިޔުއްވަވާނީ ދޮގުހެދިކަމަށެވެ.
ވީމާ ރަނގަޅަށް ނުއެނގޭ ކަންކަމުގައި އެނގޭ މީހަކު އެނގިހުރެ ބުނާނެ ގޮތަށް ނުބުނާށެވެ. އެއިގެ ބަދަލުގައި ޖަވާބު ނުއެނގޭކަމަށް ބުނާށެވެ. އަދި ފަހަރެއްގައި މިވެނި އެވެނިހެންވެސް ވެދާނެ ކަމަށް ބުނާށެވެ. އެއިރުން ދޮގުހެދިކަމުގެ ފާފައެއް ނުލިބޭނެއެވެ. އިން ޝާ ﷲ
ބައެއް މީހުން މިފަދަ ކަންކަމަށް ފަރުވާ ނުބަހައްޓާކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަބަދުވެސް މަސައްކަތްކުރަންވާނީ ކިތަންމެ ކުޑަ ފާފައެއްވެސް ނުކުރުމަށެވެ. އަދި ދޮގުހެދުމަކީ ކުޑަ ފާފައެއް ކަމަށް ދެކެގެން ނުވާނެއެވެ. އެއީ ޙައްދުޖަހަންވެސް ޖެހޭ ކަމެކެވެ.
ދެން ބުނެލަން ބޭނުމީ ތިމާއަށް ނުއެނގޭ ކަމެއް އެނގޭކަމަށް ގިނަފަހަރު ބުނަނީ ނުއެނގޭ ކަމަށް ބުނަން ލަދުންނެވެ. ނުއެނގޭ ކަމެއް ނުއެނގޭކަމަށް ބުނުމަކީ ޙަޤީޤަތުގައި ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. އެއީ މީހާގެ އަގު އުފިލިގެންދާނެ ކަމެކެވެ. އަދި އެއީ އެމީހާގެ މައްޗަށް އިތުބާރު ބޮޑުވެގެންދާނެވެސް ކަމެކެވެ. އެއީ އެމީހަކު އެނގޭކަމަށް ބުނެފިނަމަ އެބުނަނީ ޙައްޤު ތެދުބަސްކަން އަނެކާއަށް ޔަޤީންކުރެވޭނެތީއެވެ. އެއިގެ ބަދަލުގައި ނުއެނގޭކަންކަން އެނގޭކަމަސް ބުނާނަމަ އެމީހަކަށް އެކަކުވެސް އިތުބާރެއް ނުކުރާނެއެވެ!
- ބިލާލް އައްސަދުގެ ދަރުސަކުން