ނަމާދުނުކުރާ މީހުން ވިސްނާށެވެ! ނަމާދުނުކުރިޔަސް ދުނިޔޭގައި އެބަ އުޅެވެއެވެ. އުފަލުގައިވެސް އެބަ އުޅެވެއެވެ. ނަމަވެސް މަރުވާ ވަޤުތުން ފެށިގެން އެކަމަށް ކުރިމަތިލާން އެބަޖެހެއެވެ. އެކަމުގެ ހެކިތައް މިހާރުވެސް ގެންދަވަނީ ދައްކަވަމުންނެވެ. ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މިއީވެސް ޝައިޚް ޢައްބާސް އަޅުގަނޑަށް ވިދާޅުވެދެއްވި ވާހަކައެކެވެ.
މަރުވެގެން ހިނަވައި ވަޅުލާން ގެނެވުނު އިސްކޮޅުން އެހައި ބޮޑުނޫން އަންހެނެކެވެ. ހިނަވައި ހަދައިގެން ގެންގޮސް ކައްވަޅަށް ތރިކުރަންވެގެން އަށިގަނޑުން ނަގަން އުޅެގެން ހިއްލައިލެވޭނެ ގޮތެއް ނުވިއެވެ. އޭނާގެ ހުރިހާ ދަރިން މަސައްކަތްކޮށް ނުކުރެވިގެން ޖަނާޒާގައި ބައިވެރިވި އެހެން މީހުން އެކަމުގައި ބައިވެރިވެގެންވެސް ހިއްލައެއް ނުލެވުނެވެ.
ދެން ޝައިޚް ތަންކޮޅެއް ފެންވަރު މަތީ ޝައިޚަކަށް ގުޅައި އެވާހަކަތައް ވިދާޅުވެ ލަފައަކަށް އެދިވަޑައިގަތުމުން އެ ޝައިޚްވެސް ވިދާޅުވީ ޢަމަލުކުރާނެ ވަކިގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ޤަބުރު ކައިރީގައި ޤުރްއާން ކިޔެވުމަށެވެ. އެހެންވެ ޝައިޚް ޤުރްއާން ވިދާޅުވަން ފެށްޓެވުމުން ފުރަތަމަ ހިއްލައިލެވުނީ ފައެވެ. އިރުކޮޅަކުން ކައްވަޅަށް ތިރިކުރެވޭނެ ގޮތް ވެއްޖެއެވެ.
ނަމަވެސް ކައްވަޅަށް ތިރިކުރި ވަގުތު ބަރުވެ ނުހިފެހެއްޓިގެން 3 ދަރިން އެކުގައި ވެއްޓުނެވެ. ކޮންމެއަކަސް ވަޅުގައި ބޭއްވުމަށްފަހު އެއް ދަރިފުޅު އޭނާގެ މަންމަގެ މޫނު ބަލާލަން ބޭނުންވުމުން ހުއްދަދިނީމެވެ. ކުރިންސުރެ ރޮމުން އައި އެދަރިފުޅު މަންމަގެ މޫނުބަލައިލުމަށްފަހު ކުރިއަށްވުރެ ބާރަށް ރޯން ފެށިއެވެ. ބުނީ ވަޅުމިލެވެނީ އޭނާގެ މަންމަ ނޫން ކަމަށެވެ. ނަމަވެސް އެއީ އޭނާގެ މަންމަކަން އޭނާއަށް އެނގެންވެސް އެނގެއެވެ.
ވަޅުލައި ނިމިގެން މަންމަގެ ވާހަކަ ކިޔައިދޭނެ ކަމަށްބުނި ނަމަވެސް ކިޔައިނުދީ އެދުވަހު ދިއައީއެވެ. ދެން އެއިގެ މަސްތަކެއްފަހުން އޭނާ އާއި ޝައިޚާއި ޖަނާޒާއަކުން ބައްދަލުވިއެވެ. ޒުވާނާހުރީ ތުނބުޅި ދިގުކޮށްފައެވެ. ނަމާދުކުރާތީ ނިތްކުރީގައި ކުރަވެސް ހުއްޓެވެ. އެޒުވާނާ އަމިއްލައަށް ތަޢާރަފްވުމުން އޭނާގެ މަންމަގެ ވާހަކަ ކިޔައިދޭން އެދުވަހު ވީވަޢުދުގެމަތިން ޝައިޚް ހަނދާންކޮށްދިނުމުން ކިޔައިދިނެވެ.
"އަޅުގަނޑުގެ މަންމަ އަކީ ދުވަހަކުވެސް ނަމާދެއްކުރި އަންހެނެއް ނޫނެވެ. ދެން އެދުވަހު މޫނުބަލާފައި ބާރަށް ރޮވުނީ މަންމަގެ މޫނު ކަޅުވެ ހިލަގަނޑެއްހެން އޮތުމުންނެވެ."
ވިސްނައިލާށެވެ! ނަމާދުނުކުރާ ކޮންމެ މީހަކާއިމެދު މިފަދަ ކަންކަން ނުފެނިދާނެއެވެ. ކިތަންމެ މަދު މީހެއްގެ ކިބައިންނަމަވެސް މިފަދަ ކަންކަން ދައްކަވަނީ ދިރިތިބި މީހުންނަށް ޢިބްރަތަކަށެވެ.
ރަސޫލް ﷺ ގެ ހަދީޘްފުޅު ހަނދާންކޮށްލާށެވެ. ކައްވަޅުގެ ޢަޛާބުގެ ކަންކަން ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ޙަދީޘްފުޅު ބަލާށެވެ. ޤިޔާމަތާއި ހަމައަށް ދާންދެން އެމީހެއްގެ ބޯ ހިލައަކުން ޖަހައި ޗިސްކުރެވިކުރެވި ކައްވަޅުގައި ޢަޛާބް ލިބޭނެ މީހާގެ ވާހަކައިން މިހުންނަނީ ވެދާނެކަންކަން ކަމުގައި ޤަބޫލުކުރެވޭނެއެވެ.
މީސްތަކުންނޭވެ! ކައްވަޅުގެ ޢަޛާބުންނާއި އަދި ނަރަކައިގެ ޢަޛާބުން ސަލާމަތްވުމަށްވެސް ނަމާދު ނުއަޅައި ފަރުޟު 5 ނަމާދާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވެ ނަމާދުކުރަމުން ގެންދާށެވެ.
- ޝައިޚް މުޙައްމަދު އަލްނަޤްވީ
(ވާހަކައިގައި ޤަބުރު ކައްވަޅަށް ތިރިކުރަން އުޅުމުން މެދުވެރި ކަމެއްކަމަށް ލިޔެފައި އޮތުމުން އެކަން ސާފުނުވެދާނެ ކަމަށްޓަކައި ބުނަމެވެ. ރާއްޖޭގައި ސަންދޯއް ވަޅަށް ތިރިކުރިނަމަވެސް ގިނަ ޤައުމުތަކުގައި މައްޔިތާ ކައްވަޅު ކައިރިއަށް ގެންދާނީ އަށްޓެއްގެ މަތީގައެވެ. ކައްވަޅަށް ތިރިކޮށް ވަޅުލާނީ ޤަބުރެވެ. މައްޔިތާގެ ގައަށް ވެލިއެޅުނަ ނުދިނުމަށް ބަހައްޓާނީ ފިލާބުރިތަކެކެވެ.)
ޝައިޚުގެ ފަރާތްޕުޅުން މިއަދުނޫހުގައި ޝާއިޢުކުރަމުން މިގެންދާ މިފަދަ ވާހަކަތަކާއި ގުޅިގެން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. ޝައިޚަކީ ކުވައިތުގެ ޢިލްމުވެރިއެކެވެ. އިމާމްވެ ހުކުރުކުރައްވާ ޚަޠީބެކެވެ. ދީނީ ނަޞޭޙަތް ދެއްވުމުގައި އަވަދިނެތި އުޅުއްވާ އިސްލާމީ ދުނިޔެ އިޙްތިރާމްކުރާ ޢިލްމުވެރިއެކެވެ.